Roadha Mihaaru
ދެވަނަ ބުރުގައި އާސެނަލާއި ބަޔާންގެ ކުރިމަތިލުމެއް

ދެވަނަ ބުރުގައި އާސެނަލާއި ބަޔާންގެ ކުރިމަތިލުމެއް

12 ޑިސެމްބަރ 2016

ޒިއުރިކް (ޑިސެމްބަރު 12) - ޔޫއޭފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި އާސެނަލާއި ބަޔާން މިއުނިކް އަދި ޕީއެސްޖީ އާއި ބާސެލޯނާ ވާދަކުރަން ޖެހިއްޖެ އެވެ.

ޒިއުރިކް (ޑިސެމްބަރު 12) - ޔޫއޭފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި އާސެނަލާއި ބަޔާން މިއުނިކް އަދި ޕީއެސްޖީ އާއި ބާސެލޯނާ ވާދަކުރަން ޖެހިއްޖެ އެވެ.

އަހަރުތަކަކަށް ފަހު އާސެނަލް ގްރޫޕްގެ އެއް ވަނައިގެ ގޮތުގައި ދެ ވަނަ ބުރުން ޖާގަ ހޯދި މި ފަހަރު، ބަޔާން ދެވަނަ ބުރަށް ދިޔައީ އެ ޓީމު އޮތް ގްރޫޕްގެ ދެވަނަ ހޯދައިގެންނެވެ. އެންމެ ފަހުން ކުޅުނު ފަސް ޗެމްޕިއަންސް ލީގުގެ ތެރެއިން ހަތަރު ފަހަރު ވެސް މި ދެ ޓީމު ވާދަކުރަން ޖެހުނެވެ. އަދި މިދިޔަ ފަހަރުގެ ގްރޫޕް ސްޓޭޖުގެ އެއްވަނަ ބަޔާނުން ހޯދީ އާސެނަލް ފަހަތަށް ޖައްސާލުމަށް ފަހު އެވެ.

ދެ ހާސް ސާދަ ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި މި ދެ ޓީމު ވާދަކުރި މެޗުން ވެސް ބަޔާން ވަނީ އާސެނަލް ކަޓުވާލައިފަ އެވެ.

ފްރާންސްގެ ގަދަބާރު ޕީއެސްޖީ އާއި ސްޕެއިންގެ ޗެމްޕިއަން ބާސެލޯނާގެ ފޯރިގަދަ ކުރިމަތިލުންތަކެއް ފާއިތުވި އަހަރުތަކުގައި ފެނުނެވެ. ކޮންމެ ފަހަރަކު ވެސް ބާސެލޯނާ ކުރި ހޯދަމުން އައިސްފައިވާ އިރު، ޕީއެސްޖީން މި ފަހަރު ނުކުންނަނީ ކުރިން ސެވިއްޔާ އަށް ކޯޗު ކޮށްދިން އުނައި އެމެރީއާ އެކުގަ އެވެ.

ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ މެޗުތައް:

- މެންޗެސްޓާ ސިޓީ - މޮނާކޯ

- ބަޔާން މިއުނިކް - އާސެނަލް

- ރެއާލް މެޑްރިޑް - ނަޕޯލީ

- ބެންފީކާ - ބޮރޫޝިއާ ޑޯޓްމަންޑް

- ޕޯޓޯ - ޔުވެންޓަސް

- ބަޔާ ލެވަކޫސަން - އެތުލެޓިކޯ މެޑްރިޑް

- ޕީއެސްޖީ - ބާސެލޯނާ

- ސެވިއްޔާ - ލެސްޓާ ސިޓީ

އެންމެ ފަހުގެ ޗެމްޕިއަން ރެއާލް ދެވަނަ ބުރުގައި ނުކުންނާނީ އިޓަލީގެ ނަޕޯލީއާ ދެކޮޅަށެވެ. އިޓަލީ ލީގުގެ މި ސީޒަނުގައި ވެސް ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ނަޕޯލީ ދެ ވަނަ ބުރުގެ ފުރަތަމަ މެޗު ކުޅޭނީ ރަށުން ބޭރުގަ އެވެ. އެހެންވެ، ފުރަތަމަ ލެގުގައި ރެއާލަށް ހޯމް އެޑްވާންޓޭޖް ނެގޭނެ އެވެ.

މި މުބާރާތުގައި އަލަށް ވާދަކުރާ ލެސްޓާ ދެވަނަ ބުރުގައި ނުކުންނާނީ މިދިޔަ އަހަރުގެ ޔޫރޮޕާ ލީގުގެ ޗެމްޕިއަން ސެވިއްޔާއާ ދެކޮޅަށެވެ. ފުރަތަމަ ލެގު ސެވިއްޔާ ދަނޑުގައި ކުޅޭ އިރު، ލެސްޓާ މި ފަހަރުގެ މުބާރާތުގައި އަމިއްލަ ދަނޑުގައި ކުޅުނު ތިން މެޗުން ވެސް ވަނީ މޮޅުވެފަ އެވެ.

މެންޗެސްޓާ ސިޓީ ދެވަނަ ބުރުގައި ނުކުންނާނީ މި ސީޒަނުގައި ރަނގަޅު ނަތީޖާތަކެއް ނެރެމުން އަންނަ މޮނާކޯއާ ދެކޮޅަށެވެ. މޮނާކޯ ދެވަނަ ބުރަށް ދިޔައީ ޓޮޓެންހަމް ކަޓުވާލުމަށް ފަހު، ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. މިއީ ޕެޕް ގާޑިއޯލާގެ އިރުޝާދުގެ ދަށުން ކުޅޭ ސިޓީ އަށް ފަސޭހަ ވާނެ މެޗެއް ނޫނެވެ.