25 މާޗް 2023
އަނބިމީހާ އަޒީމާ މުހަންމަދު ދެކެ ކިހާ ލޯތްބެއް ވޭ ހެއްޔޭ، އޭނާގެ ފިރިމީހާ އަހުމަދު މުހައްމަދުާ ސުވާލުކޮށްލަން މަޖުބޫރުވީ މި ހިސާބުންނެވެ.
އަނބިމީހާ އަޒީމާ މުހަންމަދު ދެކެ ކިހާ ލޯތްބެއް ވޭ ހެއްޔޭ، އޭނާގެ ފިރިމީހާ އަހުމަދު މުހައްމަދުާ ސުވާލުކޮށްލަން މަޖުބޫރުވީ މި ހިސާބުންނެވެ.
މި ދެމަފިރިން އެކުގައި ނޫނީ އެއްވެސް ކަމެއް ނުކުރެ އެވެ. އަހުމަދު ރުކަށް އަރާއިރު، އަޒީމާ ހުންނާނީ ރުއް ބުޑުގަ އެވެ. މަހަށް ދާއިރު، ޑިންގީ ދުއްވަން އަހުމަދު އިންނަ އިރު، ވާ މޮހަން އިންނާނީ އަޒީމާ އެވެ. މީހެއްގެ ގައިގައި އަޒީމާ ތެޔޮ ދަމައިދޭ ނަމަ، އޭނާ އަށް އެހީތެރިވާން އަހުމަދު އިންނާނެ އެވެ. ހޮޓަލަކަށް ސައިބޯން އަހުމަދު ހިނގައްޖެ ނަމަ، މޭޒުގެ އަނެއް ފަޅީގައި އަޒީމާ އިންނާނެ އެވެ. އަޒީމާ ރާނަން އުޅޭއިރު، އަތްގާތްކޮށްދޭން ހުންނާނީ ވެސް އަހުމަދެވެ. މި ދެމަފިރިންގެ ތެރެއިން އެކަކު ވެސް، އަނެކަކު ނެތް މަންޒަރަކުން ނުފެންނާނެ އެވެ.
"މިވަރުގެ އަންބަކު މީހަކަށް ނުލިބޭނެ. އަޒީމާ ދެކެ ވަރަށް ވަރަށް ލޯބިވޭ،"
"މިވަރުގެ އަންބަކު މީހަކަށް ނުލިބޭނެ. އަޒީމާ ދެކެ ވަރަށް ވަރަށް ލޯބިވޭ،" ފ. ނިލަންދު އަށް އުފަން އަހުމަދު ޖަވާބު ދިނެވެ.
އަހުމަދު، އޭނާގެ އަލަތު އަންހެނުން ދެކެނީ މި ދުނިޔޭގައި ލިބޭނެ ބޮޑު ނަސީބުގެ ގޮތުގަ އެވެ. އަޒީމާ ބުނާގޮތުން އަހުމަދަށް ވުރެ ރަނގަޅު ފިރިއެއް އޭނާއަކަށް ނުލިބޭނެ އެވެ. އޭނާ ވެސް ދެކެނީ އެއީ ހަމަ "ރަންގަނޑެއް"ގެ ގޮތުގަ އެވެ.
އަހުމަދާއި އަޒީމާ "މިހާރު" އަށް އިންޓަވިއު ދެނީ -- ފޮޓޯ: އިސްމާއިލް ނަސީރު/ މިހާރު
ހަތް ދަރިން ލިބިފައިވާ މި ދެމަފިރިން ދިރިއުޅެމުން އަންނަނީ ނިލަންދޫގައި ކަމަށް ވިޔަސް، ދެ މީހުން ދިމާވީ މާލެ އިންނެވެ. އަހުމަދު މާލޭގައި ޓްރޭޑް މިނިސްޓްރީގައި އުޅެނިކޮށް އަޒީމާއާ އަލަށް ބައްދަލުވި ރެއިން ފެށިގެން ދެ މީހުން އައީ ވާހަކަދައްކަމުންނެވެ. އެ ގުޅުމަށް އަހަރެއް ވިތަނާ ކައިވެނިކޮށްފި އެވެ. އެކަމަކު، ފާއިތުވި 40 ވަރަކަށް އަހަރުވިއިރު ވެސް ފަނޑުނުވެ އޮތީ ދެ މީހުން، އެކަކު އަނެކަކު ދެކެވާ ލޯތްބެވެ. ކުރާ އިހުތިރާމާއި އަޅާލުމާއި ކުލުނެވެ. އެހެންވެ، މި ރަށުގައި ވެސް މި ދެމަފިރިންނަކީ ނަމޫނާ ގުޅުމަކުން މިސާލު ޖަހާ ދެމަފިރިންނެވެ.
"މި ރަށަށް ވެސް އައިސް އުޅޭ ބަހާރު މޫސުމެއް ދެ އަންބަށް މީހުންނާ އިނުމަކީ. އެކަމަކު އަޅުގަނޑު ހިތަކު ނެތް އެކަހަލަ އެއްވެސް ކަމެއް." އަޒީމާ އަށް ބަލާލަމުން އަހުމަދު ބުންޏެވެ.
އަޒީމާ އާއި އަހުމަދު އެންމެ ފުރަތަމަ މަހަށް ދިޔައީ މީގެ އެތައް އަހަރެއް ކުރިން އެ މީހުންގެ ބޮއްކުރާގައި ފަލި ޖަހައިފަ އެވެ. އަހުމަދު އިންނާނީ ފަލި ޖަހާށެވެ. އިރު އަރާއިރު، ޑިންގީގައި މަހަށް ދާ ދެމަފިރިން އެނބުރި އަންނާނީ އިރުއޮއްސޭފަހުންނެވެ.
އެކަމަކު، އެ މަސައްކަތަށް ލުއެއް ލިބުނީ ދެ މީހުން މަސައްކަތްކޮށްގެން ހޯދި 25 ހޯސް ޕަވަރުގެ އިންޖީނުލީ ކުޑަ ޑިންގީއަކާ އެކު އެވެ. އަޒީމާ އަށް ނިސްބަތްކޮށް "މާމާ އެކްސްޕްރެސް 3"ގެ ނަން ދީފައިވާ އެ ޑިންގީގައި، ކައިރީގައި އޮތް ދ. އަތޮޅަށް ވެސް މަސްބާނަން ދެ އެވެ. ބައެއް ރޭރޭ 100 ކިލޯއާ ހަމައަށް ވެސް މަސް ބާނައި އެ ވިއްކައިގެން ރަނގަޅު އާމްދަނީއެއް ވެސް ދެމަފިރިން ހޯދަ އެވެ.
އަޒީމާ ޑިންގީ އަށް އަރުވަނީ: މިއީ ނަމޫނާ ދެމަފިރިން -- ފޮޓޯ: އިސްމާއިލް ނަސީރު/ މިހާރު
ދެމަފިރިން މިހާރު މަހަށް ފުރަނީ ކޮންމެ ދުވަހެއްގެ ހަވީރު 5:15 ހާއިރު އެވެ. ރޭގަނޑު 9:30 ގައި އަނބުރާ ރަށަށް އައިސް، ފެން ވަރައިގެން ދެ މީހުން ދަނީ ކޮފީއެއް ބޯން ހޮޓަލަކަށެވެ. އެ ހިސާބުން އެ ރެއަށް މަސައްކަތް ނިމުނީ އެވެ. އަނެއްކާ ވެސް، ޖެހިގެން އަންނަ ދުވަހުގެ އަރާ އިރާއެކު އަހުމަދު ދާނީ އެން ހޯދާށެވެ. އެ ބާނައިގެން ގެއަށް އައުމުން މަސްތައް ސާފުކުރާނީ އަޒީމާ އެވެ. އަހުމަދަކީ މި ރަށު ކައުންސިލްގެ ވެސް މުވައްޒަފަކަށް ވާތީ، އޭނާ ދެން ދާނީ އޮފީހަށެވެ.
"އަޅުގަނޑުމެން ދެމަފިރިން ދަނޑުވެރިކަން ވެސް ކުރަން. ދަނޑުވެރިކަން ވެސް ކުރަނީ ދެމަފިރިން އެއްކޮށް ގުޅިގެން. ރާ އަރާއިރު ވެސް އަންހެނުން އައިސް އެ ކޮށާނެ. ކޮށާފައި ރާ ޖެހުނީމަ އަންހެނުން ބުނާނެ މިހާރު މި ހުރީ އެތުގައި ރާ ޖެހިފައޭ. އޮޅައިދޭށޭ. ދެން ދެމަފިރިން ވަލަށް ގޮސް ކަށިކެޔޮ ފަތް ހޯދައިގެން އެ ފަތް ސާފުކޮށްގެން އަންނަނީ ގެއަށް. އެން އޮޅަނީ އަޅުގަނޑު. ދެން ބާކީ ބައި ގެންދާނީ އަންހެނުން. ތިން އިރު އެއްކުރުމާއި، ރުކުން ބޭލުމާ މި ހުރިހާ ކަމެއް ކުރާނީ އަންހެނުން،" އަހުމަދު ބުންޏެވެ.
ދެމަފިރިން އެންމެ ފުރަތަމަ މަހަށް ދިޔަ ޑިންގީ ގޭގައި ހަނދާނަކަށް ބާއްވާފައި -- ފޮޓޯ: އިސްމާއިލް ނަސީރު/ މިހާރު
އެކަމަކު، މިއިން އެއްވެސް ކަމެއް ނުވާ ހާލަތެއް އަންނާނީ އެންމެ ކަމެއްގަ އެވެ. އެއީ މީގެ ތެރެއިން އެއްވެސް މީހަކު ބަލިވުމެވެ.
"އެކަކު ވެސް ބަލިވެއްޖިއްޔާ މިއިން އެއްވެސް ކަމެއް ނޯންނާނެ. މަހަކަށް ވެސް ނުދާނެ. ދަނޑަކަށް ވެސް ނުދާނެ. އެހެން ކަމެއް ވެސް ނުކުރާނެ."
ރާއެޅުމާއި ރޭނުމާއި ތެޔޮ ދެމުމަކީ އަޒީމާ ވަރަށް ފޯރީގައި ކުރާ ކަމެކެވެ. އެއީ އާންމުކޮށް އަންހެނުން ކޮށް އުޅޭ ކަންތައްތަކަށް ނުވާތީ އޭނާ އަށް އެތައް ބައެއްގެ ފުރައްސާރަ ލިބުނެވެ. އަދި ލިބެމުން ވެސް ދެ އެވެ. އެކަމަކު، އެ ހުރިހާ މަލާމާތަކަށް އޭނާ މޫނު އަނބުރާލަނީ އެވެ.
"ކިޔާ އެއްޗެއް ކިޔަން ތިބޭ،" އޭނާ ރައްދު ދިނެވެ.
ދެމަފިރިން މަހަށް ގޮސްފައި އެނބުރި ނިލަންދޫ ފަޅަށް ވަންނަނީ -- ފޮޓޯ: އިސްމާއިލް ނަސީރު/ މިހާރު
ފިރިމީހާއާ އެކު މަހަށް ދާން ފެށުމުން މި ރަށުގެ ބައެއް މީހުންގެ ފާޑުކިޔުން ވެސް ރައްދުވި އެވެ. އެކަމަކު، އެ ފާޑުކިޔުންތަކަށް ބީރު ކަންފަތެއް ދިނުމަށްފަހު، އަޒީމާ އޭނާ ކުރަން ބޭނުންވި ކަންތައް ގެންދިޔަ އެވެ.
"ކުރިން ވެސް އެންމެ ފުރަތަމަ އުޅުނީ ރާ އަޅަން. އޭގެ ކުރިން ވެސް މަހަށް ދިޔައިން. މަހަށް ނުދެވެންޏާ ލޮލަށް ނިންޖެއް ވެސް ނާދެ. ދުވާލަކު އެއް ފަހަރު ބޮއްކުރާގައި ނޫނީ ތޮށި މައްޗަށް ވިޔަސް މަހަށް ދާންޖެހޭނެ. ފަހުން އައިސް ރާ އަޅަން ފެށީ." އަޒީމާ ބުންޏެވެ.
"މީހެއް ކައިރީގައި ރާ އަޅަން ދަސްކޮށްދޭށޭ ބުނީމަ އޭރު ބުނީ އެކަމެއް ނުވާނެއޭ [އަންހެނެއް ވީމަ]. އެހެންވެ ތ. ކިނބިދޫ މީހެއް ކައިރިން ރާއަރަން ދަސްކޮށް ފުދޭ ވަރެއްގެ އާމްދަނީ ވެސް ލިބޭ."
"އަޅުގަނޑުގެ ފުރާނަ ދަންދެން އަޅުގަނޑު މަސައްކަތްކުރާނި އެގޮތަށް. މަސްވެރިކަން އަދި ރާވެރިކަން ވެސް ކުރެވެންޏާ އެކަން ކުރާނަން."
މީހެއް ކައިރީގައި ރާ އަޅަން ދަސްކޮށްދޭށޭ ބުނީމަ އޭރު ބުނީ އެކަމެއް ނުވާނެއޭ [އަންހެނެއް ވީމަ].
އަޒީމާ ކުރަން ބޭނުންވާ އެއްވެސް ކަމަކަށް އަހުމަދު ހުރަހެއް ނާޅަ އެވެ. އޭނާގެ އަންހެނުންނަށް ކުރާ މާލާމާތް އަޑު އަހާކަށް ބޭނުމެއް ވެސް ނޫނެވެ. އޭގެ ބަދަލުގައި އަޒީމާ އަށް އަހުމަދު ދެނީ ހިތްވަރެވެ. އޭނާ ކުރަން ބޭނުންވާ ކަންތައްތަކަށް މުހަންމަދުގެ އަތް ފުޅާކޮށްލަދެ އެވެ.
މުހަންމަދާއި އޭނާގެ އަންހެނުން އަޒީމާ މަހުން ލަފައި، ޑިންގީ ކައިރި ކުރަނީ -- ފޮޓޯ: އިސްމާއިލް ނަސީރު/ މިހާރު
"ހަގީގަތުގައި އަޅުގަނޑު ބޭނުމެއް ނުވޭ އަންހެނުން ލައްވާ ބުރަ މަސައްކަތެއް ކުރުވާކަށް. އެކަމަކު، އޭނާ ވަރަށް ހިތްހަމަޖެހިގެން ކުރާ ކަމެއް ރާވެރިކަން، މަސްވެރިކަން އަދި ބޭސްވެރިކަމަކީ. މި ތިން ކަންތައް އޭނަ ލައްވާ ހުއްޓުވާކަށް ބޭނުމެއް ނޫން. އެއްގޮތަކަށް ވެސް ބޭނުމެއް ނޫން." އަހުމަދު ބުންޏެވެ.
ރަށުގައި ބޭއްވި މަސް ބޭނުމުގެ މުބާރާތުގައި އަޒީމާ އާއި މުހައްމަދު ބައިވެރިވެ، ދެ ފަހަރެއްގެ މަތިން އެއްވަނަ އަދި ދެ ވަނަ ވެސް ހޯދި އެވެ.
"މަސްވެރިކަމަށް ގޮސް އުޅުނު އިރު އެއީ ފިރިހެނުން ކުރާ މަސައްކަތޭ ކިޔައިގެން އުޅޭ މީހުން. މިހާރު ނުކިޔާ. އޭރު މީހުން އަނގަ ތެޅުވިޔަސް އަޅުގަނޑަށް ހިތްވަރު ލިބެނީ މީހުން ތަޅުވާ އަނގައިން. ހުސް ފިރިހެނުންނަށް ނޫން ދޯ އެ ކަހަލަ ކަންތައްތައް ކުރެވޭނީ. އަންހެނުންނަށް ވެސް ކުރެވޭކަން ދައްކާލަން ކުރަމުން ދަނީ."
އަޒީމާ ބަލިވާއިރު އޭނާގެ އެންމެ ބޮޑު އެހީތެރިއަކަށް ހުންނަނީ އަހުމަދެވެ. މީހެއްގެ އެހީތެރިކަން އެންމެ ބޮޑުވިއިރު އަހުމަދުގެ ހުރިހާ ކަމެއް، އެއްވެސް ޝަކުވާއެއް ނެތި، ބަލަހައްޓައިދިނީ އަޒީމާ އެވެ.
އަހުމަދު ބުނީ އޭނާ ބަލިވެގެން މިހާތަނަށް ވިއްސަކަށް ފަހަރު އިންޑިއާ އަށް ގޮސްފައިވާ ކަމަށެވެ. އެ ހުރިހާ ދަތުރެއްގައި ވެސް ދަނީ އަޒީމާއާ ދެ މީހުން އެކަންޏެވެ. އަހުމަދު ބުނާގޮތުން، އޭނާ އަށް އިތުރު މީހެއްގެ އެހީތެރިކަމެއް ވެސް ބޭނުމެއް ނޫނެވެ.
"އިތުރު މީހެއް ބޭނުމެއް ނޫން،" އަހުމަދު ބުންޏެވެ.
އަޒިމާ "މިހާރު" އާ ވާހަކަ ދައްކަނީ: މީހުންގެ ފުރައްސާރަ އަށް އޭނާ ދެނީ ބީރު ކަންފަތެއް -- ފޮޓޯ: އިސްމާއިލް ނަސީރު/ މިހާރު
މި ދެމަފިިރިންގެ ގުޅުން ފާހަގަކޮށް، މި ރަށު ކައުންސިލުން ވަނީ، އެންމެ އެއްކޮށް އުޅޭ ދެމަފިރިންނަށް ދޭ ފުރަތަމަ އެވޯޑު ވެސް މި ދެ މީހުންނަށް ދޭން ނިންމައިފަ އެވެ.
އަންހެނުންނާ ވަކިވާނީ އޮފީހުގައިވާ ވަގުތުކޮޅު އެކަނި. އެހެން އެއްވެސް ވަގުތަކު ނުވާނެ އަންހެނުންނާ ވަތްކެއް.
"އަންހެނުންނާ ވަކިވާނީ އޮފީހުގައިވާ ވަގުތުކޮޅު އެކަނި. އެހެން އެއްވެސް ވަގުތަކު ނުވާނެ އަންހެނުންނާ ވަތްކެއް. އެއީ އަޅުގަނޑު އެންމެ ފުރަތަމަ އިން މީހާ އަށް ވެފައި، އަޅުގަނޑަކީ އިތުރު މީހަކާ އިންނަން ބޭނުންވާ މީހަކަށް ނުވާތީ. މުސްތަގުބަލުގައި ވެސް ނެތިން އިތުރު މީހަކާ އިނދެގެން އުޅުމުގެ ހިޔާލެއް، ވިސްނުމެއް."
"ވަރަށް ލޯބިވޭ. މި ދުނިޔެ ދެކެ ވާ ލޯބި. ހަގީގަތުގައި ވެސް. މިއީ ހިތުގެ އަޑިން ބުނާ އެއްޗެއް،" ދެ މީހުން އެކުގައި ދިން އިންޓަވިއުގައި، އަޒީމާ އަށް ބަލާލަމުން އަހުމަދު ބުންޏެވެ.
"އިނދެވުނީ އިރާދަކުރެއްވިއްޔާ ވަރަށް ރަނގަޅު މީހަކާ. އެ އިން ގޮތަށް މި އުޅެނީ. އެންމެ ރަނގަޅު މީހާ އަޅުގަނޑަށް ލިބިފައި މިހުރީ. މިކަހަލަ މީހެއް ނުލިބޭނެ ވަރަށް."
އަޒީމާ އާއި އަހުމަދު "މިހާރު" އަށް އިންޓަވިއު ދެނީ -- ފޮޓޯ: އިސްމާއިލް ނަސީރު/ މިހާރު
އެ ދެމަފިރިންނަށް ލިބިފައިވާ އެންމެ ބޮޑު އުފަލަކީ އެ ދެމަފިރިންގެ ހުރިހާ ދަރިން ވެސް ރަނގަޅަށް ތަރުބިއްޔަތު ކުރެވިފައި ވުމެވެ. އަދި އޭގެ ތެރެއިން ބައެއް ދަރިންނަކީ ވެސް ބައްޕަ އާއި މަންމަހެން ހީނުކުރާ ކަހަލަ ކަންތައްތަކުގެ ތެރޭގައި އާމްދަނީގެ ބިންގާ އަޅައިފައިވާ ދަރިންނެވެ. އެއް އަންހެން ކުއްޖަކީ ޕްރޮފެޝަނަލް ލޯންޗް ޑްރައިވަރެކެވެ. އަނެއް އަންހެންކުއްޖަކީ ފަޔާ ފައިޓަރެކެވެ.
"ވަރަށް ރަނގަޅު އިރާދަކުރެއްވިއްޔާ މިހާރު. މުސްތަގުބަލް އުޖާލާ. ވަރަށް ހިތްހަމަޖެހިލައިގެން މި އުޅެނީ. މުސްތަގުބަލު އުޖާލާވީ ހަމަ އަޅުގަނޑުމެންގެ ދެމަފިރިންގެ މަސައްކަތުން ކަމަށް މި ބަލަނީ،" އަހުމަދު ބުންޏެވެ.
"ޑެއިޒީ" ފަރިކުރި ތިން ބެއިން!
މުހައްމަދު: އެންމެ އަލިގަދަ ތަރިއަކީ މިއީ!
ފިރިހެނުންނަށް ދޫނުކޮށް ފިޔޯރީގެ އަންހެނުން ރާވެރިކަމަށް
24 ކައިވެނިކުރި މީހެއް؛ ލައްކަ ގިނަ ވާހަކަ ދެއްކި!
ބަށީގެ ރާނީ: "އެ ފޯރި އާއި ދިރުން ގެއްލުވާލައިފި"!
ސުޖުއާން: ޑިސްކަވަރީ ތެރެއަށް ގެއްލި ބޭރުގެ ރާޑަރަށް
ހިޔާލުތަކާ ދުރަށް ދަނީ މި ދޯނިތަކުގައި
އެތައް ކުއްޖަކަށް "އަގުބޮޑު" މަންމަން ކޯޗު
މުސްކުޅިވީ ދުވަހު ހަތަރު ކުދިންގެ "މަންމަ"އަކަށް!
ސަތޭކައިގެ ދަރިވަރު: އޭނާގެ ދިރިއުޅުން ބަދަލުވެއްޖެ