Roadha Mihaaru
ކްރިމިނަލް ކޯޓަށް ދިން އިމާރާތް އެހެން ބަޔަކަށް ނުދޭ

ކްރިމިނަލް ކޯޓު ހިންގަން ހުޅުމާލެ އިން ދިން އިމާރާތް ޑިޒާސްޓާއަކަށް ނުދޭ: އެޗްޑީސީ

07 މާޗް 2023

ކްރިމިނަލް ކޯޓު ހިންގުމަށް ހުޅުމާލެ އިން ވަގުތީ ގޮތުން ދީފައިވާ، ކުރީގެ ކޮވިޑް ފެސިލިޓީ އިމާރާތް މީގެ ކުރިން އެހެން ބަޔަކަށް ދޫކޮށްފައި ނުވާނެ ކަމަށް އެޗްޑީސީން މިއަދު ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ކްރިމިނަލް ކޯޓު ހިންގުމަށް ހުޅުމާލެ އިން ވަގުތީ ގޮތުން ދީފައިވާ، ކުރީގެ ކޮވިޑް ފެސިލިޓީ އިމާރާތް މީގެ ކުރިން އެހެން ބަޔަކަށް ދޫކޮށްފައި ނުވާނެ ކަމަށް އެޗްޑީސީން މިއަދު ބުނެފި އެވެ.

އެޗްޑީސީން އެހެން ބުނީ، ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)ގެ އޮފީސް ހިންގުމަށް އެ އިމާރާތް ހަވާލުކުރަން ސަރުކާރުން ނިންމާފައިވާ ކަމަށް އެ އޮތޯރިޓީން ބުނެފައި ވަނިކޮށެވެ.

އެޗްޑީސީން ބުނީ ޑިޒާސްޓާއަށް، ރަސްމީކޮށް ހުޅުމާލެއިން އަދި އެއްވެސް ބިމެއް ހަމަޖައްސައި ނުދޭ ކަމަށެވެ. ނަމަވެސް ޑިޒާސްޓާއަށް ދިމާވެފައި މައްސަލައަށް ހައްލެއް ހޯދައިދިނުމަށް، އެ އޮތޯރިޓީ އާއި އެޗްޑީސީ އަދި ސަރުކާރުން ގުޅިގެން މަޝްވަރާކުރަމުން އަންނަ ކަމަށެވެ. އަދި އެކަމަށް ހައްލެއް ހޯދައިދޭނެ ކަމަށް ވެސް ބުންޏެވެ.

އެޗްޑީސީގެ ޕަބްލިކް ރިލޭޝަން މެނޭޖަރު އަހްމަދު މިމްރާހު "މިހާރު" އަށް ވިދާޅުވި ގޮތުގައި، ކޮވިޑް ފެސިލިޓީ އެންމެ ފަހުން ބޭނުންކުރީ މާލެ ނީލަން ފިހާރަ ސަރަހައްދުގައި ހިނގި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު ބިދޭސީންނަށް ވަގުތީ ބޯހިޔާވަހިކަން ދިނުމަށެވެ. މިހާރު އެ އިމާރާތް ދީފައި ވަނީ ވަގުތީ ގޮތުން ކްރިމިނަލް ކޯޓު ހިންގުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ކްރިމިނަލް ކޯޓު ވަގުތީ ގޮތުން ހިންގުމަށް ދޫކޮށްފައިވާ ހުޅުމާލެ ކޮވިޑް ފެސިލިޓީ އިމާރާތުގެ އެތެރެ -- ފޮޓޯ: ނިޝާން އަލީ | މިހާރު

ކްރިމިނަލް ކޯޓު ވަގުތީ ގޮތުން ހިންގުމަށް ދޫކޮށްފައިވާ ހުޅުމާލެ ކޮވިޑް ފެސިލިޓީ އިމާރާތުގެ އެތެރެ -- ފޮޓޯ: ނިޝާން އަލީ | މިހާރު

"ކްރިމިނަލް ކޯޓަށް އެ ތަން ދިނީ ވަގުތީ ގޮތުން. އެއީ ގާތްގަނޑަކަށް ދޮޅު އަހަރަށް،" މިމްރާހް ވިދާޅުވި އެވެ.

ކޮވިޑް ފެސިލިޓީ ހަދާފައި ހުރީ ޓްރީޓޮޕް ހޮސްޕިޓަލުގެ ކުރިމަތީގައި އޮންނަ ބިމެއްގަ އެވެ.

ޑިޒާސްޓާއިން މިދިޔަ އަހަރުގެ ޑިސެމްބަރުގައި ބުނެފައި ވަނީ ހުޅުމާލޭގައި ކޮވިޑް ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރި އިމާރާތް އެ އޮތޯރިޓީގެ އޮފީސް ހިންގުމަށް ދޭން ނިންމައި އެތަން އެޗްޑީސީން ވަރަށް އަވަހަށް ހަވާލުކުރާނެ ކަން ސަރުކާރުން އަންގާފައިވާ ކަމަށެވެ.

ސުނާމީ ކާރިސާއަށް ފަހު 2004 ގައި އުފެއްދި އެންޑީއެމްއޭގެ އޮފީސް މިހާރު ހިންގަނީ މާލޭގައި ހުންނަ ރިހިޖެހި ކޮށީގަ އެވެ. އޭގެ ކުރިން، އެ އިދާރާގެ މަސައްކަތްތައް ކުރިއަށް ގެންދިޔައީ މާލޭގެ އެކި ސްކޫލުތަކާއި ސޯޝަލް ސެންޓަރާއި ދަރުބާރުގެ އާއި ސިވިލް ސާވިސް ކޮމިޝަންގެ އިމާރާތުގަ އެވެ.

ޑިޒާސްޓާގެ އިމަޖެންސީ އޮޕަރޭޝަން ސެންޓަރެއް ހެދުމަށް ވޯލްޑް ބޭންކުން ވަނީ ފަންޑު ވެސް ހަމަޖައްސައި ދީފަ އެވެ.

މާލޭގައި ކްރިމިނަލް ކޯޓު މިހާރު ހިންގަމުން އަންނަ އިމާރާތް ބާވުމުގެ ސަބަބުން ބޭނުންކުރުން ރައްކާތެރި ނޫން ކަމަށް ނިންމައި، އެ ތަނުގައި ކުރަމުން އަންނަ މަސައްކަތްތައް ވަނީ ހުއްޓާލައިފަ އެވެ. އެހެންވެ، އެ ކޯޓުގެ މަސައްކަތްތައް ކުރުމަށް ހުޅުމާލޭގެ ކޮވިޑް ފެސިލިޓީ އެޗްޑީސީން ވަނީ ހަމަޖައްސައި ދީފަ އެވެ. އެތަނަށް އެއްޗެހި ބަދަލުކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.