Roadha Mihaaru

ފިރިހެނުންނަށް ދޫނުކޮށް ފިޔޯރީގެ މި އަންހެނުން ފޯރީގައި ރާވެރިކަމަށް!

01 އެޕްރީލް 2023

މި ރަށް، ގދ. ފިޔޯރިން މި ފެންނަނީ ރާއްޖޭގައި ވަރަށް މަދުން ނޫނީ ނުފެންނާނެ މަންޒަރެކެވެ.

ފާތިމަތު ޝަނާ މުހައްމަދު ގދ. ފިޔޯރިން ފާތިމަތު ޝަނާ މުހައްމަދު

މި ރަށް، ގދ. ފިޔޯރިން މި ފެންނަނީ ރާއްޖޭގައި ވަރަށް މަދުން ނޫނީ ނުފެންނާނެ މަންޒަރެކެވެ.

އެކަކީ ހަފްސާ އަބްދުﷲ އެވެ. އޭނާ ހަރުގަނޑެއް ހިފައިގެން ގޮސް، ރުކެއްގައި ޖައްސާފައި ރުކަށް އެރި އެވެ. އަތުގައި އޮތް ޒަމާނީ ރާބަނދި، ރާއެތާ ދިމާކޮށްލި އެވެ. އަދި އޭގައި އެ ބަނދި ބަނެވެ. ދެން ރުކުން ފޭބި އެވެ.

"ދިހަ އަހަރުވީ މިހެން ރާވެރިކަން ކުރާތާ،" މި ރަށު އަންހެނުންގެ ތެރެއިން އެންމެ ފުރަތަމަ ރާވެރިކަން ކުރަން ފެށި ހަފްސާ ބުންޏެވެ.

މި ރަށުގައި ރާވެރިކަމުގައި މަސައްކަތުގެ ކުރީގައި އުޅެނީ އަންހެނުންނެވެ. އެ މަސައްކަތަށް އަންހެނުން ވަދެ، އެއީ މިހާރު މި ރަށުގައި އަންހެނުން ކުރާ ކަމަކަށް ބަދަލުވެއްޖެ އެވެ. އެއީ ރަނގަޅު ބަދަލެއް ކަމަށް ރަށު އެންމެހެން ވެސް ގަބޫލު ކުރެ އެވެ. އަދި، އެއީ، ގާތްގަނޑަކަށް ދޮޅު ހާހެއްހާ މީހުން އުޅޭ މި ރަށުގައި ރަނގަޅު އާމްދަނީއެއް ލިބިދާނެ ކަމެއް ކަމަށް ވެސް އެ މީހުން ގަބޫލު ކުރެ އެވެ. އެކަން އޮތީ ވެސް އެހެންނެވެ.

ހަފްސާ "މިހާރު" އާ ވާހަކަ ދައްކަނީ. އޭނާ އަކީ ފިޔޯރީގައި އެންމެ ފުރަތަމަ ރާވެރިކަމަށް ނުކުތް އަންހެން މީހާ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ހަފްސާ "މިހާރު" އާ ވާހަކަ ދައްކަނީ. އޭނާ އަކީ ފިޔޯރީގައި އެންމެ ފުރަތަމަ ރާވެރިކަމަށް ނުކުތް އަންހެން މީހާ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

"ރާ ރުކުން ބާލައި، އެ ހަކުރަށް ހެދުމުގެ ހުރިހާ މަސައްކަތެއް ކުރަނީ ވެސް ހަމަ އަންހެނުން،" މި ރަށު މީހަކު ބުންޏެވެ.

ހަފްސާ އެކަން ފެށީ އޭނާގެ ފިރިމީހާ އެ މަސައްކަތުގައި އުޅުމަށް ފަހު ރަށުން ބޭރަށް ދިއުމުން، ފިރިމީހާ ރާ އެޅި ރުއްތައް ހުސްކޮށް ނުބަހައްޓަން ވެގެންނެވެ. އެންމެ ފަހުން އެކަން ކުރުން މުޅިންހެން އޭނާ އަށް ބަދަލުވީ އެވެ. މިހާރު އެއީ އޭނާ އަށް އުނދަގޫ ކަމެއް ވެސް ނޫނެވެ.

ހަފްސާ ރާބާލަނީ: އޭނާ އަކީ ފިޔޯރީގައި އެންމެ ފުރަތަމަ ރާވެރިކަމަށް ނުކުތް އަންހެން މީހާ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ހަފްސާ ރާބާލަނީ: އޭނާ އަކީ ފިޔޯރީގައި އެންމެ ފުރަތަމަ ރާވެރިކަމަށް ނުކުތް އަންހެން މީހާ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެކަމަކު ރާވެރިކަމުގެ ކޮންމެ ކަމަކީ ވެސް އެހާ އުނދަގޫ ކަމެކެވެ. އެއީ ވަރަށް ބުރަ މަސައްކަތެކެވެ. ހަމައެކަނި ރުކަށް އަރާލައިފައި، ރާބަނދި ހަރުކޮށްލީމަ އެކަން ނިމުނީއެއް ނޫނެވެ. ރުކަށް އެރުމަކީ ވެސް ފަސޭހަ ކަމެއް ނޫނެވެ. އެ ބަނދި ހަރުކުރުމަކީ ވެސް ފަސޭހަ ކަމެއް ނޫނެވެ. އަދި ކޮންމެ ދުވަހަކު ތިން އިރަށް ރުކަށް އަރައި، ރާއެތް ކޮށައި ސާފު ކުރުމަކީ ވެސް ފަސޭހަ ކަމެއް ނޫނެވެ. ފަރުވާ ކުޑަކޮށްލައިފި ނަމަ، އެތުގެ ބޭނުން ކެނޑި، އަނެއްކާ ވެސް ރުކުގެ އެހެން ކުރިއަކުން ރާ ހޯދަން ޖެހެ އެވެ. އެހެންވެ، މިއީ އެކަމަށް ކޮންމެ ދުވަހަކު ވެސް ވަގުތު ހުސްކުރަން ޖެހޭ ކަމެކެވެ.

"ހެނދުނު ހައެއް ޖަހާ އިރު އެންމެ ލަސްވެގެން ފުރަތަމަ ރުކަށް އަރަން. ދެން މެންދުރު 11:30 ގައި. ދެން ހަވީރު 5:30 ހާއިރު،" ހަފްސާ ބުންޏެވެ.

ހަފްސާ ރާބާލަނީ: އޭނާ އަކީ ފިޔޯރީގައި އެންމެ ފުރަތަމަ ރާވެރިކަމަށް ނުކުތް އަންހެން މީހާ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ހަފްސާ ރާބާލަނީ: އޭނާ އަކީ ފިޔޯރީގައި އެންމެ ފުރަތަމަ ރާވެރިކަމަށް ނުކުތް އަންހެން މީހާ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭނާ ރުކަށް އަރާ ކޮންމެ ދެ ދުވަހަކުން ދެ ލީޓަރުގެ ހަމެއް ފުރާ ރާ ހޯދަ އެވެ. ދެން އެ ރާ، އޭނާގެ ގޭގައި ސްޓޯކުރަނީ އެވެ. ރުކު ރާގެ އިތުރުން އެ ކައްކައިފައި ހަކުރަށް ވެސް ހަދަ އެވެ. ރައްކާކޮށްފައި ހުންނަ ރާ 15 މަސް ދުވަހު ވެސް ގެންގުޅެވޭނެ ކަމަށް އޭނާ ބުންޏެވެ.

ރުކުރަލާއި ދިވެހި ހަކުރަކީ ވަރަށް ޑިމާންޑް ބޮޑު އެއްޗެކެވެ. އެއީ މާރުކޭޓުގައި އާދައިގެ އަގުގައި ލިބޭ އެއްޗެއް ވެސް ނޫނެވެ. ރާއްޖޭގައި ރުކުރާ އުފައްދާލެއް މަދުކަމުން އޭގެ ޑިމާންޑް އޮންނަނީ އިންތިހާ އަށެވެ. އެހެންވެ، މި ރަށުގެ އަންހެނުންނަށް ވެސް، އެ ޑިމާންޑާ އެއްވަރަށް ގިނަފަހަރު އޮންނަނީ ސަޕްލައި ނުވެފަ އެވެ.

ލަތީފާ "މިހާރު" އާ ވާހަކަދައްކަނީ. އޭނާ ބުނީ، މިއީ ބުރައަސް ވަރަށް ކުރާ ހިތްވާ މަސައްކަތެއް ކަމަށް-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ލަތީފާ "މިހާރު" އާ ވާހަކަދައްކަނީ. އޭނާ ބުނީ، މިއީ ބުރައަސް ވަރަށް ކުރާ ހިތްވާ މަސައްކަތެއް ކަމަށް-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ހަފްސާގެ އިތުރުން މި ރަށުގައި ރާވެރިކަން އެންމެ ފުޅާކޮށް އެކަން ކުރަނީ ލަތީފާ އާދަމެވެ. އޭނާ ވެސް މި މަސައްކަތް ކުރާތާ 10 ވަރަކަށް އަހަރުވެއްޖެ އެވެ. އޭނާ މި މަސައްކަތް ކުރަން ފެށީ، ދިޔާ ހަކުރުން ހެދިކާ ހަދާތީ އޭގެ ބޭނުމުގަ އެވެ. އެހެންވެ، މީހުންގެ އަތުން ހޯދުމުގެ ބަދަލުގައި އަމިއްލަ އަށް ރުކަށް އަރައިގެން އެކަން ކުރަނީ އެވެ.

އޭނާ ބުނީ، ކިތަންމެ ބުރަޔަސް، އޭގެ ސަބަބުން އަތުން އިތުރު ހަރަދެއް ނުދާ ކަމަށެވެ. ދިޔާ ހަކުރު ގަންނަން ކުރިން ކުރާ ހަރަދު އޭނާ އަށް ސަލާމަތްވެ، ރާ ވިއްކައިގެން އިތުރު އާމްދަނީއެއް ވެސް އޭނާ އަށް ލިބެން ފެށީ އެވެ.

"ރާ އެތް" ކޮށާ ސާފު ކުރަނީ. މިކަން ކޮންމެ ދުވަހަކު ތިން ފަހަރު ކުރަން ޖެހޭނެ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

"ރާ އެތް" ކޮށާ ސާފު ކުރަނީ. މިކަން ކޮންމެ ދުވަހަކު ތިން ފަހަރު ކުރަން ޖެހޭނެ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މި ރަށުގައި އަންހެނުން އެހާ ފޯރިއާ އެކު ރާވެރިކަމުގައި އުޅެނީ، ގިނަ ފިރިހެނުން ރަށުން ބޭރަށް މަސައްކަތު ގޮސް އުޅޭތީ، ގޭގައި ވަކި ކަމެއް ނެތި ތިބެން ޖެހޭތީ އެވެ. ގިނަ އަދަދަކަށް ރުއް އޮތް މި ރަށުގައި އެއީ އާމްދަނީ އަށް ވެސް ކުރެވިދާނެ ކަމެއް ގަބޫލުކުރާތީ އެވެ

"ގޭގައި މި އަންހެނުން ތިބެނީ. ދެން ފޫހިވާނެއެއްނުން. އެހެންވެ ހަމަ ކުރާ ހިތުން މި ކުރަނީ،" ލަތީފާ ބުންޏެވެ.

އޭނާ ބުނީ، މި ރަށުގައި އެންމެ ފުރަތަމަ އެކަން ކުރަން ފެށި ހަފްސާގެ ފަހަތުން އެތައް އަންހެނުންނެއް އެކަން މިހާރު ކުރަމުން ގެންދާ ކަމަށެވެ.

"ގަބޫލު ކުރެވުނީ މިއީ ކުރެވޭނެ ކަމެއްކަން. ކޮންމެ ކަމެއް ވެސް ކުރީމަ ހަމަ ރަނގަޅަށް ކުރެވޭނެތާ،" އޭނާ ބުންޏެވެ.

މި މަސައްކަތުގައި އުޅެނީ އުމުރުން 40 އަހަރާއި 50 އަހަރާ ދެމެދުގެ އަންހެނުންނެވެ. މި މަސައްކަތަކީ ބުރަ މަސައްކަތެއް ނަމަވެސް، އެކަން ކުރާ ގިނަ މީހުން އެ މަސައްކަތް ކުރަނީ ވަރަށް ކުރާހިތުންނެވެ.

ލަތީގާ ރުކަށް އަރައި، ބަނދި ހަރުކުރަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ލަތީގާ ރުކަށް އަރައި، ބަނދި ހަރުކުރަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

މި ރަށު އަންހެނުން އެކަން ކުރަނީ ވަކި ކަމެއް ސާބިތުކޮށްދޭކަށް ނޫނެވެ. އެކަމަކު، މި މަސައްކަތުން އެއް ކަމެއް ސާބިތުވެ އެވެ؛ އެކަމެއް ކުރަން އުޅެފިއްޔާ ކޮންމެ ކަމެއް ވެސް ކުރެވިދާނެ ކަމެވެ. އަންހެނުން/ ފިރިހެނުން ތަފާތެއް ނެތް ކަމެވެ.