Roadha Mihaaru
ދެ ފަރާތުން ޒިންމާދާރުވުމަށް އދ. އިން ގޮވާލަައިފި

ދެ ފަރާތުން ވެސް ޒިންމާދާރުވުމަށް އދ. އިން ގޮވާލައިފި

06 އެޕްރީލް 2023

އިޒްރޭލުގެ ސަލާމަތީ ބާރުތަކުން އަލް އަގްސާ މިސްކިތަށް ވަދެގަނެ، އެ ތަނުގައި އަޅުކަން ކުރަން ތިބި ފަލަސްތީނުގެ މުސްލިމުންނަށް ހަމަލާދީ ލޭ އޮހޮރުވުން ހިންގާފައި ވަނިކޮށް، އިޒްރޭލާއި ފަލަސްތީނުން ވެސް ޒިންމާދާރުކަމާ އެކުގައި ކަންކަން ކުރުމަށް އދ. އިން އިއްޔެ ގޮވާލައިފި އެވެ.

އިޒްރޭލުގެ ސަލާމަތީ ބާރުތަކުން އަލް އަގްސާ މިސްކިތަށް ވަދެގަނެ، އެ ތަނުގައި އަޅުކަން ކުރަން ތިބި ފަލަސްތީނުގެ މުސްލިމުންނަށް ހަމަލާދީ ލޭ އޮހޮރުވުން ހިންގާފައި ވަނިކޮށް، އިޒްރޭލާއި ފަލަސްތީނުން ވެސް ޒިންމާދާރުކަމާ އެކުގައި ކަންކަން ކުރުމަށް އދ. އިން އިއްޔެ ގޮވާލައިފި އެވެ.

"ދެ ފަރާތުގެ ވެސް ސިޔާސީ، ދީނީ އަދި މުޖްތަމައުގެ ލީޑަރުންނަށް އަހަރެން މި ގޮވައިލަނީ، ހަމަނުޖެހުމާއި ދެކޮޅުވެރިކަމާއި ރުޅިވެރިކަމުގެ އެންމެހައި އަމަލުތަކުން ދުރުހެލިވުމަށް އަދި އެފަދަ ކަންކަމަށް ފާޅުގައި ދެކޮޅު ހެދުމަށް،" މެދުއިރުމަތީގެ ސުލްހައިގެ ކަންކަމާ ބެހޭ އދ.ގެ ޚާއްސަ ކޯޑިނޭޓަރު ޓޯރް ވެނެސްލޭންޑް އިއްޔެ ނެރުއްވި ބަޔާނެއްގައި ވިދާޅުވި އެވެ.

"ހަމައެފަދައިން (މަސްޖިދުލް އަގްސާގެ ކަންކަން ބެލެހެއްޓުމުގައި) ޖޯޑްން ސަރުކާރަށް ލިބިގެންދާ ދައުރާ އެކު، މުގައްދަސް ތަންތަނުގެ ތާރީޚީ ހައިސިއްޔަތު ވެސް ކޮންމެހެން ނަގަހައްޓަންޖެހޭނެ."

އޭނާ ވިދާޅުވީ ހުރުމަތްތެރިވެގެންވާ މި ދުވަސްވަރަށާއި މީހުން އަޅުކަންކުރާ ތަންތަނުގެ ހުރުމަތްތެރިކަން ވެސް ރައްކާތެރިކުރެވެންވާނެ ކަމަށާއި ސުލްހަވެރިކަމާއެކު ދީނީ އަޅުކަންތައް އަދާކުރުމުގެ ފުރުސަތު އޮންނަންވާނެ ކަމަށެވެ. އަދި މި ރޯދަ މަސް ފެށުނު ފަހުން މިހާތަނަށް މަސްޖިދުލް އަގްސާ އަށް ގާތްގަނޑަކަށް 600000 އަށް ވުރެ ގިނަ މީހުން ޒިޔާރަތް ކޮށްފައިވާ ކަމަށް ވެސް އޭނާގެ ބަޔާނުގައިވެ އެވެ.

ބުދަ ދުވަހުގެ ފަތިހު އިޒްރޭލު ފުލުހުން މަސްޖިދުލް އަގްސާގެ އެތެރެއަށް ފުރިހަމަ ބާރާ އެކުގައި ވަދެގަތީ، ފަލަސްތީނުގެ ޒުވާނުންތަކެއް އޮއްގަލާއި ފަޓާސް ފަދަ ގޮވާތަކެތި ހިފައިގެން މިސްކިތަށް ވަދެ، އެހެން މީހުންނަށް އެ ތަނަށް ނުވަދެވޭ ގޮތަށް ބަންދު ކުރި ކަމަށް ބުނެ އެވެ.

މަސްޖިދުލް އަގްސާ އަށް އިޒްރޭލު ސިފައިންނާއި ފުލުހުން ބުދަ ދުވަހު ފަތިހު ވަދެގަނެ ހިންގި އުދުވާނީ އަމަލުތަކުގައި ވަނީ ފަލަސްތީނުގެ 400 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފަ އެވެ. އޭގެ އިތުރުން އިޒްރޭލު ފުލުހުންނާއި ސިފައިން ދިން ހަމަލާތަކުގައި އަނިޔާވި 12 މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދޭންޖެހުނެވެ.

އިޒްރޭލުގެ ސަލާމަތީ ބާރުތަކުން ހިންގި މި އުދުވާނަށް ބަދަލު ހިފުމުގެ ގޮތުން ގާޒާގެ ތެރެއިން ވަނީ އިޒްރޭލުގެ އެކި ސަރަހައްދުތަކަށް ރޮކެޓްތަކެއް ފޮނުވާލައިފަ އެވެ. ނަމަވެސް އިޒްރޭލުގެ ވައިގެ ދިފާއީ ނިޒާމުތަކުން ދިން މިސައިލް ހަމަލާތަކުގައި ވަނީ އެ ރޮކެޓްތައް ވައިގެ ތެރެއަށް ގޮއްވާލައިފަ އެވެ. އަދި ގާޒާ އިން ދިން ރޮކެޓް ހަމަލާތަކަށް ބަދަލު ހިފުމުގެ ގޮތުން އިޒްރޭލު ސިފައިން ވަނީ ގާޒާ އަށް މިސައިލް ހަމަލާތަކެއް ދީފަ އެވެ.