Roadha Mihaaru

ހިޔާލުތަކާ ދުރަށް ދަނީ މި ދޯނިތަކުގައި

18 އެޕްރީލް 2023

އުމުރުން ދުވަސް ވިޔަސް އަދި ހުރީ ހެޔޮހާލުގަ އެވެ. ހެލިފެލިވެ އުޅޭކަށް އެއްވެސް ދައްޗެއް ނެތެވެ. ބަލާބެލުމަށް 76 އަހަރުގެ މީހެކޭ ވެސް ހީނުވެ އެވެ. އެހެންވެ، އެންމެ ފުރަތަމަ ވެސް އަހާލެވުނީ ރަނގަޅު ސިއްހަތެއްގައި ހުންނަން ވަކި ކަމެއް ކުރަނީ ހެއްޔޭ އެވެ.

އިފްރާޒް އަލީ ރ. މާކުރަތުން އިފްރާޒް އަލީ

އުމުރުން ދުވަސް ވިޔަސް އަދި ހުރީ ހެޔޮހާލުގަ އެވެ. ހެލިފެލިވެ އުޅޭކަށް އެއްވެސް ދައްޗެއް ނެތެވެ. ބަލާބެލުމަށް 76 އަހަރުގެ މީހެކޭ ވެސް ހީނުވެ އެވެ. އެހެންވެ، އެންމެ ފުރަތަމަ ވެސް އަހާލެވުނީ ރަނގަޅު ސިއްހަތެއްގައި ހުންނަން ވަކި ކަމެއް ކުރަނީ ހެއްޔޭ އެވެ.

"މިހެން މި ހުރީ އަބަދު މޫދަށް ދާތީ. އެކަމަކު މިހާރު އެކަނި ދިއުން އެހާ ރަނގަޅު ކަމަކަށް ނުވާތީ ނުދަނީ،" ރ. މާކުރަތު، މުހައްމަދު އިބްރާހިމް ބުންޏެވެ.

ޒުވާން ދުވަސްވަރު މުހައްމަދު ނުކުރާކަށް މަސައްކަތެއް ނެތެވެ. ކިއްސަރުވަޑާން ކުރި އެވެ. ހެދުން ފެހި އެވެ. އެ ކަންކަމަށް ހުރި ޝައުގުވެރިކަމުގެ ސަބަބުންނެވެ. އެކަމަކު ކާންބޯން އޭނާ ކުރި މަސައްކަތަަކީ މަސްވެރިކަމާއި ވަޑާންކުރުމެވެ.

މުހައްމަދު އިބްރާހިމް: އޭނާ ހިތްހަމަޖައްސާލަން ކުރާ މަސައްކަތަކީ ކުދިކުދި ދޯނި ހަދައިގެން ވިއްކުން.-- ފޮޓޯ: މިހާރު

މުހައްމަދު އިބްރާހިމް: އޭނާ ހިތްހަމަޖައްސާލަން ކުރާ މަސައްކަތަކީ ކުދިކުދި ދޯނި ހަދައިގެން ވިއްކުން.-- ފޮޓޯ: މިހާރު

މިހާރު ދުވަސްވެ، ގޭގައި ހުންނަން ޖެހުމުން މުހައްމަދު ކުރަން ފެށީ އޭނާ އެންމެ ޅައިރުއްސުރެ އެންމެ ކުރާހިތުން ކުރަމުން އަންނަ މަސައްކަތެވެ. އެއީ އަތްތެރިމަސައްކަތެކެވެ. ރީތި، ކުދިކުދި ދޯންޏާއި ބައްތެލި ހަދައިގެން ވިއްކަނީ އެވެ.

"ވަކި އިރެއް ހުއްޓައެއް ނުލަން. ބޮޑެތި ދޯނި ކަނޑުމަތީގައި ދުއްވިއިރު ވެސް، މި ކުދި އެއްޗެހި (ދޯނި) ހަދަން،" އޭނާ ބުންޏެވެ.

"މިހާރު ގައިގެ ބާރު ދެރަވީމާ، ދެން ގޭގައި ހުންނަން ޖެހޭތީވެ ހަމަ ވަރަށް ފޫހިވޭ."

"އެކަމަކު ހިޔާލު ކުރާކަށް ނުޖެހޭ މި ކަހަލަ އެއްޗެހި ދޮށުގައި ހުންނައިރު. މިތަނުން ގޮސް ތަނެއްގައި މަޑުކޮށްލިޔަސް ހިޔާލުގަނޑު ބޮޑުވަނީ، ފާޑުފާޑުގެ ހިޔާލު، އެކަނި އުޅޭއިރުގައި އަންނާނެ ދޯ."

މުހައްމަދު އިބްރާހިމް ދޯންޏެއް ހެދުމުގެ މަސައްކަތުގައި.-- ފޮޓޯ: މިހާރު

މުހައްމަދު އިބްރާހިމް ދޯންޏެއް ހެދުމުގެ މަސައްކަތުގައި.-- ފޮޓޯ: މިހާރު

މުހައްމަދުގެ ކުދިން ދިރިއުޅެނީ ރަށުން ބޭރުގަ އެވެ.

އޭނާ ބުނި ގޮތުގައި، ކޮންމެ ދުވަހަކު ވެސް ހިތްހަމަޖައްސާލަން، ގޭގެއަށް ގޮސް އެކުވެރިންނާ ބައްދަލުކޮށް ހަދަ އެވެ. ދޯނި ހެދުމުގެ މަސައްކަތުގައި އުޅެނީ ދުވާލަކު 4-5 ގަޑިއިރެވެ.

"މިކަން ނޫން ދެން ކޮންމެ ކަމެއް ވެސް ކޮށްދިނީ ހިލޭ. ޖަމީހެއް ފަހައިދޭށޭ ބުނީމަ ފަހައި ދިނީމަ ނުކެރޭ އަގު ކިޔާކަށް. އެ ކުއްޖާ ދާނީ ގަމީސް ހިފައިގެން. އެގޮތަށް ގޮސް ވަރަށް ދީލަތިކޮށް މީހުންނަށް މަސައްކަތް ކޮށްދީފައި ހުންނާނީ،" އޭނާ ބުންޏެވެ.

"މީހުންނަށް ކަންކަން ކޮށްދީމަ، މީހުން ވެސް ކަންކަން ކޮށްދޭ."

މުހައްމަދު އިބްރާހިމް ހެދުން ފަހަން ގެންގުޅުނު ފަހާފޮށި.-- ފޮޓޯ: މިހާރު

މުހައްމަދު އިބްރާހިމް ހެދުން ފަހަން ގެންގުޅުނު ފަހާފޮށި.-- ފޮޓޯ: މިހާރު

މި އެއްޗެހި ހަދަން އޭނާއަށް އޯޑަރު ވެސް ލިބެ އެވެ. މި ކަހަލަ ބޮޑެތި ދޯނި ހަދައި ވިއްކަން މާލެއަށް ވެސް ފޮނުވަ އެވެ. އެކަމަކު އޭނާ ބުނި ގޮތުގައި، މިހާރު ބޮޑަށް ޑިމާންޑު އޮންނަނީ ކުދިކޮށް ހަދާ ދޯނިތަކަށެވެ.

މުހައްމަދު ބުނި ގޮތުގައި، މި އުމުރުގައި އޭނާއަށް ލިބޭ އެންމެ ބޮޑު އުފަލަކީ އެނދުމަތިނުވެ، އަތްފައިން މަސައްކަތްކޮށް، އަމިއްލައަށް އުޅެވޭވަރު ވުމެވެ. އަދި މި ރަށު ކުދިބޮޑު އެންމެން އޭނާއަށް ބަހައްޓާ ގާތްކަމެވެ. މުހައްމަދު ގޭގައި އުޅެނިކޮށް، ގޭގެ ދޮރުމަތި ހުރަސްކޮށްލާ ކުޑަކުއްޖަކު ވެސް އޭނާއަށް ގޮވާނުލާ ނުދާ ކަމަށް ބުންޏެވެ. އެއީ އޭނާއަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.