Roadha Mihaaru

ދަށް ނަތީޖާތަކާ އެކު ފީފާގެ ރޭންކިންގައި ރާއްޖެ ފަހަތަށް ސޮއްސާލައިފި

ގައުމީ ފުޓްބޯޅަ ޓީމު މި ފަހުން ހޯދި ދަށް ނަތީޖާތަކާ އެކު ފީފާ ރޭންކިންގައި ހަ ދަރަޖަ ފަހަތަށް ވެއްޓިއްޖެ އެވެ.

ފީފާގެ ރޭންކިންގައި ރާއްޖެ ފަހަތަށް ސޮއްސާލައިފި
މުހައްމަދު ޒަޔާން ޒާހިރު
މުހައްމަދު ޒަޔާން ޒާހިރު

27 އޮކްޓޯބަރ 2023

ގައުމީ ފުޓްބޯޅަ ޓީމު މި ފަހުން ހޯދި ދަށް ނަތީޖާތަކާ އެކު ފީފާ ރޭންކިންގައި ހަ ދަރަޖަ ފަހަތަށް ވެއްޓިއްޖެ އެވެ.

މިދިޔަ މަހު ނެރުނު ރޭންކިންގައި ރާއްޖެ އޮތީ ދުނިޔޭގެ 155 ވަނައިގަ އެވެ. އެކަމަކު އިއްޔެ ނެރުނު އެންމެ ފަހުގެ ރޭންކިންގައި ރާއްޖެ ވަނީ 161 ފުރޮޅާލައިފަ އެވެ.

މިއީ 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ރޭންކިން އަށް ފަހު، ރާއްޖެއަށް މިހާ ބޮޑު ވެއްޓުމެއް އައި ފަހަރެވެ. އެފަހަރު ރާއްޖެ، ރޭންކިންގެ 168 ވަނައަށް ވެއްޓުނެވެ.

ޖޫން މަހު އިންޑިއާގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ގުރޫޕް ސްޓޭޖުން ފުރަތަމަ ފަހަރަށް ކަޓައި ކުރިމަތިވި ބޮޑު ނާކާމިޔާބީ އަށް ފަހު، ގައުމީ ޓީމު ކުޅުނީ ވޯލްޑް ކަޕް ކޮލިފައިން ޕްރިލިމިނަރީ ބުރުގެ ދެ ލެގެވެ.

ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު ދެ މެޗުން ވެސް މޮޅެއް ނުހޯދި، ރާއްޖެއަށް ވަނީ ކޮލިފައިންގެ ގުރޫޕް ސްޓޭޖުގެ ޖާގަ ގެއްލިފަ އެވެ. ގަލޮޅު ދަނޑުގައި ކުޅުނު ފުރަތަލމަ ލެގު 1-1 އިން އެއްވަރުވި އިރު، ބަންގްލަދޭޝްގައި ކުޅުނު ދެވަނަ ލެގު މެޗުން ރާއްޖެ ވަނީ 2-1 އިން ބަލިވެފަ އެވެ. އެއީ 20 އަހަރަށް ފަހު ބަންގްލަދޭޝްގައި ރާއްޖެ އެ ގައުމު އަތުން ބަލިވި ފުރަތަމަ ފަހަރެވެ.

ފީފާ ރޭންކިންގައި ރާއްޖެ އެންމެ ބޮޑަށް ކުރިއަށް ޖެހިލީ 2006 ވަނަ އަހަރެވެ. އެއަހަރު ރޭންކިންގެ 126 ވަނައަށް ރާއްޖެ ކުރިއަށް ޖެހިލި އެވެ. އެންމެ ދަށަށް ދިޔައީ 1997 ވަނަ އަހަރު، 183 ވަނައަށެވެ.

ދެކުނު އޭޝިއާ ސަރަހައްދުން އަދިވެސް އެންމެ ކުރީގައި އޮތީ 102 ވަނައިގައި އޮތް އިންޑިއާ އެވެ. ރާއްޖެއާ އެންމެ ގާތުގައި އޮތީ، ދެ ދަރަޖައިގެ ކުރިއެރުމަކާ އެކު 173 ވަނައަށް ޖެހިލި ނޭޕާލެވެ. ނޭޕާލް ވަނީ ވޯލްޑް ކަޕް ކޮލިފައިންގެ ޕްރިލިމިނަރީ ބުރުގައި ލާއޯސްގެ މައްޗަށް ކުރި ހޯދައި ދެވަނަ ބުރުން ފުރުސަތު ހޯދައިފަ އެވެ.

އަމިއްލަ ދަނޑުގައި މިދިޔަ ހަފްތާ ހޮންގް ކޮންގް ބަލިކުރި ބޫޓާން، އެއް ދަރަޖައިގެ ކުރިއެރުމަކާ އެކު 182 ވަނައަށް ޖެހިލިއިރު، ރާއްޖެ ހިތްދަތިކޮށްލި ބަންގްލަދޭޝް ވަނީ ހަ ދަރަޖައިގެ ކުރިއެރުމަކާ އެކު 183 ވަނައަށް ޖެހިލައިފަ އެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި ފުރަތަމަ ފަހަރަށް މޮޅެއް ހޯދައި ގުރޫޕް ސްޓޭޖުން ޖާގަ ހޯދި ޕާކިސްތާން ވެސް ވަނީ ރޭންކިންގެ ކުރިއެރުން ހޯދައިފަ އެވެ. އާ ރޭންކިންގައި ހަތަރު ދަރަޖައިގެ ކުރިއެރުމަކާ އެކު ޕާކިސްތާން އޮތީ 193 ވަނައިގަ އެވެ. ރޭންކިން އަށް ބަދަލެއް ނައިސް، ސްރީ ލަންކާ އޮތީ 202 ވަނައިގަ އެވެ.