Roadha Mihaaru
ފަލަސްތީނުގެ ރައްޔިތުންނޭ ކިޔާ ބަޔަކު ނުތިބޭނެ

ފަލަސްތީނުގެ ރައްޔިތުންނޭ ކިޔާ ބަޔަކު ނުތިބޭނެ: އިޒްރޭލު

21 މާޗް 2023

ފަލަސްތީނު ރައްޔިތުންނޭ ކިޔާ ބަޔަކު ދުނިޔޭގެ އެއްވެސް ހިސާބެއްގައި ނުއުޅޭ ކަމަށް، އިޒްރޭލުގެ މާލީ ވަޒީރު ބެތަސެލްއީލް ސްމޮޓްރިޗް އިއްޔެ ވިދާޅުވުމާ ގުޅިގެން ބައިނަލްއަގުވާމީ މުޖްތަމައުގެ ފާޑުކިޔުމާއި ނުރުހުން ވަރަށް ބޮޑަށް އިޒްރޭލާ ރައްދުވާން ފަށައިފި އެވެ.

ފަލަސްތީނު ރައްޔިތުންނޭ ކިޔާ ބަޔަކު ދުނިޔޭގެ އެއްވެސް ހިސާބެއްގައި ނުއުޅޭ ކަމަށް، އިޒްރޭލުގެ މާލީ ވަޒީރު ބެތަސެލްއީލް ސްމޮޓްރިޗް އިއްޔެ ވިދާޅުވުމާ ގުޅިގެން ބައިނަލްއަގުވާމީ މުޖްތަމައުގެ ފާޑުކިޔުމާއި ނުރުހުން ވަރަށް ބޮޑަށް އިޒްރޭލާ ރައްދުވާން ފަށައިފި އެވެ.

ފަރަންސޭސި ވިލާތުގެ ވެރިރަށް ޕެރިހުގައި ޔަހޫދީ ޖަމާއަތަކުން ބޭއްވި ތައުބީނުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން، ބެތަސެލްއީލް ވިދާޅުވީ ފަލަސްތީނުގެ ސަގާފަތަކީ އަދި ފަލަސްތީނުގެ ތާރީޚަކީ ވެސް އޮތް އެއްޗެއް ނޫން ކަމަށެވެ. އަދި ފަލަސްތީނުގެ ނަމުގައި ބަޔަކު އުޅެން ފެށިތާ އެންމެ ގިނަވެގެން ވެސް މިވީ 100 ވަރަކަށް އަހަރު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާގެ ވާހަކަތަކުގެ އިތުރުން، އޭނާ ވާހަކަ ދެއްކެވުމަށް ބޭނުންކުރެވި ޕޯޑިއަމްގައި ހަރުކޮށްފައި ހުރި ދިދައިގެ ސަބަބުން ވެސް ބައިނަލްއަގުވާމީ މުޖްތަމައުގައި ދަނީ އިޒްރޭލުގެ ބޮޑުވަޒީރު ބިންޔާމީން ނަތަންޔާހޫ އަށާއި އޭނާގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. އެ ޕޯޑިއަމްގައި ހުރި ދިދަ ހަދާފައި ހުރީ، އިޒްރޭލު ދިދަ ހުންނަ ބައްޓަމަށް، ހުދު ކުލަޔާއި ނޫ ކުލަ ބޭނުންކޮށް، ދިދައިގެން މެދުގައި އިޒްރޭލުގެ ޗާޓު ހިމަނައިގެންނެވެ.

ނަމަވެސް މައްސަލައަކަށްވީ، އެ ދިދައިގެ މެދުގައި އިޒްރޭލުގެ ޗާޓުގެ ގޮތުގައި ކުރަހާފައިވާ ކުރެހުމުގައި، މިހާރު އިޒްރޭލުގެ ނަމުގައި ބޭނުންކުރާ ބިންތަކުގެ އިތުރުން، ފަލަސްތީނުގެ ހުޅަނގު އައްސޭރި އާއި އިރުމަތީ ގުދުސާއި ޣައްޒާ އަދި ޖޯޑްން ވެސް ހިމަނާފައި އޮތުމުންނެވެ.

ޖޯޑްން ސަރުކާރުން ބުނި ގޮތުގައި އިޒްރޭލުގެ މާލީ ވަޒީރު އެ ހިންގި އަމަލުތަކަށް އިހުތިޖާޖް ކުރުމުގެ ގޮތުން، ޖޯޑްންގައި ހުންނަވާ އިޒްރޭލުގެ ސަފީރު އިއްޔެ ވަނީ ޖޯޑްންގެ ޚާރިޖިއްޔާ އަށް ހާޒިރުކޮށްފަ އެވެ. އަދި ވަޒީރު އެ ދެއްކެވި ވާހަކަތަކާ މެދު އިޒްރޭލު ސަރުކާރުން ދެކޭ ގޮތް ސާފުކޮށް ހާމަކުރުމަށް އިޒްރޭލު ސަރުކާރަށް އަންގާފައިވާނެ ކަމަށް ވެސް ޖޯޑްން އިން ބުންޏެވެ.

އޭގެ ފަހުން އިޒްރޭލުގެ ޚާރިޖިއްޔާ އިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ، ޖޯޑްން އާއި އިޒްރޭލާ ދެމެދު 1994 ވަނަ އަހަރު ސޮއިކޮށްފައިވާ ސުލްހައިގެ އެއްބަސްވުމާ އެއްގޮތަށް އިޒްރޭލުން ފުރިހަމަ އަށް އަމަލުކުރާނެ ކަމަށާއި، ޖޯޑްންގެ އިމާ މެދު އިޒްރޭލުން ގަބޫލުކުރަމުން އައި ގޮތަށް އެއްވެސް ބަދަލެއް ނާންނަ ކަމަށެވެ.

އިޒްރޭލުގެ މާލީ ވަޒީރު މި މޭރުމުން ވާހަކަ ދެއްކެވި އިރު، އިޒްރޭލާއި ފަލަސްތީނާ ދެމެދު މިހާރު ހިނގަމުންދާ ހަމަނުޖެހުންތައް ހުއްޓުވުމާ ބެހޭ ގޮތުން، ފަލަސްތީނުގެ މަންދޫބުންނާއި އިޒްރޭލުގެ މަންދޫބުން ގެންދެވީ، މިސްރުގެ ޝަރްމުއް ޝައިޚްގައި މަޝްވަރާ ކުރައްވަމުންނެވެ. އެ މަޝްވަރާތަކަށް ފަހު ފަލަސްތީނުގެ ބޮޑުވަޒީރު ވިދާޅުވީ އިޒްރޭލުގެ ވަޒީރު ދެއްކެވި ވާހަކަތަކަކީ، އަނިޔާވެރިކަމާއި ހަރުކަށި އަމަލުތަކަށް ހިތްވަރު ދެއްވުމުގެ އަމަލެއް ކަމަށެވެ.

އދ. މަޖިލީހުގެ ތަރުޖަމާނު ފަރުހާން ވިދާޅުވީ އިޒްރޭލުގެ ވަޒީރު ދެއްކެވި ވާހަކަތަކަކީ އެއްވެސް ފައިދާއެއް ހުރި ވާހަކަތަކެއް ނޫން ކަމަށާއި އެ ވާހަކަތަކުން ހާސިލުކުރެވޭނެ ނަތީޖާއެއް ވެސް ނެތް ކަމަށެވެ. އަދި ފަލަސްތީނު ރައްޔިތުންގެ ހައްގުތަކަށް އދ. މަޖިލީހުން ފުރިހަމަ އަށް ތާއީދުކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ތަރުޖަމާނު ޖޯން ކިރްބީ ވިދާޅުވި ގޮތުގައި މި ބާވަތުގެ ބަސްމަގަށް އެމެރިކާ އަބަދުވެސް އެންމެ ހަރުކަށި ގޮތުގައި ދެކޮޅު ހަދަ އެވެ. އަދި ފަލަސްތީނާއި އިޒްރޭލުގެ މުސްތަގިއްލު ދެ ދައުލަތް ގާއިމުކުރުމަށް ހުރަސްއެޅޭ ގޮތަށް ދައްކާ މިފަދަ އެއްވެސް ވާހަކައެއް ބޭނުން ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން އިޒްރޭލާ އެކުގައި އެންމެ ފުރަތަމަ ސުލްހައިގެ އެއްބަސްވުން ގާއިމުކުރި މިސްރުން ވެސް ވަނީ، އިޒްރޭލުގެ މާލީ ވަޒީރު ދެއްކެވި ވާހަކަތައް ކުށްވެރިކޮށްފަ އެވެ.