Roadha Mihaaru

އާޖެންޓީނާ ބަލިކުރުމުގެ އުފަލުގައި މާދަމާ ސައޫދީ ރައްޔިތުންނަށް ޗުއްޓީ!

ރިޔާދް، ސައުދީ އަރަބިއްޔާ (22 ނޮވެމްބަރު) - ގަތަރުގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގައި ސައުދީ އަރަބިއްޔާ އިން އެ ޓީމު ކުޅުނު ފުރަތަމަ މެޗުގައި، ވަރުގަދަ އާޖެންޓީނާގެ ފަހަތުން އަރައި ހޯދި މޮޅު ފާހަގަ ކުރުމުގެ ގޮތުން، ސައުދީގެ ރައްޔިތުންނަށް މާދަމާ އަކީ ޗުއްޓީ ދުވަހެއް ކަމަށް ވަލީއަހުދު މުހަންމަދު ބިން ސަލްމާން ކަނޑައަޅުއްވައިފި އެވެ.

އާޖެންޓީނާ ބަލިކުރުމުގެ އުފަލުގައި ސައޫދީއަށް ޗުއްޓީއެއް
މުހައްމަދު ޒަޔާން ޒާހިރު
މުހައްމަދު ޒަޔާން ޒާހިރު

22 ނޮވެމްބަރ 2022

ރިޔާދް، ސައުދީ އަރަބިއްޔާ (22 ނޮވެމްބަރު) - ގަތަރުގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގައި ސައުދީ އަރަބިއްޔާ އިން އެ ޓީމު ކުޅުނު ފުރަތަމަ މެޗުގައި، ވަރުގަދަ އާޖެންޓީނާގެ ފަހަތުން އަރައި ހޯދި މޮޅު ފާހަގަ ކުރުމުގެ ގޮތުން، ސައުދީގެ ރައްޔިތުންނަށް މާދަމާ އަކީ ޗުއްޓީ ދުވަހެއް ކަމަށް ވަލީއަހުދު މުހަންމަދު ބިން ސަލްމާން ކަނޑައަޅުއްވައިފި އެވެ.

ބުދަ ސައުދީގެ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައެޅުމާ ގުޅިގެން، އެ ގައުމުގެ ޕަބްލިކް އަދި ޕްރައިވެޓް ސެކްޓަރުގެ މުވައްޒަފުންނާއި ތައުލީމީ ދާއިރާގެ ހުރިހާ މަރުހަލާއެއްގެ ދަރިވަރުންނަށް ވެސް ބަންދު ވާނެ ކަމަށް ސައޫދީގެ މީޑިއާ އިން ރިޕޯޓްކޮށްފައިވެ އެވެ.

މި އަހަރުގެ ވޯލްޑް ކަޕްގެ ފައިނަލް ކުޅޭ ދަނޑު ކަމަށްވާ ލުސެއިލް ސްޓޭޑިއަމްގައި 88،000 ސަޕޯޓަރުން ކުރިމަތީގައި ކުޅުނު މެޗުގައި، ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ ލިއޮނެލް މެސީގެ ގޯލަކުން އާޖެންޓީނާ މެޗުގެ ވަރަށް ކުރީކޮޅު ލީޑު ނެގި އެވެ. ނަމަވެސް ސައުދީ އަރަބިއްޔާ މެޗު ކާމިޔާބު ކުރީ ފަހު ހާފުގައި ހިތްގައިމު ދެ ގޯލު ޖަހައިގެންނެވެ.

މިއީ އާދައިގެ ޓީމަކުން ވޯލްޑް ކަޕްގައި ބޮޑު ކާމިޔާބީއެއް ހޯދުމާ ގުޅިގެން ރަސްމީ ބަންދު ދުވަހެއް އިއުލާންކުރި ފުރަތަމަ ފަހަރެއް ނޫނެވެ. އިޓަލީގައި 1990 ވަނަ އަހަރު އޮތް ވޯލްޑް ކަޕް ގައި އާޖެންޓީނާގެ ފުރަތަމަ މެޗުގައި ވަނީ 1-0 އިން ކެމަރޫން އަތުން ބަލިވެފަ އެވެ. އެ މެޗު ކާމިޔާބު ކުރުމުން ޖެހިގެން އައި ދުވަހު ކެމަރޫން ގައި ވެސް ޖެހިގެން އައި ދުވަސް ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ފާހަގަ ކުރި އެވެ.