Roadha Mihaaru
ލެކްޗަރާއިންގެ މުސާރަ 59 ޕަސެންޓަށް ބޮޑުކޮށްފި

ޔުނިވާސިޓީ ލެކްޗަރާއިންގެ މުސާރަ 59 ޕަސެންޓަށް ބޮޑުކޮށްފި

02 މާޗް 2023

ޔުނިވާސިޓީތަކުގައި މަސައްކަތް ކުރާ ލެކްޗަރާއިންގެ މުސާރަ 59 ޕަސެންޓަށް ބޮޑުކުރިކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އިއުލާން ކުރައްވައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ޔުނިވާސިޓީތަކުގައި މަސައްކަތް ކުރާ ލެކްޗަރާއިންގެ މުސާރަ 59 ޕަސެންޓަށް ބޮޑުކުރިކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އިއުލާން ކުރައްވައިފި އެވެ.

މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން އެ މަނިކުފާނު ވަނީ ރާއްޖޭގެ ޔުނިވާސިޓީތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް އިއުލާން ކުރައްވައިފަ އެވެ.

ހިރިލަންދޫ ސްކޫލަށް 71 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މިއަދު މި ރަށުގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ، މަތީ ތައުލީމު ދޭ ތަންތަނުގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރައަށް އިއްޔެ އިން ފެށިގެން ހެޔޮ ބަދަލެއް ގެނެސްފައިވާ ކަމަށެވެ.

ގައުމީ ޔުނިވާސިޓީ އާއި އިސްލާމިކް ޔުނިވާސިޓީ އަދި ޕޮލިޓެކްނިކްގައި މަސައްކަތް ކުރާ މީހުންނަށް އަންނަ މަހުން ފެށިގެން ލިބޭނީ ބޮޑު މުސާރަ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި ގޮތުގައި، ގައުމީ ޔުނިވާސިޓީގެ ލެކްޗަރާއަކަށް ކުރިން ލިބެމުން އައީ 18،880ރ. އެވެ. އެކަމަކު، އާ ބަދަލާއެކު މިހާރު ޔުނިވާސިޓީގެ ލެކްޗަރާއަކަށް އިތުރު ވަގުތާ ނުލައި މަހެއްގެ މައްޗަށް 29،900ރ. ލިބޭނެ ކަމަށާއި އެއީ 59 ޕަސެންޓުގެ ކުރިއެރުމެއް ކަމަށް ވިދާޅުވި އެވެ.

ތ. ހިރިލަންދޫ ސްކޫލްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަފުޅު ދައްކަވަނީ--ފޮޓޯ: ރައީސް އޮފީސް

ތ. ހިރިލަންދޫ ސްކޫލްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަފުޅު ދައްކަވަނީ--ފޮޓޯ: ރައީސް އޮފީސް

މީގެ އިތުރުން ސީނިއާ ލެކްޗަރާއަކަށް މިހާރު ލިބެނީ 20،831ރ. ކަމަށާއި މި ބަދަލާއެކު ދެން ލިބޭނީ 34،000ރ. ކަމަށް ރައީސް ވިދާޅުވި އެވެ. އެސިސްޓަންޓް ޕްރޮފެސަރެއްގެ މުސާރަ 23،500 އިން 39،500 އަށް ބޮޑުވެއްޖެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

މަތީ ތައުލީމުގެ މުވައްޒަފުންގެ މުސާރައަށް އަންނަ ބަދަލުތައް:

އެސޯސިއޭޓް ޕްރޮފެސަރެއްގެ މުސާރަ 26،000ރ. އިން 45،000ރ. އަށް

ޑީންއެއްގެ މުސާރަ 30،000ރ. އިން 38،000ރ. އަށް

ރަޖިސްޓްރާގެ މުސާރަ 32،000ރ. - 42،000ރ. އަށް

ވައިސް ޗާންސަލާގެ މުސާރަ 39،000ރ. އިން 48،000ރ. އަށް

ރައީސް ވިދާޅުވީ ސަރުކާރުން ގެންނަ މި ބަދަލާއެކު ޖުމުލަ 767 މުއައްޒަފެއްގެ މުސާރައަށް ބަދަލު އަންނާނެ ކަމަށެވެ. އެކަމަށްޓަކައި ދައުލަތުން އަހަރަކު 62 މިލިއަން ރުފިޔާ ހަރަދު ކުރާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އެކަމާ ބެހޭ ތަފުސީލްތައް ކުރިޔަށް އޮތް ދުވަސްތަކުގެ ތެރޭގައި ކަމާ ބެހޭ މިނިސްޓަރުން ހާމަ ކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

މަތީ ތައުލީމު ދޭ ތަންތަނުގައި މަސައްކަތް ކުރާ މީހުންގެ މުސާރަ ބޮޑުކުރަން ސަރުކާރުން ނިންމީ މިދިޔަ އަހަރު ސްކޫލް ޓީޗަރުންގެ މުސާރަ ބޮޑުކުރިއިރު، އެ ބަދަލުގެ ތެރޭގައި ޔުނިވާސިޓީގެ ލެކްޗަރާއިންގެ މުސާރަ ނުހިމެނޭތީ އެ މައްސަލާގައި އެ މީހުން ހިތްހަމަނުޖެހުން ފާޅުކޮށްފައި ވަނިކޮށެވެ.