Roadha Mihaaru
އިޒްރޭލު ސިފައިން އަގްސާ މިސްކިތަށް ހަމަލާ ދީފި

އިޒްރޭލު ސިފައިން އަގްސާ މިސްކިތަށް ވަދެ ގިނަ ބަޔަކު ހައްޔަރުކޮށްފި

05 އެޕްރީލް 2023

މުސްލިމުންގެ ތިން ވަނަ އެންމެ މުގައްދަސް ހަރަމްފުޅު ކަމަށްވާ މަސްޖިދުލް އަގްސާގެ ތެރޭގައި ފަލަސްތީނުގެ މުސްލިމުން ނަމާދުކޮށް ގުރުއާން ކިޔަވައި ރޭއަޅުކަން ކުރަން ތިއްބައި، އިޒްރޭލުގެ ސިފައިންނާއި ފުލުހުން ރޭ އެ މިސްކިތަށް ވަދެ ހަމަނުޖެހުން ހިންގައި ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށްފި އެވެ.

މުސްލިމުންގެ ތިން ވަނަ އެންމެ މުގައްދަސް ހަރަމްފުޅު ކަމަށްވާ މަސްޖިދުލް އަގްސާގެ ތެރޭގައި ފަލަސްތީނުގެ މުސްލިމުން ނަމާދުކޮށް ގުރުއާން ކިޔަވައި ރޭއަޅުކަން ކުރަން ތިއްބައި، އިޒްރޭލުގެ ސިފައިންނާއި ފުލުހުން ރޭ އެ މިސްކިތަށް ވަދެ ހަމަނުޖެހުން ހިންގައި ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށްފި އެވެ.

ފަލަސްތީނުގެ ރަސްމީ އިދާރާތަކުން ބުނާ ގޮތުގައި މިއަދުގެ ފަތިހުގެ ވަގުތުގައި އިޒްރޭލުގެ ފުލުހުންނާއި ސިފައިން އަގްސާ މިސްކިތަށް ވަދެ، އަޅުކަމުގައި ތިބި މީހުންނަށް ހަމަލާދީ މަދުވެގެން 400 މީހަކު ހައްޔަރުކޮށްގެން ގެންދިޔަ އެވެ. އެ އެންމެން ވެސް މިހާރު ތިބީ އިރުމަތީ ގުދުސްގައި ހުންނަ، ފުލުހުން ބަލަހައްޓާ ޖަލެއްގަ އެވެ.

މަންޒަރު ދުށް މީހުން ބުނި ގޮތުގައި އިޒްރޭލުގެ ސަލާމަތީ ބާރުތަކުގެ މީހުން އަގްސާ މިސްކިތަށް ވަދެ، އެ މިސްކިތުގައި އަޅުކަމުގައި ތިބި މީހުންގެ ތެރެއަށް އެންމެ ފުރަތަމަ ޖެހީ ކަރުނަގޭހެވެ. އެއަށް ފަހު ސްޓަން ގްރެނޭޑް ބޭނުންކޮށް، މިސްކިތުގެ ތެރެއިން މީހުންތައް ނެރުމުގެ ތެރޭގައި މުގުރުން ތަޅައި ވަރަށް ބޮޑަށް އަނިޔާކުރި އެވެ.

ފަލަސްތީނުގެ ރެޑް ކްރެސެންޓުން ބުނި ގޮތުގައި އިޒްރޭލު ސިފައިންނާއި ފުލުހުން ދިން ހަމަލާތަކުގައި މަދުވެގެން 12 މީހަކު ޒަޚަމްވި އެވެ. އޭގެ ތެރެއިން ތިން މީހަކަށް މިހާރު އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އަދި އަގްސާ މިސްކިތުގެ ތެރެއަށް ވަދެގަނެ، ހަމަލާ ދިނުމުން ޒަޚަމްވި މީހުން އެ ތަނުން ނެރުމަށް މަސައްކަތް ކުރުމުން، އިޒްރޭލު ސިފައިން އެކަމަށް ހުރަސްއަޅައި ހުއްޓުވި ކަމަށް، ރެޑް ކްރެސެންޓުން ބުންޏެވެ.

އިޒްރޭލުގެ ސިފައިންނާ ފުލުހުން ބާރުގެ ބޭނުންކޮށް ފަލަސްތީނުގެ މުސްލިމުން، އަގްސާ މިސްކިތުން ނެރުމަށް ފަހު، އިޒްރޭލު ފުލުހުން ހިމާޔަތް ދީގެން ޔަހޫދީންގެ ބަޔަކު ވަނީ އަގްސާ މިސްކިތަށް ވައްދައިފަ އެވެ.

އިޒްރޭލު ފުލުހުން ބުނި ގޮތުގައި އެމީހުން އަގްސާ މިސްކިތަށް ވަދެގަންނަން ޖެހުނީ، ފަލަސްތީނުގެ ބަޔަކު ގަލާއި ފަޓާސް ފަދަ ތަކެތި ހިފައިގެން މިސްކިތަށް ވަދެ، އެހެން ބަޔަކަށް ނުވަދެވޭނެ ގޮތަށް މިސްކިތުގެ ދޮރު ބަންދުކުރުމުންނެވެ. އެ މީހުން ނެރުމަށްޓަކައި އިޒްރޭލުގެ ފުލުހުން މިސްކިތަށް ވަނުމާއެކު، ފަޓާސްތަކުގައި ރޯކޮށް ފުލުހުންނާ ދިމާލަށް އުކި ކަމަށް ވެސް ފުލުހުން ބުންޏެވެ.

މިއަދު ފަތިހު ހިނގި މި ހަމަނުޖެހުންތަކާ ގުޅޭ ގޮތުން ފަލަސްތީނުގެ ބޮޑުވަޒީރު މުހައްމަދު ޝަތިއްޔާ ވިދާޅުވީ އެއީ އިޒްރޭލު ސިފައިން ހިންގި ބޮޑު ޖަރީމާއެއް ކަމަށެވެ. އަގްސާ މިސްކިތުގައި އަޅުކަން ކުރުމަކީ އިޒްރޭލު ސިފައިންގެ ހުއްދަ ހޯދަންޖެހޭ ކަމެއް ނޫން ކަމަށާއި، އެއީ ފަލަސްތީނު ރައްޔިތުންނަށް ލިބިގެންވާ އަސާސީ ހައްގެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިރުމަތީ ގުދުސް އާއި ހުޅަނގު އައްސޭރީ އަދި އަގްސާ މިސްކިތް ހުންނަ ސަރަހައްދުގައި އިޒްރޭލުގެ ސަލާމަތީ ބާރުތަކާއި ފަލަސްތީނުގެ މުސްލިމުންނާ ދެމެދު މެދުނުކެނޑި ހަމަނުޖެހުންތައް ހިނގާތާ މިހާރު މަސްތަކެއް ވެއްޖެ އެވެ.