Roadha Mihaaru
މުދާ އަގު ބޮޑުވާތީ ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

މުދާ އަގު ބޮޑުވާ މައްސަލަ އަށް ބަހުސް ކުރަން ވޯޓެއް ނުލިބުނު

13 ޖޫން 2022

ދިވެހިން އާންމުކޮށް ބޭނުންކުރާ މުދަލުގެ އަގު ބޮޑުވާތީ، އެކަން ކޮންޓްރޯލް ކުރުމަށް ސަރުކާރަށް ގޮވާލައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާހެއް ނުވި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

އެކަމާ ގުޅޭ ގޮތުން ނެގި ވޯޓުގައި އެ މައްސަލަ އަށް ބަހުސްކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ ނުވަ މެމްބަރެކެވެ. އަދި ބަހުސް ކުރަން ނުފެންނަ ކަމަށް 29 މެމްބަރަކު ވޯޓު ދެއްވި އެވެ.

އާދަމް ޝަރީފް ހުށަހެޅި ކުއްލި މައްސަލާގައި ބުނެފައި ވަނީ މުދަލުގެ އަގު ބޮޑުވެ ރައްޔިތުންގެ އަތް ނުފޯރާ ހިސާބަށް އަގުތައް ގޮސްފައިވާ ކަމަށާއި އިންފްލޭޝަން މަތިވުމާ އެކު ދިވެހިން އާންމުކޮށް ބޭނުން ކުރާ މިފްކޯގެ މަސްދަޅު ފަދަ ތަކެތީގެ އަގު ވެސް އިންތިހާ އަށް ބޮޑުވެފައިވާ ކަމަށެވެ.

އޭގެ އިތުރުން ސަރުކާރު ކުންފުނިތަކުން ކުރާ އެތެރޭގެ އުދުހުންތަކުގެ ޓިކެޓާއި ކާގޯ ހިދުމަތްތަކުގެ އަގާއި އިމާރާތް ކުރުމުގައި ބޭނުން ކުރާ ދަގަނޑު ފަދަ ތަކެތީގެ ވެސް އަގު ބޮޑުވަމުންދާ ކަމަށް އެ މައްސަލާގައި ބުނެފައި ވެ އެވެ.

ސަރުކާރު ކުންފުނިތަކުން އުފައްދާ ތަކެތީގެ ތެރެއިން ދިވެހިން އާންމުކޮށް ބޭނުން ކުރާ މުދަލުގެ އަގުތައް ކޮންޓްރޯލް ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް އެ މައްސަލާގައި ގޮވާލާފައި ވެ އެވެ.