Roadha Mihaaru
ފާޑުކިޔުންތަކާއެކު، ސައީދުގެ އިސްލާހު ނަގައިފި

ކައުންސިލަރުންގެ ބަހެއް ނެތި އެސްޖީ އައްޔަންކުރާ އިސްލާހު އަނބުރާ ގެންގޮސްފި

21 ޖޫން 2021

ލޯކަލް ކައުންސިލްތަކުގައި މަސައްކަތްކުރާ ސިިވިލް ސާވިސް މުވައްޒަފުންގެ އެންމެ އިސްވެރިޔާ ނުވަތަ ސެކްރެޓަރީ ޖެނެރަލުން، ކައުންސިލަރުންގެ ބަހެއް ނެތި އައްޔަންކުރާ ގޮތަށް އެމްޑީޕީގެ މެމްބަރަކު ހުށަހެޅުއްވި ދެ އިސްލާހު އަނބުރާ ގެންގޮސްފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ލޯކަލް ކައުންސިލްތަކުގައި މަސައްކަތްކުރާ ސިިވިލް ސާވިސް މުވައްޒަފުންގެ އެންމެ އިސްވެރިޔާ ނުވަތަ ސެކްރެޓަރީ ޖެނެރަލުން، ކައުންސިލަރުންގެ ބަހެއް ނެތި އައްޔަންކުރާ ގޮތަށް އެމްޑީޕީގެ މެމްބަރަކު ހުށަހެޅުއްވި ދެ އިސްލާހު އަނބުރާ ގެންގޮސްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަަލްސާގައި ރިޔާސަތުން އިއުލާނުކުރެއްވި ގޮތުގައި، ގެމަނަފުށި ދާއިރާގެ މެމްބަރު އަހުމަދު ސައީދުގެ ދެ ބިލް އަނބުރާ ގެންދެވީ އިއްޔެ އެވެ.

ކައުންސިލަރުންގެ ބަހެއް ނުހޯދައި، ކައުންސިލްތަކަށް ސެކްރެޓަރީ ޖެނެރަލުން އައްޔަން ކުރުމުގައި، ސިވިލް ސާވިސް ކޮމިޝަނުން އެކަން ނިންމާ ގޮތަށް ސިވިލް ސާވިސް ގާނޫނާއި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު ބަދަލުކުރަން ސައީދު ހުށަހެޅުއްވިއިރު، އެ މަގާމު އުފެއްދުމަށާއި މަގާމަށް މީހަކު ހަމަޖެއްސުމުގައި ކައުންސިލަަރުންގެ ބަހެއް ހޯދަންޖެހޭ ގޮތަށް ގާނޫނުތައް ބަދަލުކުރީ ވެސް އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮންނަ މިހާރުގެ (19 ވަނަ) މަޖިލީހުންނެވެ.

ސައީދު އަމިއްލަ ގޮތުން ހުށަހެޅުއްވި ދެ ބިލް ވެސް އޭނާ އަނބުރާ ގެންދެވީ މިދިޔަ ބުދަ ދުވަހު ބޭޭއްވި ޖަލްސާގައި އެ ދެ ބިލަށް އެމްޑީޕީގެ މެމްބަރުން ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި ވަނިކޮށެވެ. އެ ދެ ބިލް އަނބުރާ ގެންދަން ވެސް އެ ދުވަހުގެ ބަހުސްގައި ބައިވެރިވެވަޑައިގެންނެވި ގިނަ މެމްބަރުން ގޮވައިލެއްވި އެވެ.

ލާމަރުކަޒީ ގާނޫނު މިހާރު އޮންނަ ގޮތުން ކައުންސިލްތަކުގެ އެސްޖީގެ މަގާމަށް ބޭފުޅަކު އައްޔަން ކުރާނީ އެ ކައުންސިލެއްގެ ލަފާގެ މަތިން ސީއެސްސީންނެވެ.

އެ އުސޫލު ބަދަލުކުރަން ސައީދު އިސްލާހު ހުށަހެޅުއްވުމުން ސަރުކާރުން ވެސް ވަނީ އެއާ ދެކޮޅު ހަދައިފަ އެވެ. ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެފައި ވަނީ ސަރުކާރުގެ ވިސްނުމަކީ ލޯކަލް ކައުންސިލްތަކުގެ އިދާރީ ހިންގުމުގެ އިސްވެރިޔާ، ސެކްރެޓަރީ ޖެނެރަލް އައްޔަންކުރާއިރު މިހާރެކޭ ވެސް އެއްގޮތަށް ކައުންސިލްގެ ލަފާ ހޯދުން ކަމަށެވެ.

ސައީދު ހުށަހެޅުއްވި އިސްލާހަށް ފާޑުވިދާޅުވެ، ބުދަ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް ( ދޮންބިލެތް ހަލީމް) ވިދާޅުވީ ގާނޫނަށް ބަދަލު ގެނެސްގެން ސިވިލްސާވިސް މެދުވެރިކޮށް ވެރިޔަކު ލާން އުޅުމަކީ ހުތުރު ކަމެއް ކަމަށެވެ.

އެ ބަހުސްގައި، އެ ބިލުތަކާ އެއްކޮޅަށް ކެލާ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް ވާހަކަ ދައްކަވަނިކޮށް، ނިޒާމާ ބެހޭ ނުކުތާއެއް ނަންގަވައިގެން ބިލެއްދޫ ދާއިރާގެ މެމްބަރު ހަލީމް ވިދާޅުވީ ކައުންސިލްގެ ބަހެއް ނެތި ސެކްރެޓަރީ ޖެނެރަލް އައްޔަންކުރާ ގޮތަށް ގާނޫނަށް ބަދަލު ގެންނަން މަސައްކަތް ކުރަނީ ކައުންސިލްތައް ނުލިބުނު މީހުން ކަމަށެވެ.

"ވަރަށް ހުތުރު ބަދަލެއް ކަމަށް އަޅުގަނޑަށް ފެންނަނީ. އެއީ ކައުންސިލް ނުލިބުމުގެ ސަބަބުން ދެން އެ އުޅުއްވަނީ ޒިންމާދާރުވެރިޔާ ސިވިލް ސާވިސް މެދުވެރިކޮށް ލާން،" ހަލީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވެފައިވާ ގޮތުގައި، ކައުންސިލްގެ ލަފައާ އެކު ސެކްރެޓަރީ ޖެނެރަލަކު އައްޔަންކުރާ ގޮތަށް ގާނޫނު ބަދަލުކުރީ ޒިންމާދާރުވެރިންގެ ގޮތުގައި ތިއްބަވާ ބޭފުޅުންގެ އެއްބާރުލުން ކައުންސިލްތަކަށް ނުލިބިގެންނެވެ.

ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު (މޯޑް) އާއި އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ވެސް އެ އިސްލާހާ ދެކޮޅަށް ވާހަކަ ދެއްކެވި އެވެ.

ސައީދުގެ އިސްލާހު އިއްޔެ އަނބުރާ ގެންދަވާފައިވާއިރު، ލޯކަލް ކައުންސިލްތަކަށް 200 ސެކްރެޓަރީ ޖެނެރަލުން ހޯދަން ސީއެސްސީން މިހާރު ވަނީ އިއުލާނު ކޮށްފަ އެވެ.