Roadha Mihaaru
ހާލަންޑަށް އަނިޔާވެ ސްޕެއިންއާ ދެކޮޅަށް ނުކުޅެވޭނެ

ހާލަންޑަށް އަނިޔާވެ ސްޕެއިންއާ ދެކޮޅަށް ނުކުޅެވޭނެ

22 މާޗް 2023

މެންޗެސްޓާ (މާޗު 22) - ޔޫރޯ ކޮލިފައިންގެ ފުރަތަމަ މެޗުގައި ހޮނިހިރު ދުވަހުގެ ރޭ ސްޕެއިންއާ ދެކޮޅަށް ކުޅުމަށް ތައްޔާރު ވަމުންދާ ނޯވޭ ގައުމީ ޓީމުގެ އިތުބާރު ފޯވާޑް އާލިން ހާލަންޑް، 22، އަށް އަނިޔާވެ ގައުމީ ޓީމު ކޭމްޕް ދޫކޮށް އޭނާ ކުޅެމުން އަންނަ ކްލަބް މެންޗެސްޓާ ސިޓީއާ އެނބުރި ގުޅިއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މެންޗެސްޓާ (މާޗު 22) - ޔޫރޯ ކޮލިފައިންގެ ފުރަތަމަ މެޗުގައި ހޮނިހިރު ދުވަހުގެ ރޭ ސްޕެއިންއާ ދެކޮޅަށް ކުޅުމަށް ތައްޔާރު ވަމުންދާ ނޯވޭ ގައުމީ ޓީމުގެ އިތުބާރު ފޯވާޑް އާލިން ހާލަންޑް، 22، އަށް އަނިޔާވެ ގައުމީ ޓީމު ކޭމްޕް ދޫކޮށް އޭނާ ކުޅެމުން އަންނަ ކްލަބް މެންޗެސްޓާ ސިޓީއާ އެނބުރި ގުޅިއްޖެ އެވެ.

މި އިންޓަނޭޝަނަލް ބްރޭކުގައި ނޯވޭ އިން ޔޫރޯ ކޮލިފައިން ގައި ސްޕެއިން އާއި ޖިއޯޖިއާ އާ ދެކޮޅަށް ކުޅޭ މެޗުގައި އޭނާ އަށް ނުކުޅެވޭނެ އެވެ. ބްރޭކަށް ފަހު ސިޓީ އަށް ދެން އެންމެ އަވަހަށް އޮތީ އޭޕްރީލް އެއް ވަނަ ދުވަހު އަމިއްލަ ދަނޑުގައި ލީގުގައި ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗެވެ.

ލިވަޕޫލާ ދެކޮޅަށް ސިޓީ ކުޅޭ މެޗަކީ މި ސީޒަންގެ ލީގު ހޯދުމުގެ ރޭހުގައި އެ ޓީމަށް މުހިއްމު މެޗެކެވެ. ސިޓީ ލީގުގެ ދެ ވަނައިގައި އޮތީ 27 މެޗުން 61 ޕޮއިންޓް ހޯދައިގެންނެވެ. އެއް ވަނައިގައި އޮތީ އެއް މެޗު އިތުރަށް ކުޅެގެން 69 ޕޮއިންޓް ހޯދާފައިވާ އާސެނަލް އެވެ.

"ބާންލީ އާ ދެކޮޅަށް ކުޅުނު މެޗަށް ފަހު އާލިން ބްރައުޓް ހާލަންޑްގެ އުކުޅުވަޅަށް ވަނީ އަނިޔާ ވެފައި. އަހަރެމެން އުއްމީދު ކުރީ ހޮނިހިރު ދުވަހާ ހަމައަށް ފަސޭހަ ވާނެ ކަމަށް. އެކަމަކު އިތުރަށް ތަހުލީލުކުރަން ކުރިއަށް ގެންދިޔަ ޓެސްޓް ތަކަށް ފަހު އެނގުނީ ސްޕެއިން އާއި ޖިއޯޖިއާ އާ ދެކޮޅަށް ކުޅޭ މެޗަށް މުޅިން ރަނގަޅު ނުވާނެކަން. އޭނާ އަށް އެންމެ ރަނގަޅުވާނީ ކްލަބުގެ މެޑިކަލް ޓީމުގެ ފަރާތުން ފަރުވާ ހޯދުން،" ނޯވޭގެ ފުޓްބޯޅަ އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައިވެ އެވެ.

ހާލަންޑް ވަނީ ސިޓީއާ އެކު އެންމެ ފަހުން ކުޅުނު ދެ މެޗުން އަށް ގޯލު ޖަހައިފަ އެވެ. މިދިޔަ ހަފްތާ ބަންދުގައި އެފްއޭ ކަޕުގައި ބާންލީ ކޮޅަށް ހެޓްރިކް ހެދިއިރު، މިދިޔަ ހަފްތާ ޗެމްޕިއަންސް ލީގުގައި އާރްބީ ލައިޕްޒިގާ ދެކޮޅަށް ވަނީ ފަސް ގޯލު ޖަހައިފަ އެވެ.

އަނިޔާއާ ގުޅިގެން ގައުމީ ޓީމު ކޭމްޕް ދޫކޮށްލަން ޖެހުމުން ހާލަންޑް އެކަމާ މާޔޫސް ވެފައި ވާކަން ޓީމުގެ ކޯޗު ސްޓާލް ސޮލްބަކެން ވަނީ ހާމަ ކޮށްފަ އެވެ. ހާލަންޑް ވަނީ ގައުމީ ޓީމަށް މިހާތަނަށް ކުޅެދިން 23 މެޗުން 21 ގޯލު ޖަހައިދީފަ އެވެ.

މިދިޔަ އަހަރު އޮތް ވޯލްޑް ކަޕްގެ ކޮލިފައިން ގައި ވެސް ފަހުވަގުތު އަނިޔާގެ މައްސަލައަކާ ގުޅިގެން އޭނާ އަށް ޓީމު ކޮލިފައި ކޮށްދޭން ގައުމީ ޓީމަށް އެހީއެއް ނުވެވުނު ނަމަވެސް، އޭނާ ހުރީ ޔޫރޯ މުބާރާތަށް ނޯވޭ ކޮލިފައި ކޮށްދިނުމުގެ އުއްމީދުގަ އެވެ. ޔޫރޯ މުބާރާތުގައި މިހާތަނަށް ނޯވޭ ކުޅެފައިވަނީ އެންމެ ފަހަރަކު އެވެ. އެއީ 2000 ވަނަ އަހަރެވެ. ހާލަންޑް އުފަންވީ ވެސް އެ އަހަރުގެ ޔޫރޯ މުބާރާތް ނިމުނު ފަހުންނެވެ.

އިނގިރޭސި ގައުމީ ޓީމަށް ނެގި މެންޗެސްޓާ ޔުނައިޓެޑްގެ އިތުބާރު ފޯވާޑް ރަޝްފޯޑާއި ޗެލްސީގެ މިޑްފީލްޑަރު މޭސަން މައުންޓް އަދި ނިއުކާސަލް ޔުނައިތެޑްގެ ގޯލްކީޕަރު ނިކް ޕޯޕް އަށް ވެސް އަނިޔާ ވެގެން ވަނީ ޓީމު ދޫކޮށްލައިފަ އެވެ.