Roadha Mihaaru
ޕެނަލްޓީ ނުދިނުމުން ޓުޗެލް ބުނީ ރެފްރީ ހިތްވަރެއް ނެތޭ

ޕެނަލްޓީ ނުދިނުމުން ޓުޗެލް ބުނީ ރެފްރީގެ ހިތްވަރެއް ނެތް ކަމަށް

10 އެޕްރީލް 2024

ލަންޑަން (އޭޕްރީލް 10) - ޗެމްޕިއަންސް ލީގުގައި ރޭ އާސެނަލް އާއި ބެޔާން މިއުނިކް 2-2 އިން އެއްވަރުވި މެޗުގައި ޕެނަލްޓީއެއް ނުލިބިގެން، ރެފްރީންގެ ހިތްވަރެއް ނެތް ކަމަށް ބެޔާންގެ ކޯޗު ތޯމަސް ޓުޗެލް ބުނެފި އެވެ.

ލަންޑަން (އޭޕްރީލް 10) - ޗެމްޕިއަންސް ލީގުގައި ރޭ އާސެނަލް އާއި ބެޔާން މިއުނިކް 2-2 އިން އެއްވަރުވި މެޗުގައި ޕެނަލްޓީއެއް ނުލިބިގެން، ރެފްރީންގެ ހިތްވަރެއް ނެތް ކަމަށް ބެޔާންގެ ކޯޗު ތޯމަސް ޓުޗެލް ބުނެފި އެވެ.

"އަހަންނަށް ހީވަނީ ރެފްރީގެ ހިތްވަރެއް ނެތިގެންހެން އަހަރެމެންނަށް ހައްގު ޕެނަލްޓީއެއް ނުދީ ހިފެހެއްޓީ. ދަނޑުމަތީގައި އޭނާ ވަނީ ކުޅުންތެރިޔާ ހެދި މިސްޓޭކް ވަރަށް ރަނގަޅަށް ފެނުނު ކަމަށް އެއްބަސްވެފަ،" އާސެނަލްގެ ކީޕަރު ޑޭވިޑް ރާޔާ ކުރި ކުށަކާ ގުޅިގެން ޕެނަލްޓީއެއް ލިބެން ޖެހޭކަމަށް ވާހަކަ ދައްކަމުން ޓުޗެލް ބުންޏެވެ.

"ބޯޅައިގައި އޭނާ އަތްލީ ކުޅުމުން ބޭރުގައި ކަމަށް ހީކޮށްގެން. އެކަމަކު އެ ވަގުތު ކުޅުން ކުރިއަށް ދަނީ. ރެފްރީ ވެސް އެކަމަށް އެއްބަސްވޭ. އެ ވާނީ ހޭންޑްބޯލްއަކަށް."

އެމިރޭޓްސް ސްޓޭޑިއަމްގައި ރޭ ކުޅުނު ކުއާޓާގެ ފުރަތަމަ ލެގުގައި ރެފްރީކަން ކުރީ ސްވިޑެންގެ ގްލެން ނައިބާގް އެވެ.

މެޗުގެ 12 ވަނަ މިނިޓުގައި ސަކާ އާސެނަލް އަށް ލީޑު ނަގައިދީފައި ވަނިކޮށް ފަސް މިނިޓު ފަހުން ސާޖް ގްނާބްރީ ވަނީ ބެޔާނަށް އެއްވަރު ކޮށްދީފަ އެވެ. އަދި 32 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުން ބެޔާނަށް ލީޑު ނަގައިދިނީ ހެރީ ކޭން އެވެ. އާސެނަލް އެއްވަރު ކުރީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 15 މިނެޓަށް ވެފައި ވަނިކޮށް ލިއަންޑްރޯ ޓްރޮސާޑް ޖަހައިދިން ގޯލުންނެވެ.

މެޗުގެ އިތުރު ވަގުތުގައި ބެޔާންގެ ކީޕަރު މެނުއެލް ނޯޔާގެ ޗެލެންޖެއްގައި އާސެނަލްގެ ބުކާޔޯ ސަކާ އޭރިއާ ތެރެއަށް ވެއްޓިގެން އެއީ ޕެނަލްޓީއެއް ލިބެން ޖެހޭ ހާލަތެއް ކަމަށް އާސެނަލް އިން އެޕީލް ކުރި ނަމަވެސް ރެފްރީ ނިންމީ ޕެނަލްޓީ ނުދޭށެވެ. އެކަމާ ގުޅިގެން ކޯޗު އާޓެޓާ ވަނީ ރެފްރީގެ ނިންމުން ބަލައިގަންނަ ކަމަށް ބުނެފަ އެވެ.

"އެމީހުން ޗެކް ކޮށްފަ ނިންމީ އެއީ ޕެނަލްޓީއެއް ނޫން ކަމަށް،" އާޓެޓާ ބުންޏެވެ.