Roadha Mihaaru
ތަކެތީގެ އަގު ހެޔޮ ކުރަން ސަރުކާރަށް ގޮވާލާ ގަރާރެއް

ތަކެތީގެ އަގު ހެޔޮ ކުރަން ސަރުކާރަށް ގޮވާލާ ގަރާރެއް ހުށަހަޅައިފި

20 މާޗް 2023

ސަރުކާރުން ޖީއެސްޓީ ބޮޑު ކުރުމާއެކު، މުދަލާއި ހިދުމަތުގެ އަގު އިންތިހާ އަށް ބޮޑުވެފައިވާ ކަމަށާއި ރައްޔިތުންނަށް ދިމާވާ ތަކުލީފުތައް ކުޑަކުރުމަށް ތަކެތީގެ އަގު ކޮންޓްރޯލް ކުރަން ސަރުކާރަށް ގޮވާލާ ގަރާރެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.

ސަރުކާރުން ޖީއެސްޓީ ބޮޑު ކުރުމާއެކު، މުދަލާއި ހިދުމަތުގެ އަގު އިންތިހާ އަށް ބޮޑުވެފައިވާ ކަމަށާއި ރައްޔިތުންނަށް ދިމާވާ ތަކުލީފުތައް ކުޑަކުރުމަށް ތަކެތީގެ އަގު ކޮންޓްރޯލް ކުރަން ސަރުކާރަށް ގޮވާލާ ގަރާރެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.

މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެންބަރު އާދަމް ޝަރީފް ހުށަހެޅުއްވި އެ ގަރާރުގައި ވަނީ މިދިޔަ ޖެނުއަރީ މަހުން ފެށިގެން ޖީއެސްޓީ ބޮޑު ކުރުމާއެކު މުދަލާއި ހިދުމަތުގެ އަގު ހަތް ޕަސެންޓް ބޮޑުވެފައިވާ ކަމަށެވެ.

މިދިޔަ އަހަރު ނިސްބަތުން އިންފްލޭޝަން 75 ޕަސެންޓް އުފުލިފައިވާ ކަމަށާއި ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަނުގެ އަގުތައް 4.3 ޕަސެންޓު ބޮޑުވެފައިވާ ކަމަށް އެ ގަރާރުގައި ވެ އެވެ.

އާދަމް ޝަރީފް ވިދާޅުވިގޮތުގައި، އަންނަ ބުރާސްފަތި ދުވަހު ފަށާ މި އަހަރުގެ ރޯދަމަހާ ދިމާކޮށް، ދިވެހިން އާންމުކޮށް ބޭނުން ކުރާ އެކި ބާވަތްތަކުގެ އަގުތައް ކުރިއަށް ވުރެ ވަނީ ބޮޑުވެފަ އެވެ. އެހެންވެ، ލިބޭ އާމްދަނީން ދެކޮޅު ނުޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އެއާއެކު ޖޫރިމަނާ އާއި އެހެނިހެން ގޮތް ގޮތަށް ސަރުކާރަށް ދައްކަން ޖެހޭ ފައިސާ ދުވަހުން ދުވަހަށް އިތުރުވަމުން ދާ ކަމަށް ވެސް އެ ގަރާރުގައި ބުންޏެވެ.

އެހެންކަމުން އާދަމް ޝަރީފް ގޮވާލެއްވީ ޖީއެސްޓީ އަލުން މުރާޖައާ ކުރުމަށެވެ. އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިދުމަތުގެ އަގު ހެޔޮ ކުރުމަށާއި އަގު ކޮންޓްރޯލް ކުރެވޭނެ ގޮތްތަކެއް ރާވަން ވަނީ ގޮވައިލި އެވެ.

"...ހާއްސަކޮށް ބަރަކާތްތެރި ރަމަޟާން މަހު ބާޒާރުގެ އަގުތައް ރައްޔިތުންގެ އަތް ފޯރާ ފަށުގައި ހިފެހެއްޓޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 167 ވަނަ މާއްދާގެ ދަށުން މި ގަރާރު ހުށަހަޅަން،" އެ ގަރާރުގައި ވެ އެވެ.

އެމްޑީޕީގެ ސަރުކާރަށް ތާއީދު ކުރައްވާ މެންބަރުންގެ މެޖޯރިޓީ އޮތް މަޖިލީހުގެ ތެރެއިން އިދިކޮޅު ފަރާތްތަކުން ހުށަހަޅާ އެއްވެސް މައްސަލައެއް ފާހެއް ނުވެ އެވެ. ނަމަވެސް އެ މައްސަލަތައް ގަރާރެއް ގޮތުގައި ހުށަހަޅާތީ މަޖިލީހުގެ ގަވައިދު ބުނާ ގޮތުން އެ މައްސަލަ އަށް ބަހުސް ކުރުމުގެ ފުރުސަތު އޮވެ އެވެ.