Roadha Mihaaru
ވާނުވާ ބަންދު މައްސަލަތަކާ ގުޅޭ ސިޓީއެއް ރައީސަށް!

ޝަރީއަތް ނިމެންދެން ބަންދުކުރާ މީހުންގެ މައްސަލަތައް އަވަސްކުރަން ގޮވާލައި އެމްއެންޕީގެ ސިޓީއެއްް ރައީސަށް

24 މާޗް 2023

ޝަރީއަތް ނިމެންދެން މީހުން ބަންދުކުރުން ނުވަތަ ވާނުވާ ބަންދުގެ ސަގާފަތެއް ރާއްޖޭގެ ކޯޓުތަކުން ކުރިއަށް ގެންދާ ކަމަށް ބުނެ އެ މީހުންގެ މައްސަލަތައް އަވަސްކޮށް، އިޖުރާއީ އިންސާފު ލިބޭނެ ގޮތް ހަމަޖައްސައިދޭން އެދި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މިއަދު ސިޓީއަކުން ދަންނަވައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ޝަރީއަތް ނިމެންދެން މީހުން ބަންދުކުރުން ނުވަތަ ވާނުވާ ބަންދުގެ ސަގާފަތެއް ރާއްޖޭގެ ކޯޓުތަކުން ކުރިއަށް ގެންދާ ކަމަށް ބުނެ އެ މީހުންގެ މައްސަލަތައް އަވަސްކޮށް، އިޖުރާއީ އިންސާފު ލިބޭނެ ގޮތް ހަމަޖައްސައިދޭން އެދި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މިއަދު ސިޓީއަކުން ދަންނަވައިފި އެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު އަދި ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް އިސްވެ އުފައްދާފައިވާ ޕާޓީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، އެ މައްސަލައާ ގުޅޭ ސިޓީއެއް ރައީސަށް ފޮނުވީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާ ކޯޓުތަކުން މާނަކޮށްފައިވާ ގޮތަށް ބަލައި، އެއީ ގާނޫނީ އަދި އިދާރީ ހައްލުތަކެއް ބޭނުންވާ މައްސަލައެއް ކަމަށް ފާހަގަކުރެވޭތީ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާއަކީ ދައުލަތުގެ އެންމެ އިސްވެރިޔާ ކަމަށް ވެފައި، ރައްޔިތުންގެ ހައްގުތައް ރައްކާތެރިކޮށް ދިނުމުގެ ޒިންމާއަކީ އެ މަނިކުފާނު އަދާކުރައްވަންޖެހޭ ޒިންމާއެއް ކަމަށް އެމްއެންޕީން ދެކޭތީ ކަމަށް އެ މައްސަލަ ހައްލުކޮށް ދެއްވަން އެދި ހުށަހެޅީ ކަމަށް ބުންޏެވެ.

އެމްއެންޕީން ބުނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ގާތްގަނޑަކަށް 343 މީހަކު ޖަލުތަކުގައި ހައްޔަރުކޮށްފައިވާ ކަމަށާއި އެ މީހުންގެ ބަންދު ކޮންމެ 30 ދުވަހަކުން މުރާޖައާ ކުރުމުގެ އަޑުއެހުން ކޯޓުގައި ނުހިނގާތީ ވަނީ އިންސާފު ލިބުމުގެ މަގު ބަންދުވެފައި ކަމަށެވެ. އޭގެ ތެރެއިން ބައެއް މީހުންނަކީ ޝަރީއަތް ނުހިންގައި އަހަރުތަކަކަށް ދިގު ދެމިގެން ގޮސްފައިވާ މީހުން ކަމަށާއި ބޮޑު މައްސަލައަކަށް ތުހުމަތު ކުރެވުމަކީ އިޖުރާއީ އިންސާފުން މީހުން އެއް ފަރާތް ކުރެވޭނެ ގާނޫނީ ހަމައެއް ނޫން ކަމަށް ވެސް އެ ސިޓީގައި ފާހަގަކުރި އެވެ.

އެމްއެންޕީން ބުނިގޮތުގައި، އެ މައްސަލައާ ގުޅިގެން މި މަހުގެ 7 ގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދާ މަޖިލީހުގެ ތަޅުމުގައި ސުވާލު ކުރުމުން ވެސް އެ މައްސަލަ ހައްލުކުރުމަށް ކުރި މަސައްކަތެއް ވިދާޅެއް ނުވެ އެވެ.

އެހެންވެ، ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ހައްގުތައް ރައްކާތެރިކޮށްދިނުމުގެ މުހިއްމުކަން ފެނިގެން ރައްޔިތުންގެ މަޖިލީހާއި ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީސް ފަދަ ދައުލަތުގެ މުއައްސަސާތަކުން މަސައްކަތްތަކެއް ކުރިޔަސް އެ މައްސަލަ އަށް ހައްލެއް ނުލިބޭ ކަމަށް އެމްއެންޕީން ބުންޏެވެ.