Roadha Mihaaru

ޕުޝްޕާ 2 އެޅުވި ސިނަމާއެއްގައި ފިތިބާރުވެގެން އެކަކު މަރުވެއްޖެ

"ޕުޝްޕާ 2" ޕްރިމިއާކުރުމަށް ހައިދަރުއާބާދުގެ ސިނަމާއެއްގައި ބޭއްވި އިވެންޓެއްގައި ގިނަ ބަޔަކު ފިތިބާރުވެގެން އެކަކު މަރުވެއްޖެ އެވެ.

ޕުޝްޕާ އެޅުވި ސިނަމާއެއްގައި ފިތިބާރުވެގެން އެކަކު މަރު

"ޕުޝްޕާ 2" ޕްރިމިއާކުރުމަށް ހައިދަރުއާބާދުގެ ސިނަމާއެއްގައި ބޭއްވި އިވެންޓެއްގައި ގިނަ ބަޔަކު ފިތިބާރުވެގެން އެކަކު މަރުވެއްޖެ އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، އެ ފިލްމުގެ ލީޑު އެކްޓަރު އައްލޫ އަރްޖުން ވެސް ބައިވެރިވި އެ އިވެންޓު ބޭއްވީ މިދިޔަ ބުދަ ދުވަހުގެ ރޭ ހައިދަރުއާބާދުގެ ސަންދިޔާ ތިއޭޓަރުގަ އެވެ. އެ ފިލްމު ބަލަން ދިޔަ މީހުންނާއި އައްލޫ އަރްޖުން ދެކިލަން ސިމަނާ ކައިރިއަށް އެއްވި މީހުންނާ އެކު، އެ ސަރަހައްދު އޮތީ ފުރި ބާރުވެފަ އެވެ.

އެ ހާދިސާގައި މަރުވީ ކުޑަކުއްޖަކު ގޮވައިގެން ފިލްމު ބަލަން ދިޔަ އަންހެނެކެވެ. އޭނާގެ ދަރިފުޅަށް ވެސް އަނިޔާވި އެވެ.

ހައިދަރުއާބާދުގެ ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ އެ ހާދިސާ ހިނގަން މެދުވެރިވި މައިގަނޑު ސަބަބަކީ، އެތަނަށް ގިނަ ބަޔަކު އެއްވާނެ ކަން އެނގިހުރެ، އެ ސަރަހައްދުގެ ސެކިއުރިޓީ ރަނގަޅަށް ބަލަހައްޓަން ސިނަމާ ހިންގާ ފަރާތުން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާތީ ކަމަށެވެ. އަދި ސިނަމާއަށް ވަދެ، ނުކުތުމުގެ އިންތިޒާމު ވެސް އެންމެ ރަނގަޅަށް ހަމަޖައްސާފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި، އެ އަންހެން މީހާ މަރުވީ އައްލޫ އަރްޖުން ސިނަމާއަށް އައި ވަގުތާ ދިމާކޮށް، އެ ސަރަހައްދަށް އެއްވެ ތިބި މީހުން ސިނަމާގެ ތެރެއަށް ވަންނަން އުޅުމާ އެކު، އެކްޓަރުގެ ސެކިއުރިޓީ ގާޑުން މީހުން ފަހަތަށް ޖައްސަން ފެށުމުން އެންމެންގެ ތެރޭގައި ފިތިގެން، ނޭވާ ހާސްވެގެންނެވެ.

އުމުރުން 35 އަހަރުގެ އެ އަންހެން މީހާ މަރުވީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެނިކޮށެވެ. އޭނާގެ 13 އަހަރުގެ ދަރިފުޅަށް އަދިވެސް އަންނަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.

އައްލޫ އަރްޖުން އާއި ރަޝްމިކާ މަންދަނާ ލީޑު ރޯލު ކުޅޭ "ޕުޝްޕާ 2" އަށް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ. އަދި، އެ ފިލްމަކީ އިންޑިއާގެ މި އަހަރުގެ އެންމެ ކާމިޔާބު ފިލްމަށް ވާނެ ކަމަށް މީޑިއާތަކުން ވަނީ ލަފާކޮށްފަ އެވެ.