Roadha Mihaaru
އިހަވަންދޫގެ މަގުތައް ހަދަން 102 މިލިއަނަށް އާރުޑީސީއަށް

އިހަވަންދޫގެ މަގުތައް ހަދަން 102 މިލިއަން ރުފިޔާއަށް އާރުޑީސީއާ ހަވާލުކޮށްފި

02 އެޕްރީލް 2023

ތާރު އަޅައިގެން ހއ. އިހަވަންދޫގެ މަގުތައް ހެދުމަށް 102 މިލިއަން ރުފިޔާއަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އާ މިއަދު ހަވާލުކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ތާރު އަޅައިގެން ހއ. އިހަވަންދޫގެ މަގުތައް ހެދުމަށް 102 މިލިއަން ރުފިޔާއަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އާ މިއަދު ހަވާލުކޮށްފި އެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ މިއަދު މެންދުރުފަހު ބޭއްވި ރަސްމިއްޔާތެއްގައި އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެވެ. އެ މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއެފްއޯ ޔާސިރު ހަސަނެވެ.

މި މަޝްރޫއަށް ދައުލަތުގެ ބަޖެޓުން ޖުމްލަ 102،846،733.89 ރުފިޔާ ހަރަދުވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ހއ. އިހަވަންދޫގެ މަގުތައް ހެދުމަށް އާރުޑީސީއާއެކު އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: ޕްލޭނިން މިނިސްޓްރީ

ހއ. އިހަވަންދޫގެ މަގުތައް ހެދުމަށް އާރުޑީސީއާއެކު އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: ޕްލޭނިން މިނިސްޓްރީ

މަޝްރޫއުގެ ތަފުސީލު

• 6.9 ކިލޯމީޓަރުގެ މަގުގައި ތާރުއެޅުން.

• މަގުތަކުގައި ފެން ހިންދާ ނިޒާމް ހެދުން.

• މަގުތަކުގައި މަގުބައްތި ޖެހުން.

• މަސައްކަތް ނިންމަން ދިނީ ދޮޅު އަހަރު.

ޕްލޭނިން މިނިސްޓްރީން ވަނީ މިދިޔަ މަހު ނ. މަނަދޫގެ މަގުތައް ހެދުމަށް ވެސް 75 މިލިއަނަށް އާރުޑީސީއާ ހަވާލުކޮށްފަ އެވެ.

އާރުޑީސީން އަންނަނީ މާލޭގެ އަމީނީ މަގު ހެދުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. އެ ކުންފުންޏަށް މިހާރު ވެސް ވަރަށް ގިނަ ރަށްރަށުގެ މަގު ހެދުމުގެ މަޝްރޫއުތައް ހަވާލުކޮށްފައިވެ އެވެ. ނަމަވެސް، އެ މަޝްރޫއުތައް ހަވާލުކުރި މުއްދަތު ފަހަނައަޅައި ގޮސްފައިވާއިރު އަދިވެސް އެއްވެސް ރަށެއްގައި މަގު ހެދުމުގެ މަސައްކަތް ނުނިމެ އެވެ.