Roadha Mihaaru
ގްރާންޑޭ ބަލިކޮށް ހުޅުމާލޭ ވެޓެރަންސް ތަށި ދިފާއުކޮށްފި

ގްރާންޑޭ ބަލިކޮށް ހުޅުމާލޭ ވެޓެރަންސް ތަށި ދިފާއު ކޮށްފި

20 އެޕްރީލް 2023

ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާ ވާދަކޮށް 5-2 އިން މެޗު ކާމިޔާބުކޮށް ހުޅުމާލޭ ވެޓެރަންސް ކްލަބުން، ރަމަޟާން މަހުގެ ވެޓެރަންސް ލީގުގެ ތަށި ދިފާއު ކޮށްފި އެވެ.

ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާ ވާދަކޮށް 5-2 އިން މެޗު ކާމިޔާބުކޮށް ހުޅުމާލޭ ވެޓެރަންސް ކްލަބުން، ރަމަޟާން މަހުގެ ވެޓެރަންސް ލީގުގެ ތަށި ދިފާއު ކޮށްފި އެވެ.

މިއީ ހުޅުމާލެ ވެޓެރަންސް މުބާރާޓް ކާމިޔާބު ކުރި ދެވަނަ ފަހަރެވެ. ދެފަހަރު ވެސް ޗެމްޕިއަންކަން ހޯދީ މެޗަކުން ބަލި ނުވެ އެވެ.

އެފްއޭއެމް އެއް ނަމްބަރު ޓާފް ދަނޑުގައި މިއަދު ހަވީރު ކުޅުނު ފައިނަލް މެޗުގައި މިދިޔަ އަހަރުގެ ވެސް ޗެމްޕިއަން ހުޅުމާލޭ ޓީމުން ވަނީ ވަރަށް ކުރީކޮޅު ލީޑު ނަގައިފަ އެވެ. މެޗުގެ 11 ވަނަ މިނިޓުގައި ނާފިއު މުހައްމަދު ހާމިދުގެ ޕާހަކުން މި ލަނޑު އެޓީމަށް ޖަހައިދިނީ އަހުމަދު ގިތުރީސް އެވެ.

ހުޅުމާލޭ ވެޓެރަންސް އިން ލީޑު ނެގިތާ މާގިނައިރެއް ނުވެ 15 ވަނަ މިނިޓުގައި ގްރާންޑޭ އިން ނަތީޖާ އެއްވަރު ކުރި އެވެ. މިއީ އަބްދުﷲ ވަހީދު (ބިންމާ އައްލޯ) ފޮނުވާލި ހަމަލާ ހުޅުމާލޭ ވެޓެރަންސްގެ ކީޕަރު ހަސަން ރަމީޒް (ޓިމޯ) އަތުން ބޯޅަ ދޫވެގެން ބޯޅަ ގޯލަށް ވަދެގެން ދަ ގްރާންޑޭ އިން ކާމިޔާބު ކުރި ގޯލެކެވެ.

ހުޅުމާލޭ ވެޓެރަންސް ކްލަބުގެ މަޖިއްޓޭ އެޓީމުން ދެވަނަ ފަހަރަށް ލީޑު ނެގި ގޯލު ޖަހަނީ.-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

ހުޅުމާލޭ ވެޓެރަންސް ކްލަބުގެ މަޖިއްޓޭ އެޓީމުން ދެވަނަ ފަހަރަށް ލީޑު ނެގި ގޯލު ޖަހަނީ.-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

ނަމަވެސް ފުރަތަމަ ހާފު ހުޅުމާލޭ ވެޓެރަންސް ނިންމާލީ ހާފުގެ އިތުރު ވަގުތުގައި އަހުމަދު ނާޒް (އާކޭ) ގެ އެހީއާ އެކު އަބްދުލް މަޖީދު އިބްރާހިމް (މަޖިއްޓޭ) ކާމިޔާބު ކޮށްދިން ގޯލުން ދެވަނަ ފަހަރަށް ލީޑު ނަގައިގެންނެވެ. މަޖިއްޓޭ ވަނީ ދެވަނަ ހާފު ފެށިގެން ފަސްވަނަ މިނިޓުގައި ހުޅުމާލޭ ވެޓެރަންސްގެ ތިންވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްދީފަ އެވެ.

ދަ ގްރާންޑޭ ޓީމުގެ އަހުމަދު ޝަކީބް އެޓީމަށް ދެވަނަ ގޯލެއް ޖަހައިދީ ފަރަގު ކުޑަ ކޮށްދީފައި ވަނިކޮށް ހުޅުމާލޭ ވެޓެރަންސް ވަނީ އިތުރު ދެ ގޯލު ޖަހައި މެޗުގެ ކޮންޓްރޯލް ހޯދައިފަ އެވެ. އެޓީމުގެ ހަތަރުވަނަ ލަނޑު ލިބުނު ޕެނަލްޓީއަކުން ޖަހައިދިނީ އަހުމަދު ނިޔާޒް (ނިޔާ) އެވެ. މިއީ ހުސެއިން ސިމާޒް (ކޮކީ) އަށް ގްރާންޑޭގެ ހަފީޒް ކުރި ފައުލަކަށް ދިން ޕެނަލްޓީއެކެވެ. އަދި ފުރިހަމަ ވަގުތު ހަމަވާން ތިން މިނިޓަށް ވެފައި ވަނިކޮށް ފަސްވަނަ ލަނޑު ޖަހައިދިނީ މެޗުގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވުނު ގިތުރީސް އެވެ.

މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމާއި އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ގްރާންޑޭގެ އަހުމަދު ޝަކީބް އެވެ. އޭނާ ވަނީ މުބާރާތުގައި ފަސް ގޯލު ޖަހައިފަ އެވެ.

މިއަހަރުގެ މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރަކަށް ހޮވުނީ ދިވެހި ސިފައިންގެ ކްލަބްގެ ކީޕަރު ހުސެއިން އަހުމަދެވެ. އަދި ފެއާ ޕްލޭ ޓީމަކަށް ހޮވުނީ މޯލްޑިވްސް ސޮކަ މޭޓްސް (އެމްއެސްއެމް) އެވެ.