Roadha Mihaaru

ރަށްރަށުގައި ދިވެހި ފިލްމު ދައްކަން ޑިސްޓްރިބިއުޓަރުން ހޯދަނީ

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ދިވެހި ފިލްމުތައް ސިނަމާ އުސޫލުން ދައްކަން ފެށުމަށް ޑިސްޓްރިބިއުޓަރުން ހޯދުމުގެ މަސައްކަތް، ދިވެހި ފިލްމު "ލޯބިވެވިއްޖެ" އުފައްދާފައިވާ އެސް ޕްރޮޑަކްޝަން އަދި ސެޓާންސް ސްޓޫޑިއޯއިން ފަށައިފި އެވެ.

ރަށްރަށުގައި ފިލްމު ދައްކަން ޑިސްޓްރިބިއުޓަރުން ހޯދަނީ
އަހުމަދު އަރުޝަމް
އަހުމަދު އަރުޝަމް

15 މާޗް 2023

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ދިވެހި ފިލްމުތައް ސިނަމާ އުސޫލުން ދައްކަން ފެށުމަށް ޑިސްޓްރިބިއުޓަރުން ހޯދުމުގެ މަސައްކަތް، ދިވެހި ފިލްމު "ލޯބިވެވިއްޖެ" އުފައްދާފައިވާ އެސް ޕްރޮޑަކްޝަން އަދި ސެޓާންސް ސްޓޫޑިއޯއިން ފަށައިފި އެވެ.

ދިވެހިން އުފައްދާފައިވާ ފިލްމުތައް އާންމުކޮށް އަޅުވަނީ، މާލޭގައި ހުންނަ ދިވެހިންގެ ސިނަމާ، އޮލިމްޕަހުގަ އެވެ. ޑިމާންޑު އޮތް ވަރަކުން ބައެއް ރަށްތަކުގައި ވެސް ފިލްމުތައް އަޅުވަ އެވެ. އެކަމަކު، ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކަށް ދިވެހި ފިލްމުތައް ބެލުމުގެ ފުރުސަތެއް ނުލިބެ އެވެ.

ސެޓާން ސްޓޫޑިއޯގެ އޮފިޝަލަކު ބުނީ މި މަސައްކަތުގެ އެންމެ ބޮޑު އަމާޒަކީ ރާއްޖޭގަައި މީހުން ދިރިއުޅޭ ހުރިހާ ރަށްތަކެއްގެ މީހުންނަށް ދިވެހި ފިލްމުތައް ދެއްކުން ކަމަށެވެ.

"ކުރިން މާލޭގައި އަޅުވާފައި، ދެން ޕްރޮޑިއުސަރުން އަމިއްލައަށް ބައެއް ރަށްތަކަށް ގޮސް ޓިކެޓު ވިއްކާ ހަަަދައިގެން އެ ރަށްތަކުގަ އަޅުވަނީ. އެކަމަކު، އަޅުގަނޑުމެންގެ އަމާޒަކީ، ކޮންމެ ރަށެއްގައި ފިލްމު ދައްކައިދޭނެ ޑިސްޓްރިބިއުޓަރަކު ބެހެއްޓުން،" އޭނާ ވިދާޅުވި އެވެ.

ޑިސްޓްރިބިއުޓަރުން ހޯދަން މިހާރު އިއުލާނުކޮށްފައިވާއިރު، ފިލްމު އުފައްދާ ފަރާތާ އެކު ޑިސްޓްރިބިއުޓަރު ވާ އެއްބަސްވުމުގެ ދަށުން ކޮންމެ ފިލްމަކަށް ވަކިވަރެއްގެ ފީއެއް ދެއްކުމުން، ފިލްމު އެ ރަށެއްގައި އެޅުވުމުގެ ފުރުސަތު ލިބެ އެވެ. އަދި ފީ ދެއްކުމުން، އޭ1 ސައިޒްގެ ފަސް ޕޯސްޓަރާ އެކު، ޕްރޮމޯޝަނަށް ބޭނުންވާ ޓިކެޓާއި، ޕޯސްޓަރުގެ ސޮފްޓްކޮޕީގެ އިތުރުން ޕްރޮމޯޝަނަށް ބޭނުންވާ އެހެން ތަކެތި ލިބޭނެ އެވެ.

އޭގެ އިތުރުން، އެ ރަށެއްގައި އަޅުވާ ފިލްމެއްގެ ޝޯއަކަށް ދައްކަން ޖެހޭ ފީ ދެއްކުމުން، ޑިސްޓްރިބިއުޓަރު ވިއްކާ ހުރިހާ ޓިކެޓެއްގެ އާމްދަނީ ލިބޭނީ އެ ފަރާތަކަށެވެ.

"ފީ ދެއްކުމަށް ފަހު ޑިސްޓްރިބިއުޓަރު ބޭނުން ވަރަކަށް ޓިކެޓު ޕްރިންޓުކޮށް ވިއްކައިގެން މަންފާ ހޯދުމަކީ އެ ފަރާތުގެ ހައްގެއް. އެކަމަކު، ކޮންމެ ޝޯއަކަށް އެއްފަހަރާ އެންމެ ގިނަވެގެން ވެއްދޭނީ 400 މީހުން،" ސެޓާން ސްޓޫޑިއޯގެ އޮފިޝަލް ވިދާޅުވި އެވެ.

ޒަމާނީ ބަދަލުތައް ގެނައުމުގެ ކުރިން އޮލިމްޕަސް ސިނަމާ ހުރި ގޮތް. --ފޮޓޯ: ސްޕޭނާ ފިލްމްސް

ޒަމާނީ ބަދަލުތައް ގެނައުމުގެ ކުރިން އޮލިމްޕަސް ސިނަމާ ހުރި ގޮތް. --ފޮޓޯ: ސްޕޭނާ ފިލްމްސް

އޭނާ ބުނީ ޑިސްޓްރިބިއުޓަރު ފީ ދެއްކުމުން، އެ ރަށެއްގައި ފިލްމު އަޅުވަން ހަމަޖެހިފައިވާ ގަޑީގެ 15 މިނެޓުކުރިން އޮންލައިން ލިންކެއް ފޮނުވާނެ ކަމަށެވެ. އެ ލިންކު މެދުވެރިކޮށް ފިލްމު އަޅުވާއިރު، އެ ދެއްކޭނީ އެންމެ ފަހަރަކު އެވެ.

ސެޓާން ސްޓޫޑިއޯ އިން ބުނި ގޮތުގައި، ކޮންމެ ރަށަކުން ވެސް ނަގާނީ އެއް ޑިސްޓްރިބިއުޓަރެވެ. އެ ރަށަކުން އެންމެ ފުރަތަމަ ރަޖިސްޓްރީވާ ބަޔަކަށް ނުވަތަ މީހަކަށް އެ ފުރުސަތު ދޭނެ އެވެ.

"ފަސްޓް ކަމް ފަސްޓް ސާވް އުސޫލް އިންނާނީ. އަމިއްލަ މީހެއް، ނުވަތަ ޖަމިއްޔާއަކަށް ވެސް ޑިސްޓްރިބިއުޓަރަކަށް ވެވޭނެ. މިހާރު ވެސް ވަރަށް ބޮޑު ތަރުހީބެއް މިކަމަށް އަންނަނީ ލިބެމުން. ރާއްޖޭގެ ސާޅީހަކަށް ރަށަކުން ޑިސްޓްރިބިއުރުން ރަޖިސްޓްރީކޮށްފި،" އޮފިޝަލް ވިދާޅުވި އެވެ.

ޑިސްޓްރިބިއުޓަރެއްގެ ގޮތުގައި ރަޖިސްޓްރީ ވުމުގެ ސުންގަޑިއަކީ އަންނަ އޭޕްރީލް މަހުގެ 25 ވަނަ ދުވެހުގެ ހަވީރު 6:00 އެވެ.

ރާއްޖޭގެ މަޝްހޫރު އެކްޓަރު ސީޒަން އަލީގެ އެސްޕްރޮޑަކްޝަން އަދި ސެޓާން ސްޓޫޑިއޯ ގުޅިގެން ފަށާ މި މަސައްކަތުގެ ދަށުން، ޑިސްޓްރިބިއުޓަރުން މެދުވެރިކޮށް އެންމެ ފުރަތަމަ އަޅުވަން ހަމަޖެހިފައި ވަނީ ސީޒަންގެ "ލޯބިވެވިއްޖެ" ފިލްމެވެ. ސީޒަނާ އެކު ރާއްޖޭގެ މަޝްހޫރު ގިނަ ފަންނާނުންނެއް ފެންނަ އެ ފިލްމުގެ ޓްރެއިލާ ނެރެފައިވާއިރު، ފިލްމު ރިލީޒްކުރަން ހަމަޖެހިފައި ވަނީ އަންނަ މެއި މަހުގެ ތިން ވަނަ ދުވަހު އެވެ.