Roadha Mihaaru

އާޖެންޓީނާ ޗެމްޕިއަންކަން ހޯދިޔަސް ރޭންކިންގެ އެއް ވަނައިގައި ބްރެޒިލް

އާޖެންޓީނާ އިން ފީފާ ވޯލްޑް ކަޕްގެ ޓްރޮފީ ހޯދި ނަމަވެސް އެންމެ ފަހުގެ ފީފާ ދުނިޔޭގެ ރޭންކިންގެ އެއް ވަނައިން ބްރެޒިލް ވައްޓައެއް ނުލެވުނެވެ.

ޗެމްޕިއަންކަން ނުލިބުނަސް ރޭންކިންގެ އެއްވަނަ ބްރެޒިލަށް
މުހައްމަދު ޒަޔާން ޒާހިރު
މުހައްމަދު ޒަޔާން ޒާހިރު

23 ޑިސެމްބަރ 2022

އާޖެންޓީނާ އިން ފީފާ ވޯލްޑް ކަޕްގެ ޓްރޮފީ ހޯދި ނަމަވެސް އެންމެ ފަހުގެ ފީފާ ދުނިޔޭގެ ރޭންކިންގެ އެއް ވަނައިން ބްރެޒިލް ވައްޓައެއް ނުލެވުނެވެ.

އިއްޔެ ނެރުނު އެންމެ ފަހުގެ ފީފާ ރޭންކިންގެ އެއް ވަނައިގައި ބްރެޒިލް އޮތް އިރު، އާޖެންޓީނާ އޮތީ ދެ ވަނައިގަ އެވެ. އަދި ފްރާންސް އޮތީ ރޭންކިންގެ ތިން ވަނައިގަ އެވެ. އާޖެންޓީނާ އައި ފްރާންސުން ވެސް ވަނީ އެއް ދަރަޖައިގެ ކުރިއެރުމެއް ހޯދައިފަ އެވެ.

އާޖެންޓީނާ ނުވަތަ ފްރާންސް ވެސް ވޯލްޑް ކަޕްގެ ފައިނަލް ގައި މެޗުގެ ފުރިހަމަ ވަގުތު، 90 މިނިޓު ކުޅެ ނަތީޖާ ނެރުނު ނަމަ އެ ޓީމަކަށް ރޭންކިންގެ އެއް ވަނަ ލިބުނީހެވެ.

ނިމިދިޔަ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދި އާޖެންޓީނާ. އާޖެންޓީނާ އަށް ލިބެނީ ރޭންކިންގެ ދެވަނަ.-- ފޮޓޯ: އޭއެފްޕީ

ނިމިދިޔަ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދި އާޖެންޓީނާ. އާޖެންޓީނާ އަށް ލިބެނީ ރޭންކިންގެ ދެވަނަ.-- ފޮޓޯ: އޭއެފްޕީ

ވޯލްޑް ކަޕް ގެ ކުރިން ދެ ވަނައިގައި އޮތް ބެލްޖިއަމް ވަނީ ހަތަރު ވަނައަށް ވެއްޓިފަ އެވެ. ފަސް ވަނައިގައި އޮތީ ރޭންކިން އަށް ބަދަލެއް ނާންނަ އިންގްލެންޑެވެ.

ދެ ދަރަޖައިގެ ކުރިއެރުމަކާ އެކު ނެދަލެންޑްސް ހަ ވަނައަށް ޖެހިލި އިރު، ވޯލްޑް ކަޕްގެ ތިން ވަނަ ހޯދި ކްރޮއޭޝިއާ ވަނީ ފަސް ދަރަޖައިގެ ކުރިއެރުމަކާ އެކު ހަތް ވަނައަށް ޖެހިލައިފަ އެވެ. އަދި މި އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައި ނުވި އިޓަލީ ވަނީ އަށް ވަނައަށް ވެއްޓިފަ އެވެ.

ނުވަ ވަނައިގައި އޮތް ޕޯޗުގަލްގެ މަގާމަށް ބަދަލެއް ނާންނަ އިރު، ތިން ދަރަޖައިގެ ވެއްޓުމަކާ އެކު 10 ވަނައިގައި އޮތީ ސްޕެއިން އެވެ.

ޕޮއިންޓުގެ ގޮޔުން އެންމެ ބޮޑު ކުރިއެރުމެއް ހޯދީ މޮރޮކޯ އެވެ. ސެމީ ފައިނަލާ ހަމައަށް ދަތުރު ކުރި މޮރޮކޯ ވަނީ 10،885 ޕޮއިންޓާ އެކު ރޭންކިންގައި 11 ދަރަޖައިގެ ކުރިއެރުމެއް ހޯދައި، 11 ވަނައަށް ޖެހިލައިފަ އެވެ. އޮސްޓްރޭލިއާ ވެސް ވަނީ 11 ދަރަޖައިގެ ކުރިއެރުމަކާ އެކު 27 ވަނައަށް ޖެހިލައިފަ އެވެ.

އޭޝިއާ ސަރަހައްދުން އެންމެ ކުރީގައި އޮތީ 20 ވަނައިގައި އޮތް ޖަޕާނެވެ.

ރާއްޖެ އަށް ދެ ދަރަޖައިގެ ވެއްޓުމެއް

ރާއްޖޭގެ ގައުމީ ޓީމު ވަނީ މި ޑިސެމްބަރު މަހު ރަހުމަތްތެރިކަމުގެ ދެ މެޗު ކުޅެފަ އެވެ. ރަށުން ބޭރުގައި ސިންގަޕޫރާއި މެލޭޝިއާއާ ދެކޮޅަށް ކުޅެ، ދެ މެޗުން ވެސް ބަލިވި އިރު، ރާއްޖެ ވަނީ ރޭންކިންގައި ދެ ދަރަޖަ ފަހަތަށް ޖެހިފަ އެވެ.

މިއާ އެކު ރާއްޖެ އަށް ލިބެނީ ރޭންކިންގައި 156 ވަނަ އެވެ. ރާއްޖެ އަދި ވެސް އޮތީ ދެކުނު އޭޝިއާ ސަރަހައްދުގެ ދެ ވަނައިގަ އެވެ. އެއްވަނައިގައި އޮތީ، ރޭންކިން އަށް ބަދަލެއް ނާންނަ އިންޑިއާ އެވެ. އިންޑިއާ އޮތީ 106 ވަނައިގަ އެވެ.

ދެކުނު އޭޝިއާގައި ދެން ހިމެނޭ ގައުމުތަކުގެ ރޭންކިން އަށް ބަލައިލާއިރު، ނޭޕާލް އޮތީ 175 ވަނައިގަ އެވެ. ބޫޓާން 185 ވަނައިގައި އޮތްއިރު، ބަންގްލަދޭޝް އޮތީ 192 ވަނައިގަ އެވެ. އަދި ޕާކިސްތާން 195 ވަނައިގައި އޮތްއިރު، ސްރީ ލަންކާ އޮތީ 207 ވަނައިގަ އެވެ.