Roadha Mihaaru

ވަޑިއިއްބެގެ ހިޔާލީ ކުރެހުން، އަދި ގަބޫލުކުރަން ދަތިވި ހަގީގަތް

12 އެޕްރީލް 2023

ކިއްސަރުވަޑާމުގެ މަޝްހޫރު ރަށަކަށް ރ. އަލިފުށި ވުމަކީ، ބޯޓު ބަނުމުގެ މަސައްކަތަށް އިބްރާހިމް މުހައްމަދުގެ ޝައުގުވެރިކަން ދަމައިގަތް ސަބަބެވެ. ޒުވާން އުމުރުގައި މި ދާއިރާ އަށް ނުކުމެ، ބުރަ މަސައްކަތްކުރި އެވެ. އޭގެ ނަތީޖާއަކަށް ވީ، މި ރަށުގައި ހުރި އެންމެ ކާމިޔާބު އެއް ވަޑިއަކަށް އޭނާ ވުމެވެ.

އިފްރާޒް އަލީ ރ. އަލިފުށިން އިފްރާޒް އަލީ

ކިއްސަރުވަޑާމުގެ މަޝްހޫރު ރަށަކަށް ރ. އަލިފުށި ވުމަކީ، ބޯޓު ބަނުމުގެ މަސައްކަތަށް އިބްރާހިމް މުހައްމަދުގެ ޝައުގުވެރިކަން ދަމައިގަތް ސަބަބެވެ. ޒުވާން އުމުރުގައި މި ދާއިރާ އަށް ނުކުމެ، ބުރަ މަސައްކަތްކުރި އެވެ. އޭގެ ނަތީޖާއަކަށް ވީ، މި ރަށުގައި ހުރި އެންމެ ކާމިޔާބު އެއް ވަޑިއަކަށް އޭނާ ވުމެވެ.

ގިނަ ބަޔަކަށް މިހާރު އޭނާ އެނގެނީ ވެސް ވަޑި އިއްބެގެ ނަމުންނެވެ.

އިއްބެ ބުނި ގޮތުގައި، އޭނާ ބޯޓު ބަނުމުގެ މަސައްކަތަށް ނުކުތީ 1997 ވަނަ އަހަރު މި ރަށުގައި ހިންގި ދެ އަހަރު ދުވަހުގެ ވަޑި ކޯހެއް ފުރިހަމަކޮށްގެންނެވެ.

"މި ރަށަކީ ކިއްސަރުވަޑާމުގެ މަޝްހޫރު ރަށަކަށް ވެފައި ވަޑިންތަކެއް ވަރަށް ބައިވަރު އުޅޭ. ދެން އޭގެ އިތުރުން، މި ރަށުގައި ފަސޭހައިން ވަޑިކަން ކިޔެވޭނެ ކޯހާ އެއްޗެހި އޭރު ހިންގާތީ ކިޔެވީ،" 43 އަހަރުގެ އިއްބެ ބުންޏެވެ.

އެކަމަކު ކޯސް ނިންމައި އޭނާ މަސައްކަތް ފެށީ ރަށުން ބޭރުގަ އެވެ. ގުރޫޕް ހަދައިގެން އެކި ރަށްރަށް ގޮސް މަސައްކަތްކުރި އެވެ. އަދި ރިސޯޓުގައި ވެސް މަސައްކަތްކުރި އެވެ. އަލިފުށީގެ ބޯޓު ޔާޑުގައި މަސައްކަތް ކުރަން ފެށީ އަދި މާ ފަހުންނެވެ.

ވަޑި އިއްބެ ދޯންޏެއްގެ މަސައްކަތުގައި: އަމިއްލަ ކުންފުންޏެއް ހަދައިގެން ބޯޓު ބަނުމުގެ މަސައްކަތް އޭނާ އަންނަނީ ކުރަމުން.

ވަޑި އިއްބެ ދޯންޏެއްގެ މަސައްކަތުގައި: އަމިއްލަ ކުންފުންޏެއް ހަދައިގެން ބޯޓު ބަނުމުގެ މަސައްކަތް އޭނާ އަންނަނީ ކުރަމުން.

"ރިސޯޓެއްގައި ރޫމްބޯއީ ކަން ވެސް ކުރި. އެއީ ސިއްރު ފެންފުށީގައި. ފަހުން އެ ރިސޯޓުގެ ވަޑާން ގޭގައި ޗީފް ކާޕެންޓާއަކަށް ވެސް އުޅުނިން،" އިއްބެ ބުންޏެވެ.

"އަޅުގަނޑު މި ދާއިރާ އަށް ނުކުތީ އެހާ މައްޗަށް ކިޔަވައިގެނެއް ނޫން. އެހެން ނަމަވެސް، ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްގެން މި ހިސާބަށް އާދެވުނީ."

އަލިފުށި ބޯޓު ޔާޑުގެ ފުރަތަމަ ސްލިޕްވޭ

އަލިފުށީގައި ބޯޓު ބަނުމުގެ މަސައްކަތް އިއްބެ ފެށީ "ގޯ ގުޑް މޯލްޑިވްސް"ގެ ނަމުގައި އަމިއްލަ ކުންފުންޏެއް ހަދައިގެންނެވެ. އެއީ 2016 ވަނަ އަހަރު އެވެ. ރަށުގައި މަސައްކަތް ކުރަން ފެށިއިރު، އިއްބެ ބޭނުންވީ ތަފާތެއް ދައްކާށެވެ. އޭނާ އެކަން ވެސް ކާމިޔާބުކުރި އެވެ.

އަލިފުށީގައި ބޯޓު ޔާޑުގައި ހަދާފައިވާ ސްލިޕްވޭ: މިއީ އިއްބެގެ ޓީމުގެ މަސައްކަތެއް.

އަލިފުށީގައި ބޯޓު ޔާޑުގައި ހަދާފައިވާ ސްލިޕްވޭ: މިއީ އިއްބެގެ ޓީމުގެ މަސައްކަތެއް.

އޭރު މި ރަށު ބޯޓު ޔާޑުގައި ސްލިޕްވޭއެއް (ބޯޓު އެހެލާއި ބާލުވަން ހާއްސަ ވަސީލަތެއް) ނެތެވެ.

"ސިލްޕްވޭގެ މަސައްކަތް އަލިފުށީގައި އަލަށް ފެށީމަ ބައެއް މީހުން ބުނި ތިކަމެއް ނުވާނެއޭ ވެސް. ނަމަވެސް އެއީ އެހާ ރަނގަޅު ވާހަކައަކަށް ނުބަލައި، ހެވީ މެޝިނަރީ ވެސް ބޭނުންނުކޮށް، ޕްރެކްޓިކަލީ އަޅުގަނޑުމެންގެ އަމިއްލަ ހިޔާލަށް ކުރަހައިގެން ހެދި ސްލިޕްވޭއެއް މިއޮތީ،" އިއްބެ ބުންޏެވެ.

"މި ސްލިޕްވޭ ހަދާ ނިމުނު ފަހުން މިވީ ދޮޅު އަހަރުގެ ތެރޭގައި އަޅުގަނޑުމެންނަށް 250 އެއްހާ ދޯނިފަހަރު އެހެލެވިއްޖެ."

މާލެއިން އުތުރުގައި އޮންނަ އަތޮޅުތަކުން ވަރަށް ގިނަ ދޯނިފަހަރު އަލިފުއްޓަށް އެހެލަ އެވެ.

ލޯންޗެއްގެ މަސައްކަތްކުރަނީ: އިއްބެ ކުންފުނިން ބޯޓުފަހަރާއި ދޯންޏާއި ލޯންޗުފަހަރުގެ އެކި މަސައްކަތްތައް ކުރޭ.

ލޯންޗެއްގެ މަސައްކަތްކުރަނީ: އިއްބެ ކުންފުނިން ބޯޓުފަހަރާއި ދޯންޏާއި ލޯންޗުފަހަރުގެ އެކި މަސައްކަތްތައް ކުރޭ.

އިއްބެގެ ކުންފުނިން އަންނަނީ ބޯޓު ބިލްޑިންނާއި ބޯޓު ޑިޒައިންކުރުމާއި ބޯޓު ރިޕެއަރިންނާއި ޑޮކިންނާއި އަން-ޑޮކިންނާއި އަދި ބޯޓު ބަނުމާ ގުޅުންހުރި އެހެން ހުރިހާ ހިދުމަތެއް ވެސް ދެމުންނެވެ.

ޒުވާނުން މަދުވެ، ގޮންޖެހުން ބޮޑު

އިއްބެ ބުނި ގޮތުގައި، ބޯޓު ބަނުމުގެ ދާއިރާގައި މިހާރު ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ މި މަސައްކަތް ކުރާނެ މީހުން ބިނާނުކުރެވުމެވެ. އަދި ކަމޭހިތައިގެން މި މަސައްކަތް ކުރާނެ ޒުވާނުން ނުވުމެވެ.

"ޒުވާނުން މިހާރު ވަރަށް މަދުގައި މި މަސައްކަތުގައި. ގިނަ ފަހަރު މިވާ ގޮތަކީ އެހާ ބުރަކޮށް މަސައްކަތްކުރުން ވެސް އެ ކުދިންނަށް ވަނީ މި ޒަމާނުގައި ލޯ ކަމަކަށް. ފައިބަރު މަސައްކަތާއި ތަފާތު ޕްރެކްޓިކަލް މަސައްކަތްތަކުގައި އުޅެން ބޭނުންނުވަނީ. ސްކޫލުން ނިމޭ ކުދިން ވެސް މި ކަހަލަ މަސައްކަތްތަކަށް ހޭލުންތެރިވެފައެއް ނުހުރޭ،" އޭނާ ބުންޏެވެ.

އިއްބެ ބުނީ އަލިފުށީގައި ބޯޓު ބިލްޑިން ކިޔެވޭނެ ގޮތެއް މިހާރު ނެތުމާއި ކުދިން ބިނާކުރާ ރަނގަޅު މަރުކަޒެއް ވެސް ނެތުމަކީ ދިމާވާ ދައްޗެއް ކަމަށެވެ.

އަލިފުށި ސްކޫލަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ސްކޫލް ގޯތިތެރޭގައި އިއްބެގެ ކުންފުނިން ހަދައިދިން މޮނިއުމެންޓް.

އަލިފުށި ސްކޫލަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ސްކޫލް ގޯތިތެރޭގައި އިއްބެގެ ކުންފުނިން ހަދައިދިން މޮނިއުމެންޓް.

"ކުރީގައި މި ރަށުގައި އެކަހަލަ މަރުކަޒެއް ހުރީމަ ވަރަށް ބައިވަރު ކުދިން އެބަހުރި ތަމްރީނުވެފައި،" އޭނާ ބުންޏެވެ.

"މުސްތަގުބަލުގައި އަޅުގަނޑު އެދެނީ މިހާރު މި ރަށުގައި އަޅަން މިއުޅޭ ޓިވެޓް ސެންޓަރާ އެކީގައި މި ދާއިރާއިން ޒުވާނުން އުފެއްދޭނެ ކަމަށް. އެއީ ވަރަށް އުފާވާ ކަމެއް."