Roadha Mihaaru
ކީޕަރު އިމްރާންގެ ގޯލަކާ އެކު އެމްއެސްއެމް ކުރިއަށް

ކީޕަރު އިމްރާންގެ ގޯލަކާ އެކު އެމްއެސްއެމް އެއް ވަނައަށް

13 އެޕްރީލް 2023

އެފްއޭއެމް ވެޓެރަންސް ލީގުގައި ކުރީގެ ގޯލްކީޕަރު އިމްރާން މުހައްމަދު (އިންމަ) ޖެހި ގޯލަކާ އެކު 7-0 އިން ޕޮލިސް ކްލަބް ބަލިކޮށް މޯލްޑިވްސް ސޮކާ މޭޓްސް (އެމްއެސްއެމް) ގުރޫޕް ސީގެ އެއް ވަނަ ހޯދައިފި އެވެ.

އެފްއޭއެމް ވެޓެރަންސް ލީގުގައި ކުރީގެ ގޯލްކީޕަރު އިމްރާން މުހައްމަދު (އިންމަ) ޖެހި ގޯލަކާ އެކު 7-0 އިން ޕޮލިސް ކްލަބް ބަލިކޮށް މޯލްޑިވްސް ސޮކާ މޭޓްސް (އެމްއެސްއެމް) ގުރޫޕް ސީގެ އެއް ވަނަ ހޯދައިފި އެވެ.

އައްސަދު އަބްދުލް ގަނީ އާއި އިސްމާއިލް އަނިލް، މިއިން ކޮންމެ ކުޅުންތެރިއެއް ވަނީ އެމްއެސްއެމް އަށް މި މެޗުގައި ދެ ގޯލު ޖަހައިދީފަ އެވެ. އަދި އާދަމް ލަރީފް (ރޮނާ) އާއި އަހުމަދު އަޝްހަމް ވެސް ވަނީ ލަނޑެއް ކާމިޔާބު ކޮށްފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ އަނިލް އެވެ.

އިންމަ ކާމިޔާބު ކުރީ އެ ޓީމުގެ ފަހު ލަނޑެވެ. މެޗުގައި ވެސް ފުރަތަމަ ހާފު ގޯލަށް ކުޅެފައި، ކުރިއަށް އެރީ ފަހު ހާފުގައި ބަދަލު ކީޕަރު މުހައްމަދު ޝިނާން (ނާނި) އާ ގޯލު ހަވާލު ކޮށްފަ އެވެ.

މި މެޗާ ކުރިމަތި ލީއިރު ވެސް އެމްއެސްއެމް އާއި ޕޮލިސް ކްލަބަށް ވަނީ ކުއާޓާ ފައިނަލުން ޖާގަ ޔަގީން ކޮށްފަ އެވެ. މެޗު ކާމިޔާބު ކޮށް އެމްއެސްއެމް ގުރޫޕްގެ އެއް ވަނަ ހޯދީ ތިން މެޗުން ހަތް ޕޮއިންޓް ހޯދައިގެންނެވެ. ޕޮލިސް ކްލަބަށް ވަނީ ތިން މެޗުން ހަތަރު ޕޮއިންޓް ލިބިފަ އެވެ.

މި ގުރޫޕުން ތިން ޓީމަށް ކުއާޓާގެ ޖާގަ ލިބޭއިރު، ގުރޫޕުގައި ދެން ހިމެނެނީ ހުއްރިއްޔާ ސްޕޯޓްސް ކްލަބާއި ކްލަބް ގްރީން ސްޓްރީޓްސް އެވެ. ހުއްރިއްޔާ މިހާތަނަށް ކުޅުނު ދެ މެޗު ވެސް ވަނީ އެއްވަރުވެފަ އެވެ. އަދި ގްރީން ސްޓްރީޓްސް ކުޅުނު ދެ މެޗުން ވެސް ވަނީ ބަލި ވެފަ އެވެ. ގުރޫޕްގެ ފަހު މެޗުގައި ހުއްރިއްޔާ އާއި ގްރީން ބައްދަލުކުރާ މެޗު އޮންނާނީ އަންނަ ހުކުރު ދުވަހުގެ ހަވީރެވެ.

މިއަދު ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ދިވެހި ސިފައިންގެ ކްލަބާއި ސްޓެލްކޯ އެވެ. މިއީ ގުރޫޕް ބީގެ ފަހު މެޗެވެ.

ގުރޫޕް ބީ ގައި ސިފައިންނާއި ސްޓެލްކޯގެ އިތުރުން ދެން ވާދަކުރަނީ އެންމެ ފަހުގެ ޗެމްޕިއަން ހުޅުމާލެ ވެޓެރަންސް އާއި ނިއު ރޭޑިއަންޓް އަދި ސްޓެލްކޯ އެވެ. ކުޅުނު ތިން މެޗުން ހަތް ޕޮއިންޓް ހޯދައިގެން އެއްވަނަ ޓީމުގެ ގޮތުގައި ހުޅުމާލެ ވެޓެރަންސް ވަނީ ކުއާޓާއަށް ދަތުރު ކޮށްފަ އެވެ. ސިފައިންނާއި ނިއު ރޭޑިއަންޓަށް ވެސް ދެ ޕޮއިންޓް ލިބިފައި ވާއިރު ސްޓެލްކޯ އަށް ވަނީ ޕޮއިންޓެއް ލިބިފަ އެވެ.