Roadha Mihaaru

މިއީ ވޯލްޑް ކަޕުގައި އާ ސަފުހާއެއް ލިޔަންވީ ވަގުތު: މޮޑްރިޗް

ދޯހާ (ނޮވެމްބަރު 23) - މިދިޔަ ވޯލްޑް ކަޕްގައި ވާސިލުވި މަގާމު ހަނދާން ނައްތާލައި މިއީ ކްރޮއޭޝިއާއިން މުބާރާތުގައި މުޅިން އާ ސޮފްހާއެއް ލިޔަންވީ ވަގުތު ކަމަށް އެ ޓީމުގެ ކެޕްޓަން ލޫކާ މޮޑްރިޗް ބުނެފި އެވެ.

މިއީ ވޯލްޑް ކަޕުގައި އާ ސަފުހާއެއް ލިޔަންވީ ވަގުތު

ދޯހާ (ނޮވެމްބަރު 23) - މިދިޔަ ވޯލްޑް ކަޕްގައި ވާސިލުވި މަގާމު ހަނދާން ނައްތާލައި މިއީ ކްރޮއޭޝިއާއިން މުބާރާތުގައި މުޅިން އާ ސޮފްހާއެއް ލިޔަންވީ ވަގުތު ކަމަށް އެ ޓީމުގެ ކެޕްޓަން ލޫކާ މޮޑްރިޗް ބުނެފި އެވެ.

ހަތަރު އަހަރު ކުރިން 2018 ގައި ރަޝިއާގައި ބޭއްވި ވޯލްޑް ކަޕްގެ ފައިނަލަށް ކްރޮއޭޝިއާ ދަތުރު ކުރި އެވެ. އެ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދި މޮޑްރިޗް ބުނީ އެ މުބާރާތުގެ ހަނދާން މިހާރު އާ ކުރެވެން ނެތް ކަމަށެވެ.

"ވޯލްޑް ކަޕް 2018 ގައި އަހަރެމެން ދެއްކި ކުޅުމަކީ ހަނދާން ނައްތާ ނުލެވޭވަރުގެ ކަމެއް. އެކަމަކު މިހާރު އަހަރެމެން އެބަޖެހޭ އެކަން އެއްފަރާތް ކުރުމަށް ފަހު މިހާރު ކުރިމަތިލާފައިވާ މުބާރާތަށް ސަމާލުކަން ދޭން،" ވޯލްޑް ކަޕްގައި ކޮރޮއޭޝިއާގެ ފުރަތަމަ މެޗުގައި މިއަދު މޮރޮކޮއާ ދެކޮޅަށް ނުކުތުމުގެ ކުރިން މޮޑްރިޗް ބުންޏެވެ.

އެ އަހަރުގެ ބެލަންޑިއޯ އެވޯޑާއި ފީފާގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދި މޮޑްރިޗް ބުނީ މިދިޔަ ވޯލްޑް ކަޕްގައި ކުޅުނު ގިނަ ކުޅުންތެރިން މިހާރުގެ ޓީމުގައި ނެތް ކަމަށެވެ.

"މިހާރު މިތިބީ ގިނަ އަދަދެއްގެ ޒުވާން ކުޅުންތެރިން. ދެން ތިބި ތަޖުރިބާކާރު ކުޅުންތެރިންނަކީ، ޒުވާން ކުޅުންތެރިންނަށް މަގު ދައްކައިދީ އެ ކުޅުންތެރިންނަށް އެހީތެރިވާން ތިބި ސީނިއާ ކުޅުންތެރިން،" އޭނާ ބުންޏެވެ.

"މިއީ މުޅިން އާ މުބާރާތެއް. އެހެންވީމަ އަހަރެމެން އިސްކަން ދޭން ޖެހޭނީ އާ ވިސްނުމަކާ އެކު. އަހަރެމެން އުއްމީދުކޮށްގެން މިތިބީ އަހަރެމެންގެ ހިތް މިކަމުގެ ތެރެއަށް ދޫކޮށްގެން. އަހަރެމެންގެ އެންމެ މަތީ ފެންވަރު ދައްކައިގެން އަހަރެމެން އެންމެ ވަރުގަދަ ކުޅުން ދައްކަން. އެގޮތަށް ކުޅެ އަހަރެމެންނަށް ނަތީޖާ ނެރެވިއްޖެނަމަ އެވާނެ ވަރަށް ބޮޑު ކަމަށް. އެހެން ނޫންކަމަށް ވެއްޖެނަމަ އަނެއްކާ ވެސް ގަދަ ހިތްވަރެއް ނެރެގެން ކުރިއަށް ދާނީ."

އޭނާގެ ކެރިއަރުގައި ހަތަރު ވަނަ ވޯލްޑް ކަޕުގައި ކުޅެން ތައްޔާރުވަމުން އަންނަ މޮޑްރިޗް ބުނީ މިއީ އޭނާގެ އެންމެ ފަހު ވޯލްޑް ކަޕަށް ވުން އެކަށީގެންވާ ކަމަށެވެ.

ކްރޮއޭޝިއާ އާއި މޮރޮކޯ ކުޅޭ މެޗު ފަށާނީ ރާއްޖޭ ގަޑިން މިއަދު ހަވީރު 3 ޖަހާއިރު އެވެ.