Roadha Mihaaru
ބަޔާން ބަލިކުރަން އާސެނަލަށް މިހާރު އެނގޭ: ވެންގާ

ބަޔާން ބަލިކުރަން އާސެނަލަށް މިހާރު އެނގޭ: ވެންގާ

15 ފެބުރުއަރީ 2017

މިއުނިކް (ފެބްރުއަރީ 15) - ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި މިރޭގެ މެޗަށް ނުކުންނައިރު ބަޔާން މިއުނިކް ބަލިކުރަން އާސެނަލަށް އެނގޭ ކަމަށް އެ ޓީމުގެ ކޯޗު އާސެން ވެންގާ ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މިއުނިކް (ފެބްރުއަރީ 15) - ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި މިރޭގެ މެޗަށް ނުކުންނައިރު ބަޔާން މިއުނިކް ބަލިކުރަން އާސެނަލަށް އެނގޭ ކަމަށް އެ ޓީމުގެ ކޯޗު އާސެން ވެންގާ ބުނެފި އެވެ.

އަހަރުތަކަކަށް ފަހު އާސެނަލް ގްރޫޕްގެ އެއް ވަނައިގެ ގޮތުގައި ދެ ވަނަ ބުރުން ޖާގަ ހޯދި މި ފަހަރު، ބަޔާން ދެވަނަ ބުރަށް ދިޔައީ އެ ޓީމު އޮތް ގްރޫޕްގެ ދެވަނަ ހޯދައިގެންނެވެ. އެންމެ ފަހުން ކުޅުނު ފަސް ޗެމްޕިއަންސް ލީގުގެ ތެރެއިން ހަތަރު ފަހަރު ވެސް މި ދެ ޓީމު ވާދަކުރަން ޖެހުނެވެ. އަދި މިދިޔަ ފަހަރުގެ ގްރޫޕް ސްޓޭޖުގެ އެއްވަނަ ބަޔާނުން ހޯދީ އާސެނަލް ފަހަތަށް ޖައްސާލުމަށް ފަހު އެވެ.

ދެ ހާސް ސާދަ ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި މި ދެ ޓީމު ވާދަކުރި މެޗުން ވެސް ބަޔާން ވަނީ އާސެނަލް ކަޓުވާލައިފަ އެވެ.

"އަހަރެންނަށް މި ދެ ޓީމު ކުރިން ކުޅެފައިވާ މެޗުތަކުގެ ނަތީޖާ އެނގޭ. އަހަރެމެންނަށް ހެދިފައިހުރި ގޯސްތައް ވެސް އެނގޭ. އޭގެއިން އިބުރަތް ލިބިގަނެގެން މި މެޗަށް މި ނުކުންނަނީ. ބަޔާން ބަލިކުރަން ކުޅެންވީ ގޮތް އަހަރެމެންނަށް އެނގޭ،" ވެންގާ ބުންޏެވެ.

ޗެމްޕިއަންސް ލީގުގައި ފާއިތުވި ހަ ސީޒަނުގައި ވެސް އާސެނަލަށް ދެ ވަނަ ބުރު ފަހަނައަޅައި ދެވިފައެއް ނުވެ އެވެ. ވެންގާ ބުނީ މި ފަހަރު އެކަން ބަދަލުކުރެވޭނެ ކަމުގެ އުއްމީދު ބޮޑު ކަމަށެވެ.

"ކުރިން ހުރިހާ ފަހަރަކު ކަހަލަ ގޮތަކަށް ދެ ވަނަ ލެގު އޮންނަނީ ރަށުން ބޭރުގައި. އެއީ އަހަރެންގެ ނަޒަރުގައި ނަތީޖާ އަހަރެމެންގެ ކޮޅަށް އަނބުރާލަން ބަލާއިރު ކުރިމަތިވާ ވަރަށް ބޮޑު އުނދަގުލެއް. މި ފަހަރު ދެ ވަނަ ލެގު އަމިއްލަ ދަނޑުގައި އޮތުމުން އޭގެ އެޑްވާންޓޭޖް އަހަރެމެންނަށް ނެގޭނެ،" ވެންގާ ބުންޏެވެ.

މިރޭގެ މެޗަށް ނުކުންނައިރު ބަޔާނުން އޮތީ އަމިއްލަ ދަނޑުގައި ޖެހިޖެހިގެން 15 ޗެމްޕިއަންސް ލީގު މެޗުން މޮޅުވެ ރެކޯޑަކާ އެކު އެވެ. އެ ޓީމުގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނީ އާސެނަލަކީ ތަފާތު ސްޓައިލެއްގެ ފުޓްބޯޅައެއް ކުޅޭ ޓީމެއް ކަމަށާއި އެ ޓީމާ ދެކޮޅަށް ކުޅެން ފަސޭހަވާނެ ކަމަށް ނުދެކޭ ކަމަށެވެ.

"ތަޖުރިބާ އަށް ބަލާއިރު ވެންގާ އަކީ ދެ ވަނައެއް ނެތް ފަދަ މޮޅު ކޯޗެއް. އޭނާ އަކީ ތަފާތު ސްޓައިލަކަށް ޓީމު ހާނުވައިގެން ކުޅުވާ ކޯޗެއް. މޮޅު ކުޅުންތެރިން އާސެނަލްގައި ގިނަ. އެ ކުޅުންތެރިންގެ ފެންވަރުގައި ޓީމެއްގެ ގޮތުގައި އާސެނަލުން ކުޅެފިނަމަ ބަޔާނަށް ބިރު ބޮޑު،" އަންޗެލޮޓީ ބުންޏެވެ.

މި އަހަރު ފެށި ފަހުން ބަޔާން އޮތީ އެންމެ ރަނގަޅު ފޯމެއްގައި ނޫން ކަމަށާއި އެކަން ބަދަލުކުރަން މި މެޗުން މޮޅުވުން މުހިއްމު ކަމަށް އަންޗެލޮޓީ ވަނީ ބުނެފަ އެވެ.

ބަޔާނުގެ އެލިއާންޒް އެރީނާގައި އާސެނަލާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 00:45 ގަ އެވެ.