Roadha Mihaaru
ބައެއް ކައުންސިލްތަކަށް އަދި ވެސް އެސްޖީން ނުލިބޭ

ބައެއް ރަށްރަށުގެ ކައުންސިލްތަކަށް އަދި ވެސް އެސްޖީން ނުލިބޭ، އަނެއްކާ އިއުލާނުކޮށްފި

04 އެޕްރީލް 2023

ބައެއް ރަށްރަަށުގެ ކައުންސިލްތަކަށް އަދި ވެސް ސެކްރެޓަރީ ޖެނެރަލް (އެސްޖީ) އިން ނުލިބޭތީ، އެ މަގާމުތަކަށް އަނެއްކާ ވެސް އިއުލާނުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ބައެއް ރަށްރަަށުގެ ކައުންސިލްތަކަށް އަދި ވެސް ސެކްރެޓަރީ ޖެނެރަލް (އެސްޖީ) އިން ނުލިބޭތީ، އެ މަގާމުތަކަށް އަނެއްކާ ވެސް އިއުލާނުކޮށްފި އެވެ.

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އިއްޔެ ކުރި އިއުލާނުގައި ވަނީ، 38 ރަށެއްގެ ކައުންސިލަށް އެސްޖީން ހޯދަން އާއްމުކޮށްފަ އެވެ. އޭގެ ތެރެއިން ބައެއް ރަށްރަށަށް ހަމަޖެއްސި އެސްޖީން ވަނީ ވަޒީފާއިން ވަކިވެފަ އެވެ. ދެން ހުރި ރަށްރަށަށް އެ މަގާމުތަކަށް މީހުންނެއް ނުލިބެ އެވެ.

އެ ކޮމިޝަނުން ބުނީ މި ފަހުން އެސްޖީން ހޯދަން އިއުލާނުކުރީ، މަގާމަށް ޝަރުތު ހަމަވާ މީހުން ނުލިބިގެން ކަމަށެވެ. އެކަމަށް އެދުމުގެ ފަހު ތާރީހަކީ މި މަހުގެ 13 އެވެ.

އެ މަގާމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ މެނޭޖްމަންޓް ނުވަތަ އެޑްމިނިސްޓްރޭޝަން ކަހަލަ ދާއިރާއަކުން ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުން ދަށްވެގެން ލެވެލް 7 ނުވަތަ 9 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއި ސެކްރެޓަރީ ޖެނަރަލްގެ މަގާމަށް ކަނޑައަޅާފައިވާ މަގާމުގެ މަސައްކަތާ ގުޅޭގޮތުން ތަޖުރިބާ ލިބިފައިވުމެވެ.

ރަށު ކައުންސިލްގެ އެސްޖީންނަށް މުސާރައިގެ ގޮތުގައި މަހަކު 9،300ރ. އަދި އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި 8،870ރ. ލިބޭނެ އެވެ. އަތޮޅު ކައުންސިލްގެ އެސްޖީންގެ މުސާރައަކީ 12،130ރ. އެވެ. އޭގެ އިތުރުން އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި 8،870ރ. ލިބޭނެ އެވެ.

ސިޓީ ކައުންސިލްގެ އެސްޖީއަކަށް މަހަކު 20،500ރ. އަދި އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި 15،000ރ. ދޭން ވަނީ ނިންމައިފަ އެވެ.

ފަސް އަހަރު ދުވަހުގެ މުއްދަތަކަށް އައްޔަންކުރާ ސެކްރެޓަރީ ޖެނަރަލަކީ ކައުންސިލްތަކުގެ އިދާރީ އިސްވެރިޔާ އެވެ.