Roadha Mihaaru

ސައުދީ އަންހެން ފުޓްބޯޅަ ޓީމު ފީފާ ރޭންކިން އަށް

ރިޔާދު (މާޗު 26) - ސައުދީ އަރަބިއްޔާގެ އަންހެން ގައުމީ ފުޓުބޯޅަ ޓީމު ފުރަތަމަ ފަހަރަށް ފީފާ ރޭންކިންގައި ހިމެނިއްޖެ އެވެ.

ސައުދީ އަންހެން ފުޓްބޯޅަ ޓީމު ފީފާ ރޭންކިން އަށް
މުހައްމަދު ޒަޔާން ޒާހިރު
މުހައްމަދު ޒަޔާން ޒާހިރު

26 މާޗް 2023

ރިޔާދު (މާޗު 26) - ސައުދީ އަރަބިއްޔާގެ އަންހެން ގައުމީ ފުޓުބޯޅަ ޓީމު ފުރަތަމަ ފަހަރަށް ފީފާ ރޭންކިންގައި ހިމެނިއްޖެ އެވެ.

މި ތާރީހީ ކާމިޔާބީ ފާހަގަ ކުރަން ސައުދީ އަރަބިއްޔާގެ ކިންގް އަބްދުﷲ ސްޕޯޓްސް ސިޓީ ގައި ވަނީ ހާއްސަ ހަރަކާތްތަކެއް ވެސް ކުރިއަށް ގެންގޮސްފަ އެވެ. މިދިޔަ ހުކުރު ދުވަހު ފީފާ އިން ނެރުނު އެންމެ ފަހުގެ ރޭންކިން ގައި ސައުދީ އަރަބިއްޔާ އޮތީ 171 ވަނައިގަ އެވެ.

ސައުދީ އަރަބިއްޔާ ގައި އަންހެން ފުޓުބޯޅަ ކުރިއަރުވަން ރަސްމީ ސިފައެއްގައި ފަށާފައި ވަނީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. އަދި 700 އެއްހާ ކުދިން ތަމްރީނު ކޮށްގެން 2021 ވަނަ އަހަރު ގައުމީ ޓީމު އުފައްދައި، ފުރަތަމަ ކުޅެން ފެށީ މިދިޔަ އަހަރެވެ. ސައުދީގެ އަންހެން ގައުމީ ޓީމަށް މިހާތަނަށް 47 ކުޅުންތެރިން ވަނީ ކުޅެފަ އެވެ.

"މިއީ އަހަރަކާ ބައިގެ ތެރޭގައި މި އަންހެން ކުދިން ހާސިލް ކުރި އަގުހުރި ކާމިޔާބެއް. އަހަރެމެން 2019 ވަނަ އަހަރު ފަށައިގެން 50،000 އަށް ވުރެ ގިނަ ކުޅުންތެރިންގެ ބައިވެރިވުމާ އެކު ގައުމީ ޓީމަކާއި ޕްރިމިއާ ލީގަކާއި ފުރަތަމަ ޑިވިޝަން ލީގެއްގެ އިތުރުން ސްކޫލް ލީގެއް އުފެއްދިއްޖެ. އަދި މި ފަހުން 17 އަހަރުން ދަށުގެ ގައުމީ ޓީމެއް ވެސް މިވަނީ ވުޖޫދަށް ގެނެވިފައި،" 2019 ވަނަ އަހަރު ސައުދީ އަރަބިއްޔާގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ކަމަށް އައްޔަނު ކުރެވުނު ޔާސިރު އަލް މިސޭހާލް ވިދާޅުވި އެވެ.

"ދެ އަހަރެއްހާ ދުވަސް ތެރޭ އަހަރެމެން މިވަނީ ކުޅުންތެރިންނާއި ކްލަބްތަކާއި ރެފްރީންނާއި ސްޓާފުންގެ އަދަދު ދެގުނަ ކޮށްފައި. ކޯޗުންގެ އަދަދަށް 800 ޕަސެންޓުގެ ކުރިއެރުމެއް އައިސްފި. ފުޓުބޯޅައިގެ ތަފާސްހިސާބުތަކުން ފަހުރުވެރިވާ ފަދަ ކުރިއެރުން ފެނޭ، މިއިން އަންގައިދެނީ ފުޓުބޯޅައަށް ލޯބިކުރާ ނަމަ ހާސިލް ކުރެވިދާނެ ކަންކަން."

ފުރަތަމަ ފަހަރަށް ސައުދީގެ އަންހެން ޓީމު ރަސްމީ މެޗެއް ކުޅުނީ ދިވެހި ރާއްޖޭގެ ގަލޮޅު ދަނޑުގަ އެވެ. ފުރަތަމަ މެޗުގައި ސީޝެލްސް އާ ދެކޮޅަށް ކުޅުނު އިރު ދެ ވަނަ މެޗުގައި ނުކުތީ ރާއްޖޭގެ އަންހެން ޓީމާ ދެކޮޅަށެވެ. ސައުދީ އަރަބިއްޔާ ވަނީ ދެ މެޗު ވެސް 2-0 އިން ކާމިޔާބު ކޮށްފަ އެވެ.

ސައުދީ އިން އަންހެން ފުޓުބޯޅަ ކުރިއަރުވަން ކުރާ މަސައްކަތްތަކުގެ ތެރެއިން މި އަހަރުގެ ޖެނިުއަރީ މަހު ވަނީ އެ ގައުމުގައި ފޯ ނޭޝަންސް މުބާރާތެއް ވެސް ބާއްވައިފަ އެވެ. އެ މުބާރާޓުގައި މޮރީޝަސް އާއި ކޮމޮރޯސް ބަލިކޮށް، ޕާކިސްތާނާ އެއްވަރު ކުރުމަށް ފަހު ތަށި އުފުލާލީ ވެސް ސައުދީ ޓީމެވެ.

ސައުދީގެ އަންހެން ގައުމީ ޓީމު އުފެދުނީއްސުރެން އެޓީމަށް ކޯޗު ކޮށްދިނީ ކުރިން ޕީއެސްޖީ އާއި ކިއުޕީއާރަށް އަށް ކުޅުނު ޖަރުމަންގެ ކުރީގެ ކުޅުންތެރިއެއް ކަމަށްވާ މޮނިކާ ސްޓާބް އެވެ. އޭނާ ވަނީ ގަތަރާއި ބަހްރޭން އަންހެން ގައުމީ ޓީމަށް ވެސް ކޯޗު ކޮށްދީފަ އެވެ.

ނަމަވެސް މި އަހަރުގެ ފެބްރުއަރީ އިން ފެށިގެން އޭނާ އަކީ ގައުމީ ޓީމުގެ ޓެކްނިކަލް ޑިރެކްޓަރެވެ. ފެބްރުއަރީ މަހު ސައުދީ ފެޑެރޭޝަނުން ވަނީ ފިންލެންޑްގެ އަންހެން ކޯޗެއް ކަމަށްވާ ރޯސާ ލައްޕީ-ސެޕާލާ ހަމަޖައްސައިފަ އެވެ. އާ ކޯޗާ އެކު ސައުދީގެ ދަންމާމުގައި ވަނީ އިންޑޮނޭޝިއާ އާ ދެކޮޅަށް ރަހުމަތްތެރިކަމުގެ ދެ މެޗު ކުޅެފަ އެވެ. ފުރަތަމަ މެޗު އެއްވަރުވި އިރު ދެވަނަ މެޗުން ސައުދީ ވަނީ ބަލިވެފަ އެވެ.

ސައުދީ އަރަބިއްޔާގައި މިހާރު ރަސްމީކޮށް ރަޖިސްޓާ ކޮށްގެން 25 ކްލަބާއި 520 އަންހެން ކުޅުންތެރިން ތިބިއިރު، ޑީ، ސީ އަދި ބީ ލައިސެންސް ހާސިލް ކޮށްފައިވާ ހާހެއް ހާ ކޯޗުން އެބަ ތިއްބެވެ. މީގެ އިތުރުން ސްކޫލް ލީގުގައި ބައި ލައްކައެއްހާ ކުދިން ކުޅެއެވެ.

ސައުދީ އަރަބިއްޔާ އިން ވަނީ 2026 ވަނަ އަހަރުގެ އަންހެން އޭޝިއަން ކަޕް އެ ގައުމުގައި ބާއްވަން ބިޑް ކޮށްފަ އެވެ.