ދީނީ ތައުލީމު އުނގެނިގެން ތިބި މީހުން ގިނަ އާއިލާއެކެވެ. ރަށުގައި އަދި އަތޮޅު ފެންވަރުގައި ވެސް ރީތިކޮށް، މޮޅަށް ގުރުއާން ކިޔަވާ ބަޔަކު އެބަތިއްބެވެ. އޭގެ ތެރެއިން ގިނައީ، ފ. ނިލަންދޫގައި ގިނަ އަހަރުތަކެއް ވަންދެން ގުރުއާން ކިޔަވައިދިން މާމަ ކައިރިން އެދުރުވި މީހުންނެވެ.
17 އެޕްރީލް 2023
ދީނީ ތައުލީމު އުނގެނިގެން ތިބި މީހުން ގިނަ އާއިލާއެކެވެ. ރަށުގައި އަދި އަތޮޅު ފެންވަރުގައި ވެސް ރީތިކޮށް، މޮޅަށް ގުރުއާން ކިޔަވާ ބަޔަކު އެބަތިއްބެވެ. އޭގެ ތެރެއިން ގިނައީ، ފ. ނިލަންދޫގައި ގިނަ އަހަރުތަކެއް ވަންދެން ގުރުއާން ކިޔަވައިދިން މާމަ ކައިރިން އެދުރުވި މީހުންނެވެ.
އެ ހިޔާވަހިކަމުން ގުރުއާން ކިޔެވުމުގެ ދާއިރާއަށް ނުކުތް އެކަކަކީ މުހައްމަދު އިސްމާއިލެވެ.
މުހައްމަދު ގަބޫލުކުރާ ގޮތުގައި ގުރުއާން ކިޔެވުމަކީ އޭނާއަށް ގުދުރަތީ ގޮތުން ލިބިފައިވާ ހުނަރެކެވެ. އެކަން އިތުރަށް ކުރިއަށް ގެންދާން ފަސޭހަވީ ގުރުއާނަށް އަބަދު ވެސް ހުންނަ ޝައުގުވެރި ކަމަކުން ކަމަށް މުހައްމަދު، 36، ބުންޏެވެ.
އެންމެ ކުޑައިރުއްސުރެ ވެސް ރަށު ފެންވަރުގައި އަދި އަތޮޅު ފެންވަރުގައި ބޭއްވި ގުރުއާން މުބާރާތްތަކުގައި އޭނާ ބައިވެރިވި އެވެ. މުހައްމަދު އޭރު ބައިވެރިވީ ވެސް ހިތުން ކިޔެވުމުގެ ބައިންނެވެ. އަތޮޅު ފެންވަރުގައި އެއް މުބާރާތެއް ފިޔަވައި އެހެން ހުރިހާ މުބާރާތަކުން އޭނާއަށް ވަނަ ލިބުނެވެ.
އިންޓަ ސްކޫލުތަކުން ގައުމީ މުބާރާތުގައި ވާދަކުރިއިރު ވެސް ދެ އަހަރެއްގައި މުހައްމަދަށް ވަނަ ލިބުނެވެ.
އެ ވަނަތަކަށް އިތުރުވި ބޮޅަކީ އަދި ގުރުއާންގެ ދާއިރާއިން އޭނާއަށް މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ ޓީވީއެމް އިން 2017 ވަނަ އަހަރު ބޭއްވި އެންމެ އަލިގަދަ ތަރި ޕްރޮގްރާމުން ޝަރަފުވެރި އެއް ވަނަ ލިބުމެވެ.
ޓީވީއެމްގެ އެންމެ އަލިގަދަ ތަރި މުބާރާތް ކާމިޔާބުކުރި މުހައްމަދަށް، އޭރުގެ ފަސްޓްލޭޑީ ފާތުން އެވޯޑު ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: ޕީއެސްއެމް
މުޅި ރާއްޖެއަށް ހުޅުވާލައިގެން، އޮޑިޝަނުން ހޮވި 20 ބައިވެރިންގެ ތެރެއިން ލިބުނު ފަހުރުވެރި ވަނައަކީ، ގުރުއާން ކިޔަވައިދިނުމުގައި އޭނާ އަށް ލިބުނު ވަރަށް ބޮޑު ހިތްވަރެކެވެ.
މުހައްމަދު ރަށުގައި އުޅުމަށްފަހު، ކިޔެވުން ކުރިއަށް ގެންދަން ވަކި ހިސާބަކުން އޭނާ ބަދަލުވީ ލީބިޔާއަށެވެ. އެ ގައުމުގައި ފަސް އަހަރު އުޅުނުއިރު، އަރަބި ބަސް ދަސްކުރުމަށް ދެ އަހަރުގެ ކޯހެއް ހެދި އެވެ. އެއަށްފަހު ގުރުއާން އެންޑް ސައިންސް ޑިގްރީ ނިމެން ދޮޅު އަހަރަށް ވެފައިވަނިކޮށް ހަނގުރާމައާ ހެދި އޭނާއަށް ޖެހުނީ އަނބުރާ ރާއްޖެ އަންނާށެވެ.
ގުރުއާނާ ބެހޭ މަރުކަޒާ ގުޅުމުގެ ވިސްނުން އައީ އޭގެ ފަހުން، 2011 ވަނަ އަހަރެވެ. އެއީ، ގުރުއާން ކިޔަވައިދިނުމަށް ފުރަތަމަ އެޅުނު ބިންގަލެވެ. އޭރުން ފެށިގެން މި ވީ 12 އަހަރުގެ ތެރޭގައި އެތައް ސަތޭކަ ކުދިންނަށް ގުރުއާންގެ އެކި އިލްމު އޭނާ ދަސްކޮށްދިނެވެ.
"އަބަދު ވެސް މަސައްކަތްކުރަނީ ކިޔަވައިދޭ ކުދިންނަށް ވެސް ކާމިޔާބީތައް ހޯދައިދިނުމަށް." މި ރަށުގައި ހުންނަ އަތޮޅު ތައުލީމީ މަރުކަޒުގައި ގުރުއާން ޓީޗަރަކަށް ވެސް އުޅޭ މުހައްމަދު ބުންޏެވެ.
އޭނާ އަހުމަދިއްޔާ ސްކޫލުގައި ޓީޗަރަކަށް އުޅުނުއިރު އެ ސްކޫލަށް ވަނީ ގައުމީ މުބާރާތުން ސެކަންޑްރީ ބައިން އެއްވަނަ ހޯދައިދީފަ އެވެ.
މުހައްމަދު، "މިހާރު" އަށް އިންޓަވިއުދެނީ.-
މާލޭގައި އެތައް އަހަރެއް ވަންދެން އުޅުމަށްފަހު ކޮވިޑާއެކު 2021 ގައި މި ރަށަށް ބަދަލުވެ، ގޭގައި ހެދި ގުރުއާން ސެންޓަރުގައި ކިޔަވައިދޭން ފެށި އެވެ. މުހައްމަދު ބުނީ ކޮލެޖު/ޔުނިވާސިޓީތަކުގެ ޕާޓް-ޓައިމް ލެކްޗަރާކަން އިހުތިޔާރުކުރީ ވެސް ރަށަށް ހިދުމަތްކުރުމުގެ އަޒުމް އަދި މި ތަނުގައި ގުރުއާންގައި ފާހަގަކޮށްލެވޭ ބަޔަކު އުފެއްދުމުގެ ވިސްނުން އަބަދު ވެސް އޮންނާތީ ކަމަށެވެ.
"ތަދުރީސުލް ގުރްއާނުލް ކަރީމް" ގެ ނަމުގައި ހުޅުވި ސެންޓަރުން މިހާރު އަންނަނީ ގްރޭޑު 1-9 ގެ 96 ދަރިވަރުން ކިޔަވަމުންނެވެ.
މުހައްމަދު ބުނީ ގުރުއާން ކްލާހުގައި ކިޔަވައިދޭން ފެށިތާ މިވީ ކުރު މުއްދަތުގެ ތެރޭގައި ވަރަށް ބޮޑު ކާމިޔާބީއެއް ލިބިފައިވާ ކަމަށެވެ.
ގައުމީ ގުރުއާން މުބާރާތުން މި ރަށަށް ވަނައެއް ނުލިބި ފަސް އަހަރު ވި ފަހުން މިދިޔަ އަހަރު ބޭއްވި މުބާރާތުގައި މުހައްމަދު އިސްމާއިލް ކިޔަވައިދިން ކުދިން ބައިވެރިވެ، ޝަރަފުވެރިވެރި ވަނަތަކެއް ހޯދި އެވެ. އަހަރުތަކެއް ފަހުން ފަހަރުވެރި މުބާރާތުން ވަނައެއް ހޯދައިދެވުމަކީ މުހައްމަދު ބުނާގޮތުން އޭނާ ކުރި މަސައްކަތުގެ ފޮނި ނަތީޖާއެކެވެ. އެންމެ މޮޅު އަތޮޅަކަށް ވެސް ފ. އަތޮޅު ކައުންސިލް ހޮވައިދިނުމުގައި އޭނާގެ ދައުރު ވަރަށް ބޮޑެވެ.
ގުރުއާން ކިޔަވައިދިނުމުގެ އިތުރުން ގުރުއާން ހިތުދަސްކޮށްދީ، ތަޖުވީދުގެ ހަމަަތަކަށް ބުނެދީ، ގުރުއާނަށް ޝައުގުވެރިކަން އުފެއްދުމަށްޓަކައި އަރަބި ބަސް ވެސް އެ ކުދިންނަށް ހަފުތާއަކު އެއް ދުވަހު ކިޔަވައިދެ އެވެ. ނަމަވެސް، ސްކޫލުގައި ރަސްމީ ވަޒީފާ އަދާކުރަމުން ވަކިން ގުރުއާން ކިޔަވައިދިނުމަކީ ފަސޭހަ ކަމަކަށް ނުވެ އެވެ.
"އުނދަގޫތަކެއް ކުރިމަތިވޭ. ބައެއް ދުވަސް ދުވަހު ގަޑިތައް ކެންސަލް ވެސް ވޭ. ސްކޫލުގެ ޕްރޮގްރާމް އޮވެއްޖިއްޔާ އަޅުގަނޑު ފުރަތަމަ އިސްކަންދެނީ ޕްރޮގްރާމަށް. އަޅުގަނޑު ވަރަށް އުފާވޭ، ބެލެނިވެރިންގެ އަންޑަސްޓޭންޑިން ވަރަށް ބޮޑު މި ތަނުގައި. މި ތަން ފަށައިގެން އައި އިރު ވިސްނަދިނިން އަޅުގަނޑަކީ ސްކޫލު ޓީޗަރަކަށް ވާއިރު މި ތަން ކުރެވޭނީ މަސައްކަތަށް ފުށުނާރާ ގޮތަށޭ." މުހައްމަދު ބުންޏެވެ.
އެ ސެންޓަރުގައި ހަ ކްލާހެއް ހިންގަ އެވެ. އޭގެ ތެރެއިން ހަތަރު ކްލާހަށް ކިޔަވައިދެނީ ސީދާ މުހައްމަދެވެ. ބާކީ ދެ ކްލާހަށް ކިޔަވައިދެނީ އެހެން ދެ ޓީޗަރަކެވެ.
"ގުރުއާން ކިޔަވައިދޭއިރު އެއް ކަމަކަށް ފޯކަސްއެއް ނުކުރަން. ފުރިހަމަ ކާމިޔާބު ކުއްޖަކަށް ވަނީ ހުރިހާ ކަމެއް ފުރިހަމަވެގެން. އަޑާއި ރާގާއެކު ތަޖުވީދާ ވެސް ދަސްކޮށްދޭ އަދި ތަޖުވީދު އިތުރަށް ފަހުމްކޮށްދިނުމަށް އަރަބި ބަސް ވެސް ދަސްކޮށްދެން." އިސްލާމިކް ޔުނިވާސިޓީން ގުރުއާން ސައިންސް އިން މާސްޓާސް ހާސިލްކޮށްފައިވާ މުހައްމަދު ބުންޏެވެ.
މުހައްމަދު، ގުރުއާން ކްލާހުގައި ކިޔަވައިދެނީ.
"ގުރުއާންގެ ތެރޭގައި އުލޫމުލް ގުރުއާންގެ ބައި ވެސް އެބަ ގެންދަން، ގުރުއާނާ ގުޅިގެން އަންނަ ދީނީ ބައިތައް ވެސް އެބަ ގެންދަން..ހުރިހާ ބައިތަކެއް އެބަ ގެންދަން." މުހައްމަދު ބުންޏެވެ.
އޭނާ ބުނީ ގުރުއާން ސެންޓަރުގެ މަސައްކަތް ފަށަނީ ސްކޫލު ނިންމުމަށްފަހު މެންދުރު 1:15 ގައި ކަމަށެވެ. އެގޮތަށް 4:40 ވަންދެން 50 މިނެޓުގެ އެކި ކްލާސްތައް ނަގައިދެ އެވެ. މަޣުރިބް ނަމާދަށްފަހު ރޭގަނޑު 7-8 އަށް އަނެއްކާ ވެސް ކްލާސް ފަށަ އެވެ. އެއިން ދުވަހެއްގައި ކްލާހެއް ނަގައި ނުދެވިއްޖެނަމަ މުހައްމަދު ކިޔަވައިދެނީ ހަފުތާ ބަންދު ދުވަހެއްގެ ތެރޭގަ އެވެ. އިތުރު ގަޑިއެއް އަނެއްކާ ވެސް ކެންސަލް ކުރަން ޖެހިއްޖެނަމަ ދަރިވަރުންގެ އަތުން 350ރ. ގެ ފީ ނަގަނީ އެ ދުވަހަށް އުނި ކުރުމަށްފަހުގަ އެވެ.
މުހައްމަދު، "މިހާރު" އަށް އިންޓަވިއުދެނީ.-- ފޮޓޯ: އިސްމާއިލް ނަސީރު/ މިހާރު
އެ ކްލާސްތަކުން ޖާގަ ދެނީ ގްރޭޑު 1-9 ގެ ދަރިވަރުންނަށެވެ. ކްލާސްތައް ބަހާލާފައިވަނީ ވެސް ކޮންމެ 2-3 ގްރޭޑެއް އެއްކޮށްލައިގެން، ގިނަވެގެން 21 ކުދިން ހިމެނޭ ގޮތަށެވެ. އެކަމަކު، ދަށް ގްރޭޑުތަކުގެ ކްލާސްތަކުގައި ގިނަވެގެން 14 ކުދިން އުޅެ އެވެ. އެ ސެންޓަރުން ޖާގަ ހޯދަން މިހާރު ވެސް ތިރީހަކަށް ކުދިން ކިއުގައި އެބަތިއްބެވެ. ނަމަވެސް، ކްލާސްތަކުގެ ޖާގަ އިތުރުކޮށްގެން އެދެވޭ ނަތީޖާ ނުނިކުމެދާނެތީ އެގޮތުގައި ހިފަހައްޓަނީ އެވެ.
"ބައެއް މީހުން ބުނޭ ގޮތް ދޫކޮށްފައި ކިޔަވައިދޭންވީ ނޫންހޭ، އަޅުގަނޑު ބުނަން ނުވާނެއޭ، މިއީ، އަސްލު ޕްރެކްޓިކަލް އެއްޗެއް."
މުހައްމަދު ބުނީ ކިތައްމެ ބުރަކޮށް އުޅުނަސް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ބެެލެނިވެރިންގެ ފަރާތުން އަދި އާއިލާގެ ފަރާތުން ލިބޭ ހިތްވަރު ކަމަށެވެ. ވަޒީފާގައި ކިތަންމެ ބުރަކޮށް އުޅެން ޖެހުނަސް ކޮންމެ ވެސް ބަޔަކަށް ގުރުއާންގެ މިންވަރެއް ކިޔަވައިދިނުމަށް މަސައްކަތްކުރުމަކީ ކުރަންޖެހޭ ކަމެއްކަމަށް އޭނާ ގަބޫލުކުރެ އެވެ.
އެ މަސައްކަތުގެ ތެރެއިން، ލީބިޔާގައި ފަސް އަހަރު އުޅެފައި ހުރުމުން ދަސްވި އަަރަބި ބަހުގެ ބޭނުން ހިފައިގެން އަމިއްލައަށް އެކި ކަންކަން ދިރާސާކުރެ އެވެ.
"އެންމެ ރެއަކު ވެސް ނިދާ ނުލެވޭނެ، މަދުވާނެ ގުރުއާންގެ ކޮންމެ ވެސް އެއްޗެހިތަކެއް ބަލައި، ރިސާޗުކޮށް، ގާރީން ދައްކާފައި ހުރި ވާހަކަތައް ބަލައި އަދި އަޑުއަހައިގެން ނޫނީ. އަޅުގަނޑަށް އަރަބި ބަސް އެނގިފައި އޮތުމުގެ ސަބަބުން ވަރަށް ފަސޭހަވޭ." މުހައްމަދު ބުންޏެވެ.
މުހައްމަދު، ގުރުއާން ކްލާހުގައި ކިޔަވައިދެނީ.
"ބައެއް ފަހަރު ހުންނަ އިހުތިލާފުތައް ވެސް އަޅުގަނޑު ވަރަށް ބޮޑަށް ދިރާސާކުރަން. ގިނަ ގާރީން ކިޔަވާފައި ހުރި ގޮތާއި އަދި ގާރީން ވާހަކަދައްކާފައި ހުރި ގޮތް ބަލަން އެއަށް ވަރަށް ފުންކޮށް ވަދެ، އަސްލު ހަގީގަތް ނަތީޖާއަށް ވާސިލްވެވޭ."
ކާމިޔާބީތައް ލިބިފައި ހުއްޓަސް އެންމެ ބޮޑު ދެރައަކީ އަދި ގޮންޖެހުމަކީ ވެސް ޒަމާނަށް އަންނަ ބަދަލުތަކާއެކު ގުރުއާން ކިޔެވުމުގައި އަދި ދަސްކުރުމުގައި ކުދިން ހޭދަކުރާ ވަގުތު ކުޑަވުމެވެ. ފޯނާއި ޓެބްލެޓުގައި ވަގުތު ހުސްކުރާއިރު، ހެޔޮ ގޮތުގައި ގުރުއާން ދަސްކުރުމަށް ލިބޭ ވަގުތު ކުޑަވެ އެވެ. މުހައްމަދު ބުނީ ސްކޫލުގެ ގުރުއާން މުގައްރަރު ކިތައްމެ ފުރިހަމަވިޔަސް އެ މާއްދާ ކިޔަވައިދިނުމަށް މިނިސްޓްރީން ކަނޑައަޅާފައިވާ ވަގުތު މަދު ކަމަށެވެ. ސަރުކާރުގެ ތެރެއިން މިކަމަށް ދީފައިވާ އަހައްމިއްޔަތުކަން ކުޑަކަން ފާހަގަވެފައިވާ ކަމަށް އޭނާ ބުންޏެވެ.
އެކަމަކު، މި ދާއިރާއިން މަތީ ތައުލީމު ހާސިލްކޮށްގެން ދަރިންތަކެއް ނުކުމެގެން ދިއުމުގެ ހުވަފެނާއި އެކަމަށް ޝައުގުވެރިކުރުމަށް ގުރުއާން މުބާރާތް ބޭއްވުމާއި މުއައްސަސާތަކުގެ މެދުގައި ވާދަވެރިކަން އުފެއްދުމަށް މުބާރާތްތައް އިތުރުކުރުމުގެ ވިސްނުންތަކެއް މުހައްމަދުގެ އެބަހުއްޓެވެ.
އެހެންވެ، ކުރިއަށް އޮތް ދުވަސްތައް އޭނާއަށް ގަބޫލުކުރެވެނީ ވެސް ފޮނި ނަތީޖާއެއް ފެންނާނެ ކަމަށެވެ.
"އަޅުގަނޑަށް ހީވަނީ މިހާރު މި ދާ މިސްރާބަށް ބަލައިފި ކަމުގައި ވަނީނަމަ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ވަރަށް ފުރިހަމަ ނަތީޖާއެއް ނުކުމެދާނެހެން." އޭނާ ބުންޏެވެ.
ލަތީފާ: ހިލޭސާބަހަށް ގުރުއާން ކިޔަވައިދިނުމުގައި 50!
24 ކައިވެނިކުރި މީހެއް؛ ލައްކަ ގިނަ ވާހަކަ ދެއްކި!
މި ދެމަފިރިން ދުރުގައި ތިބޭ ސިކުންތެއް ވެސް ނެތް!
"ޑެއިޒީ" ފަރިކުރި ތިން ބެއިން!
ބަށީގެ ރާނީ: "އެ ފޯރި އާއި ދިރުން ގެއްލުވާލައިފި"!
ސުޖުއާން: ޑިސްކަވަރީ ތެރެއަށް ގެއްލި ބޭރުގެ ރާޑަރަށް
ހިޔާލުތަކާ ދުރަށް ދަނީ މި ދޯނިތަކުގައި
އެތައް ކުއްޖަކަށް "އަގުބޮޑު" މަންމަން ކޯޗު
މުސްކުޅިވީ ދުވަހު ހަތަރު ކުދިންގެ "މަންމަ"އަކަށް!
ސަތޭކައިގެ ދަރިވަރު: އޭނާގެ ދިރިއުޅުން ބަދަލުވެއްޖެ