24 މާޗް 2023
ކެންސަރުގެ ވޭނުގައި އޭނާ ކަރުނަ އަޅައި ރުއީ، އެންމެ ތިން ފަހަރެވެ. ފަރުވާއަށް އިންޑިއާގައި ހުއްޓާ އިމަޖެންސީގައި ހޮސްޕިޓަލަށް ގެންދަން ޖެހުނު ދުވަހަކީ ފުރަތަމަ ދުވަހެވެ. އެޅި ވޭނަށް ކެތްނުވީ އެވެ. ބާރަށް ރޮއިގަނެވުނެވެ. ދެން ރޮވުނީ ހޮސްޕިޓަލުގައި ބާއްވާފައި އޮއްވާ އޭނާގެ ތުއްތު ދަރިފުޅު ފުރަތަމަ ފަހަރަށް ލޮލަށް ފެނުނު ވަގުތުކޮޅު އެވެ. އަދި އެންމެފަހުން، މި އިންޓަވިއުގަ އެވެ.
ކެންސަރުގެ ވޭނުގައި އޭނާ ކަރުނަ އަޅައި ރުއީ، އެންމެ ތިން ފަހަރެވެ. ފަރުވާއަށް އިންޑިއާގައި ހުއްޓާ އިމަޖެންސީގައި ހޮސްޕިޓަލަށް ގެންދަން ޖެހުނު ދުވަހަކީ ފުރަތަމަ ދުވަހެވެ. އެޅި ވޭނަށް ކެތްނުވީ އެވެ. ބާރަށް ރޮއިގަނެވުނެވެ. ދެން ރޮވުނީ ހޮސްޕިޓަލުގައި ބާއްވާފައި އޮއްވާ އޭނާގެ ތުއްތު ދަރިފުޅު ފުރަތަމަ ފަހަރަށް ލޮލަށް ފެނުނު ވަގުތުކޮޅު އެވެ. އަދި އެންމެފަހުން، މި އިންޓަވިއުގަ އެވެ.
ރ. އަލިފުއްޓަށް އުފަން އަބްދުﷲ ޝާފިއު އަކީ ޕްރޮސްޓޭޓް ކެންސަރުގެ އެންމެފަހު ސްޓޭޖުން ސަލާމަތްވި ޒުވާނެކެވެ. ކެންސަރު ޖެހި، ތަހައްމަލުކުރަން ޖެހުނު ވޭން، 31 އަހަރުގެ މި ޒުވާނާ ކިޔައިދިނެވެ. އަދި މި ކިޔައިދެނީ އެ ވޭނުން ހިތްވަރު ހޯދައި، އުއްމީދު ކަނޑާނުލައި މިހާ ހިސާބަށް އާދެވުނު ގޮތެވެ.
އެއީ މިދިޔަ އަހަރު ޖެނުއަރީގައި މި ރަށުގައި ޕްރެޒިޓެންޑް ކަޕުގެ ފައިނަލު މެޗު ކުޅުނު ދުވަހެވެ. ޝާފިއު ވެސް ހުރީ މެޗު ބަލަން އެތަނުގަ އެވެ. އެކަމަކު މާ ގިނައިރަކު އޭނާއަކަށް ނުހުރެވުނެވެ. ކުއްލިއަކަށް ބަނޑަށް ވާން ފެށި ތަދު، މާ ބޮޑުވާންހެން ހީވުމުން އޭނާ ދިޔައީ ގެއަށެވެ. ބޭސް ގުޅައިގެން ކައިގެން ނިދާނީއޭ ހިތާ އެވެ. އެކަމަކު ނިދޭ ގޮތެއް ވެސް ނުވި އެވެ. ބޭހުގެ އެއްވެސް އަސަރެއް ނުކުރި އެވެ.
އޭގެ ދެތިން ދުވަސް ފަހެވެ. އެއްގޮތަކަށް ރިހުން މަޑުނުވެގެން ގެންދިޔައީ މި ރަށު މަރުކަޒަށެވެ. މަރުކަޒަށް ދައްކައިގެން ރަނގަޅު ނުވުމުން ފޮނުވާލީ މާލެ އަށެވެ.
ޝާފިއު ފަރުވާއަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި.
"އޭރު ވެސް އިނދޭ ކަރުގެ ވާތްފަޅީގައި ގޮށެއް ލައިފައި. އޭރު ހިއެއް ނުކުރަން މިއީ މިކަމާ ގުޅުންހުރި ކަމެއް ކަމަކަށް،" ޝާފިއު ބުންޏެވެ.
"ވަރަށް ވޭނުގައި އުޅުނީ. ކޮޅަކަށް ރީތިކޮށް ނުހުރެވޭ، ހަމަ ކުޑަކޮށް ބެންޑުވެފައި ހުންނަނީ ބަނޑަށް ދަތުވާ ވަރުން. އޭރު މި ގޮށަކު ނުރިއްސާ، ބަނޑުގައި ރިއްސީ. ނުވެއް ނިދޭ، އޮށޯވެގެން ވެސް މިނެޓެއްހާއިރު އެއްގޮތަކަށް އޮވެވެނީ. އިށީނދެގެން ވެސް ނީދެވޭ. ރިހުން އަރާ ގަޑީގައި ނުހިފެހެއްޓިގެން އުޅޭނީ ކައިރީގައި ތިބޭ މީހުންނަށް ވެސް."
މާލެއިން ޑޮކްޓަރަށް ދައްކައިގެން ވެސް ކުރިއެރުމެއް ނުލިބުނެވެ. ވީގޮތެއް، ވާގޮތެއް ވެސް ނޭނގުނެވެ. އެހެންވެ، އާއިލާއިން ބޭނުންވީ ވީއެންމެ އަވަހަކަށް އިންޑިއާއަށް ފުރާށެވެ. މާލެ ދިޔަތާ މާ ގިނަ ދުވަސްތަކެއް ނުވެ، އޭނާގެ ބައްޕަ އާއި ރައްޓެއްސަކާއެކު ފުރީ އިންޑިއާގެ ޓްރިވެންޑްރަަމަށެވެ.
ޓްރިވެންޑްރަަމްގެ ލޯޑު ހޮސްޕިޓަލަށް ދައްކައި ޓެސްޓުތައް ހެދުމުން އެންގީ ކެންސަރު ހޮސްޕިޓަލަށް ދިއުމަށެވެ. ޝާފިއުގެ ހާލު އޭރު ވެސް ވަރަށް ދެރަކަމުން، ވަމުންދިޔަ ގޮތް އާއިލާއިން އޭނާއަކަށް އޭރު ނާންގަ އެވެ. ކެންސަރު ހޮސްޕިޓަލަށް ދައްކައިގެން އައިތަނާ އަނެއްކާ ވެސް މާ ބޮޑަށް ރިހުން އަރަން ފެށި އެވެ. ތަދު ކުޑަނުވެގެން، އިމަޖެންސީގައި ދެ ދުވަހެއްގެ މަތިން ކިމްސް ހޮސްޕިޓަލަށް ވެސް ގެންދިޔަ އެވެ.
"ދެވަނަ ދުވަހު ރިހުން އެރިލެއް ބޮޑުކަމުން، އަޅުގަނޑަށް ކުއްލިއަކަށް ހުއްޓުމެއް އައީ، ތަދު ކަނޑުވަން އިންޖެކްޝަން ޖެހި ވަގުތު. ޑޮކްޓަރު ގާތުގައި ބުނަންވާ އެއްޗެއް އަޅުގަނޑަކަށް ނުބުނެވުނު. އަޅުގަނޑާ ސުވާލުކުރާ މީހުންނަށް ޖަވާބެއް ނުދެވުނު. ހުއްޓުން އަރާފައި އޮތީ،" އޭނާއަށް އެ ވަގުތުކޮޅު ކުރެވުނު އުނދަގޫ އިހުސާސްތައް ކިޔައިދިނެވެ.
ޝާފިއު ފަރުވާއަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި.
"އެ ހިސާބުން އަޅުގަނޑަށް ރޮއިގަނެވިއްޖެ. ރޮއިގަނެފައި ވާހަކަދެއްކެން ފެށި ހިސާބުން އަޅުގަނޑަށް ބުނެވިއްޖެ ދެން ގެއަކަށް ނުދާނަމޭ، މިތާ އޮންނާނީއޭ. އަޅުގަނޑަށް ލުޔެއް ލިބުނީމައޭ ދެން ގެއަށް ދާނީ."
އެ ދުވަހު ކިމްސް ހޮސްޕިޓަލުގައި އޭނާ އެޑްމިޓްކޮށް ފަރުވާދިނެވެ.
"ފުރަތަމަ ޓެސްޓުކޮށްފައި ބެލީ ބަނޑާއި ކަރުގައި އިން ގޮށްގަނޑާ އެއްވެސް ގުޅުމެއް ވޭތޯ. ބެލިއިރު އެއީ ހަމަ އެކައްޗެއް. އެހެން އެތަނުން ސާމްޕަލް ނައިގެން ބަޔޮޕްސީ ހެދީ. ހަތަރު ފަސް ދުވަސް ތެރޭގައި ނަތީޖާ ލިބުނީ،" އޭނާ ބުންޏެވެ.
ބަޔޮޕްސީގެ ނަތީޖާއިން އެނގުނު ގޮތުގައި އޭނާ ހުރީ ޕްރޮސްޓޭސް ކެންސަރުގެ ސްޓޭޖް ހަތަރެއްގަ އެވެ.
ޝާފިއު އޭނާގެ އަންހެނުންނާއި ދަރިފުޅާއެކު.
އެހެންވެ، އަވަހަށް ފަރުވާ ފަށަން ސްކޭންތައް ހަދައި، އޭނާގެ ހަށިގަނޑުގައި ކެންސަރު ފެތުރިފައި އޮތް މިންވަރު ބެލި އެވެ. ޑޮކްޓަރުން ބުނީ އޭނާގެ ހަށިގަނޑުގެ 70 ޕަސެންޓަށް ކެންސަރު ފެތުރިފައި އޮތް ކަމަށެވެ. ވަގުތުން ކީމޯ ފަށަން އިރުޝާދު ދިނެވެ. އެކަމަށް ހަ މަސްދުވަހު އިންޑިއާގައި މަޑުކުރަން ޖެހޭނެ ކަމަށް ބުންޏެވެ. ހަތަރު ކީމޯ ނިންމައި ސާޖަރީކުރަން ޖެހޭނެ ކަމަށް ވެސް ޑޮކްޓަރުން ބުންޏެވެ.
ޑޮކްޓަރުން ބުނީ ސާޖަރީ ނިންމާފައި އޭނާއަށް ދަރިން ލިބުން އެއީ 50/50 ގެ ކަމެއް ކަމަށެވެ. އެ ވަގުތުކޮޅުގައި ވެސް އަދި ހޮސްޕިޓަލުގައި އޮތް ދުވަސްތަކުގައި ވެސް އޭނާ އެންމެ ހަނދާވީ ދަރިފުޅާއި އަންހެނުން މަތިންނެވެ. މި ވޭނުގައި އޭނާ އުޅުނުއިރު ދަރިފުޅަށް އަދި އަހަރު ވެސް ނުވެ އެވެ. އޭނާ އޮތީ ދެމައިންގެ މޫނު ދެން ފެންނާނެ ދުވަހެއްގެ އިންތިޒާރުގަ އެވެ.
އޭނާ ހިތްވަރު އެލުވައެއް ނުލި އެވެ. އާއިލާއަށްޓަކައި ހިތްވަރު ގަދަކުރަން ނިންމި އެވެ.
"ބަރުދަން ވެސް ހަމަ ބަލަން ހުއްޓަ ދަށްވެގެން ދިޔައީ. 11-12 ކިލޯ ލުއިވި، ފުރަތަމަ ކީމޯގެ ކުރިން ވެސް،" އޭނާ ބުންޏެވެ.
ޝާފިއު އޭނާގެ ދަރިފުޅާއެކު.
ކީމޯ ފެށުމުން ރިހުން ކުޑަވި އެވެ. އޭނާގެ ހަށިގަނޑުގައި އަޅަމުން ދިޔަ ވޭނަށް ކުޑަ ވެސް ލުޔެއް ލިބުނީ އެ ހިސާބުންނެވެ. ފުރަތަމަ ކީމޯ ނިންމައި ނެރުނު ދުވަހަކީ އޭނާގެ ހިތުން ފިލައިގެން ނުދާނެ ދުވަހެކެވެ.
"ކެންސަރު ޖެހިގެން އަޅުގަނޑު ކަރުނައެއް ވައްޓާލިތަން ފެންނާނީ ދެ ދުވަހަކު، ހަ މަސް ވެގެން ދިޔައިރު. ފުރަތަމަ ދުވަހަކީ އިމަޖެންސީގައި ކިމްސް އަށް ގެންދިޔަ ދުވަސް."
"ދެވަނަ ދުވަހަކީ އަޅުގަނޑު ދަރިފުޅު ފެނުނު...،" މި އިންޓަވިއުގެ މެދުން އޭނާއަށް ރޮވި ވާހަކަ ހުއްޓުނެވެ.
ޝާފިއުގެ އަންހެނުން އިނީ ދަރިފުޅު ގޮވައިގެން "ބައްޕަ އަށް ސަޕްރައިޒެއް" ދިނުމަށް އިންޑިއާގަ އެވެ. އެ މައިންގެ މޫނު ފެނި އޭނާ އަށް ދެން ލިބުނީ މާ ބޮޑު ހިތްވަރެކެވެ.
ހަތަރު ކީމޯ ނިންމައި އޭނާ ސާޖަރީ ކުރީ މިދިޔަ އަހަރު އޮގަސްޓުގަ އެވެ. އިރާދަކުރެއްވީތީ ސާޖަރީ ވަރަށް ކާމިޔާބެވެ. ސެޕްޓެމްބަރުގައި ރާއްޖެ އައިސް، އަނެއްކާ ވެސް ކުރީގެ ދިރިއުޅުމަށް ބަދަލުވީ އެވެ. އެކަމަކު، ކުރިން ހެދުނު ގޯސްތައް ދެން ދުވަހަކު ވެސް ތަކުރާރު ނުކުރާނެ ކަމަށް ނިންމައިގެންނެވެ.
ކެންސަރުގެ ފަރުވާ ނިމިގެން ޝާފިއު މާލެ އައި ދުވަހު އާއިލާ އާއި ރައްޓެހިން އެއާޕޯޓުން އޭނާއަށް މަރުހަބާ ކިޔަނީ.
"ކެންސަރު ޖެހުމުގެ ކުރިން މާ ބޮޑަށް ކެއުމަށް ބަލައިގެނެއް ނޫން އުޅުނީ. ސުޕާރީ ވެސް ވަރަށް ގިނައިން ކެއިން. މީހުން ބުނަން ވެސް ބުނާނެ ތިހާ ވަރަށް ސުޕާރީ ނުކާށޭ،" އޭނާ ބުންޏެވެ.
"އަޅުގަނޑުު ވެސް މި ހިސާބަށް ދިޔައީ މާ ބޮޑަށް ފަރުވާ ކުޑަކުރެވުނީމަހެން ހީވާނީ. ކަރުގައި މި ގޮށް އިންނަތާ ވެސް ތިން ވަރަކަށް އަހަރު ވެދާނެ، އެހެންވެ މިހެން މި ބުނީ."
އޭނާ އެދެނީ މި ކަހަލަ ކަމެއްގެ ކިރިޔާ ވެސް އަލާމަތެއް ފެނިއްޖެ ނަމަ ލަސްނުކޮށް، ޑޮކްޓަރަށް ދެއްކުމަށެވެ. އެހެން ނޫނީ ފަހުން އަޅާ ވޭން މާ ބޮޑުވާނެ އެވެ.
ޝާފިއު ހޮސްޕިޓަލުގައި އޮތްއިރު އޭނާގެ ރައްޓެއްސަކާ ވީޑިއޯ ކޯލެއް ކުރަނީ.
"ކެއުމުގެ ކަންތަކަށް ޑޮކްޓަރުގެ ލަފައަށް އެދުނީމަ ބުނީ، ކާން ވެސް ވަކި އެއްޗެއް ނެތޭ، އެހެން ބުންޏަސް ފިޒީ ޑްރިކްސް މިހާރު އެއްގޮތަކަށް ވެސް ނުބޮން. ކޮފީ ވާހަކަ ވެސް އެހިން، އެތަނުން ފުރަތަމަ އައިސީޔޫއިން ނެރެފައި، ވޯޑުގައި ބާއްވާފައި ހަތް ދުވަސް ފަހުން އަޅުގަނޑަށް ދިޔާ އެއްޗެއް ދޭން ވެސް ފުރަތަމަ ބުނީ ކަޅު ކޮފީ ތައްޓެއް ބޯލަންވީނުންހޭ. އެހެންވެ ކޮފީ ބޮން،" ކެއިންބުއިމަށް ގެނައި ބަދަލު އޭނާ ކިޔައިދިނެވެ.
ޝާފިއު ބުނި ގޮތުގައި، ކެންސަރާ ދެކޮޅަށް އޭނާއަށް ހަނގުރާމަކުރެވުނީ ވަރަށް ހިތްވަރުކޮށްގެންނެވެ. އެ ބަލީގެ އެންމެ ވޭނުގައި އުޅުނު ހަމަ ދުވަސް ވެސް ޝާފިއު ބެލީ އޭނާ ދެރަވެ، ރޮވިފައި ހުންނަތަން ކައިރީގައި ތިބި އެއްވެސް މީހަކަށް ނުދައްކާވޭތޯ އެވެ. އޭނާ ރޯތަން ފެނިއްޖެ ނަމަ، އެ މީހުން މާ ދެރަވާނެތީ އެވެ. އެހާ ހިތްވަރުކޮށް، ކެންސަރު ބަލިކުރީ ދެން ދުވަހަކު ވެސް މިކަހަލަ ކަމެއްގައި ރޯން ނުޖެހޭނެ ކަމުގެ އުއްމީދުގަ އެވެ.
ވަޑިއިއްބެގެ ހިޔާލީ ކުރެހުން އަދި ހަގީގަތް!
އަލިފުށީގައި ކެންސަރު ގިނަ: ދިރާސާ ކުރަން އެދިއްޖެ
ފަސްނުޖެހި، އުރަމަތީ ކެންސަރުގެ ވާހަކަދައްކަން އެދިއްޖެ
"ޒެންޓަކް" އިން ދައުވާތައް ހުއްޓުވަން ދެބިލިއަން ދީފި
ކެންސަރުގައި އަހަރެއްގެ ތެރޭގައި ދެބަފައިންގެ މަރު
ކެންސަރު ދަފްތަރުގައި 1،400 އަށް ވުރެ ގިނަ މީހުން
ވޭޕް އެތެރެކުރުން މަނާކުރަން ރައީސްގެ އަރިހުން އެދިއްޖެ
އާފިޔާ ކިޔައިދިނީ ކެންސަރު ހޮސްޕިޓަލެއްގެ މުހިއްމުކަން
ޒަކާތު ފަންޑުން ކެންސަރުގެ ފަރުވާއަށް ބޮޑު އެހީއެއް
ކެންސަރު ހޮސްޕިޓަލް އަޅަނީ ދިރާގު އޮފީސް ކައިރީގައި