Roadha Mihaaru
އާސެނަލަށް ނެތް ގޮންޖެހުން ޔުނައިޓެޑަށް އެބައޮތް

އާސެނަލް ގޮތަށް ޔުނައިޓެޑަށް ކޮންމެ މެޗެއްގައި ފުލް ސްކޮޑް ބޭނުމެއް ނުކުރެވޭ: ޓެން ހަގް

16 މާޗް 2023

ސެވިއްޔާ (މާޗު 16) - މެންޗެސްޓާ ޔުނައިޓެޑަށް ދިމާވެފައިވާ އަނިޔާ އާއި ސަސްޕެންޝަނުގެ މައްސަލަތަކާ ގުޅިގެން އުނދަގޫތައް ކުރިމަތިވެފައިވާ ކަމަށާއި، އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނައިގައި އޮތް އާސެނަލް ގޮތަށް ކޮންމެ މެޗެއްގައި ފުލް ސްކޮޑް ބޭނުން ނުކުރެވޭ ކަމަށް ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހަގް ބުންފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ސެވިއްޔާ (މާޗު 16) - މެންޗެސްޓާ ޔުނައިޓެޑަށް ދިމާވެފައިވާ އަނިޔާ އާއި ސަސްޕެންޝަނުގެ މައްސަލަތަކާ ގުޅިގެން އުނދަގޫތައް ކުރިމަތިވެފައިވާ ކަމަށާއި، އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނައިގައި އޮތް އާސެނަލް ގޮތަށް ކޮންމެ މެޗެއްގައި ފުލް ސްކޮޑް ބޭނުން ނުކުރެވޭ ކަމަށް ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހަގް ބުންފި އެވެ.

ޓެން ހަގް މިހެން ބުނީ ޔޫރޮޕާ ލީގުގެ ގަދަ 16 ގެ ދެވަނަ ލެގުގައި ރަށުން ބޭރުގައި ސްޕެއިންގެ ރެއާލް ބެޓިސް އާ ދެކޮޅަށް މިރޭ ކުޅެން އޮތް މެޗުގެ ކުރިން ނޫސްވެރިންނާ ބައްދަލުކޮށް ދެއްކި ވާހަކަތަކުގަ އެވެ.

ޔުނައިޓެޑް ވަނީ ބެޓިސް އާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ ލެގު މެޗު 4-1 އިން ކާމިޔާބު ކޮށްފަ އެވެ. އާސެނަލް ވެސް ޔޫރޮޕާ ލީގުގައި ވާދަ ކުރާއިރު، އެ ޓީމު މިރޭ ނުކުންނާނީ އަމިއްލަ ދަނޑުގައި ޕޯޗުގަލްގެ ސްޕޯޓިން އާ ދެކޮޅަށެވެ. ޕޯޗުގަލް ގައި ކުޅުނު ފުރަތަމަ ލެގު ނިމުނީ 2-2 އިން އެއްވަރު ވެގެންނެވެ.

ޓެން ހަގް ބުނީ އޭނާގެ ޓީމަށް މި ސީޒަން ގައި ފުލް ސްކޮޑު ބޭނުން ކުރެވިފައި ވަނީ އެންމެ މެޗަކަށް ކަމަށެވެ. އެއީ ލީގުގައި އަމިއްލަ ދަނޑުގައި 2-1 އިން ވާދަވެރި މެންޗެސްޓާ ސިޓީ ބަލިކުރި މެޗެވެ. ނަމަވެސް ލީގު އެއް ވަނައިގައި އޮތް އާސެނަލްގެ ކޯޗު މިކެލް އާޓެޓާ އަށް ކޮންމެ ހަފްތާ އަކު ކަހަލަ ގޮތަކަށް އެއް ކުޅުންތެރިންތަކެއް ބޭނުން ކުރެވޭ ކަމަށް އޭނާ ބުންޏެވެ.

"މުޅި ސީޒަނަށް ބަލައިލާއިރު އަހަރެމެންނަށް ގޮންޖެހުން އެބަހުރި. އެކަމަކު ކޮންމެ ފަހަރަކު އަހަރެމެން އެކަންކަމުން އަރައިގަންނަން. ކޮންމެ ފަހަރަކު އަހަރެން ނެރޭ ޓީމަކީ އެވަގުތެއްގައި ބޭނުން ކުރެވޭ ހާލަތުގައި ތިބޭ ކުޅުންތެރިން. އެންމެ މެޗަކު ފުލް ސްކޮޑް ބޭނުން ކުރެވުނީ، އެއީ އަހަރެމެންގެ ދަނޑުގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގައި،" ޓެން ހަގް ބުންޏެވެ.

"އެހެން ކޮންމެ ފަހަރަކު ކުޅުންތެރިއަކު ސަސްޕެންޑް ވާނެ ނޫނީ އަނިޔާއެއް ވާނެ ނޫނީ ބަލިހާލު ހުރިގޮތުން ޓީމަށް އެރޭގޮތް ނުވާނެ. އަހަރެމެން މިކަންކަމާ އެންމެ ރަނގަޅަށް ޑީލް ކުރަން ޖެހޭ. އެކަމަކު އާސެނަލް އަށް ބަލައިލާއިރު ކޮންމެ ފަހަރަކު އެމީހުންނަށް ފުލް ސްކޮޑް ބޭނުން ކުރެވޭ."

ޔުނައިޓެޑުން މިރޭގެ މެޗަށް ނުކުންނައިރު، ކްރިސްޓިއަން އެރިކްސަން އާއި ޑޮނީ ވެން ޑި ބީކް އަށް ފަހު އަނިޔާގެ ލިސްޓަށް އަލެހަންދްރޯ ގާނާޗޯ ވަނީ އިތުރު ވެފަ އެވެ. އެންމެ ފަހު ދެ މެޗުގައި މާސެލް ސަބިޓްޒާ ބޭނުން ނުކުރެވުނު ނަމަވެސް މިރޭގެ މެޗަށް އޭނާ ޓީމުގައި ހިމެނެ އެވެ. އަދި ވިކްޓާ ލިންޑެލޯފް ވެސް ވަނީ ބަލިން ރަނގަޅުވެ އަލުން ޓީމާ ގުޅިފަ އެވެ.

ޔުނައިޓެޑްގެ ވިންގާ އެންޓޮނީ ބަލިހާލާއިގެން ޓީމާ އެކު ސްޕެއިން އަށް ދަތުރު ކޯށްފައި ނުވި ނަމަވެސް ޓެން ހަގް އަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ މިޑްފީލްޑަރު ކަސެމީރޯ ޓީމުގައި ހިމެނުމެވެ. ލީގުގައި އެންމެ ފަހުން ސައުތެމްޓަނާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާ އަށް ދެއްކި ރަތް ކާޑާ އެކު ހަތަރު މެޗަށް ވަނީ ސަސްޕެންޑް ވެފަ އެވެ. ނަމަވެސް އޭނާ ސަސްޕެންޝަނުގައި ހުންނަން ޖެހެނީ ހަމައެކަނި ޑޮމެސްޓިކް މެޗުތަކަށެވެ.

މީގެ އިތުރުން ވެސް ޓެން ހަގް ވަނީ އެޓީމަށް ސީޒަންގެ ބާކީ ބައި، މެޗަކުން ބަލި ނުވެ ނިންމާލެވިދާނެ ކަމަށް ބުނެފަ އެވެ. މީގެ 10 ވަރަކަށް ދުވަސް ކުރިން ވާދަވެރި ލިވަޕޫލް އަތުން 7-0 އިން ބަލިވި މެޗަށް ފަހު އެ ޓީމުން ބެޓިސް ބަލިކުރީ ފަސޭހަ ކަމާ އެކު އެވެ. އަދި އެއަށް ފަހު ލީގުގައި ސައުތެމްތަނާ ދެކޮޅަށް ކުޅުނު މެޗުގައި ކަސެމީރޯ އަށް ރަތް ކާޑު ދެއްކުމުން ވަނީ 10 ކުޅުންތެރިންނާ އެކު ލަނޑެއް ނުޖެހި އެއްވަރު ކޮށްލައިފަ އެވެ.

ޓެން ހަގް ވަނީ މި ސީޒަން ގައި ޔުނައިޓެޑަށް ލީގް ކަޕް ކާމިޔާބު ކޮށްދީ، އެޓީމަށް ތަށްޓެއް ނުލިބި ފާއިތުވި ފަސް ސީޒަނުގެ ދިގު އިންތިޒާރަށް ނިމުމެއް ގެނެސްފަ އެވެ. ލީގުގައި ޔުނައިޓެޑަށް ބާކީ 12 މެޗު އޮތްއިރު އެޓީމު އޮތީ ތާވަލުގެ ތިން ވަނައިގަ އެވެ. ޔޫރޮޕާ ލީގުގައި ކުރިއަށް ދިޔުމުގެ އުއްމީދު އޮތްއިރު އެފްއޭ ކަޕްގައި އޮތީ ކުއާޓާ ފައިނަލުގަ އެވެ.