Roadha Mihaaru
އަގްސާގެ ދިފާއުގައި ރާއްޖޭން އަޑު އުފުލައިފި

އަގްސާގެ ދިފާއުގައި ބޭއްވި ބައްދަލުވުމުގައި ރާއްޖޭން ބައިވެރިވެ އަޑު އުފުލައިފި

25 މެއި 2023

އިޒްރޭލުގެ ސިފައިން މަސްޖިދުލް އަގްސާއަށް ދެމުން ގެންދާ ހަމަލާތަކާ ގުޅިގެން އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން ބާއްވާ ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އިޒްރޭލުގެ ސިފައިން މަސްޖިދުލް އަގްސާއަށް ދެމުން ގެންދާ ހަމަލާތަކާ ގުޅިގެން އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން ބާއްވާ ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެއްޖެ އެވެ.

ފޮރިން މިނިސްޓްރީން ބުނީ އޯއައިސީގެ މައި މަރުކަޒުގައި މިއަދު ބޭއްވި އެ ޖަމިއްޔާގެ އެގްޒެކެޓިވް ކޮމިޓީގެ އޯޕަން-އެންޑެޑް ކުއްލި ބައްދަލުވުމުގައި، ރާއްޖޭގެ ފަރާތުން އެ ޖަމިއްޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު އަދި ރާއްޖެއިން ސައުދީ އަރަބިއްޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ހަލީލް ބައިވެރިވެވަޑައިގެން، ތަގުރީރުކުރެއްވި ކަމަށެވެ.

މުހައްމަދު ހަލީލްގެ ތަގުރީރުގައި އެ އަމަލުތަކަކީ އދ. ގެ ސަލާމަތީ މަޖިލީހާއި އާންމު މަޖިލީހުގެ ގަރާރުތަކާ ހިލާފު އަމަލުތަކެއްކަން ފާހަގަކުރައްވައި އެ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރި ކުރެއްވި ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި އިޒްރޭލުން ގާޒާގައި ގާނޫނާ ހިލާފަށް ހިންގަމުންދާ އަމަލުތައް ހުއްޓުވުމަށް ވެސް ގޮވައިލެއްވި ކަމަށް މިނިސްޓްރީން ބުންޏެވެ.

ހަލީލްގެ ތަގުރީރުގައި ދިވެހި ސަރުކާރާއި ރައްޔިތުން އަބަދުވެސް ފަލަސްތީނުގެ ރައްޔިތުންނާ އެކު ވާނެކަމުގައި ވިދާޅުވެ، ފަލަސްތީނުގެ ބިންތަކަށް އިސްރާއީލުން ވެރިވެގަތުން ނިމުމަކަށް ގެނައުމަށް ގޮވައިލެއްވި އެވެ. އަދި ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމްކޮށް، 1967 ވަނަ އަހަރުގެ ކުރީގެ ބޯޑަރާ ހިސާބަށް އިސްރާއީލުން ފަހަތަށް ޖެހުމަށް ބާރުއަޅައި، ފަލަސްތީނުގެ ދައުލަތުގެ ވެރިރަށުގެ ގޮތުގައި އިރުމަތީ ގުދުސް އޮންނަން ޖެހޭ ކަމަށް ވެސް ވިދާޅުވި ކަމަށް މިނިސްޓްރީން ބުންޏެވެ.

މުސްލިމުންގެ ތިންވަނަ އެންމެ މުގައްދަސް ހަރަމްފުޅު ކަމަށްވާ މަސްޖިދުލް އަގްސާގެ ތެރެއަށް އިޒްރޭލުގެ ސިފައިން ވަދެ ފަލަސްތީނުގެ ރައްޔިތުންނަށް އަނިޔާކޮށް މިސްކިތަށް ގެއްލުން ދިން މައްސަލަ ދިވެހި ސަރުކާރުން މީގެ ކުރިން ވެސް ކުށްވެރި ކުރި އެވެ.