Roadha Mihaaru
ހައްޖަށް މީހުން ގެންދަން ޕްރޮޕޯސަލް ހުށަޅަން އެދެފި

ހައްޖަށް މީހުން ގެންދިއުމަށް ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލައިފި

28 ފެބުރުއަރީ 2023

ރާއްޖެއިން މި އަހަރު ހައްޖަށް މީހުން ގެންދިއުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލަށް ހުށަހަޅަން މިއަދު ފުރުސަތު ހުޅުވާލައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖެއިން މި އަހަރު ހައްޖަށް މީހުން ގެންދިއުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލަށް ހުށަހަޅަން މިއަދު ފުރުސަތު ހުޅުވާލައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ ހައްޖަށް މީހުން ގެންދިއުމަށް މިދިޔަ އަހަރުގެ މެއި ގައި ގެޒެޓުކުރި، ހައްޖަށް މީހުން ގެންދިއުމާ ބެހޭ އުސޫލުގައިވާ ޝަރުތު ހަމަވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅޭނެ ކަމަށެވެ.

ޕްރޮޕޯސަލް ހުށަހަޅާ ކުންފުނިތަކުން އަންނަ މަހުގެ 13 ގެ މެންދުރު 12:00 ގެ ކުރިން ފީގެ ގޮތުގައި 10،000ރ. ދައްކަންޖެހެ އެވެ. އެއަށް ފަހު، ޕްރޮޕޯސަލް ހުށަހަޅަން ހަމަޖައްސާފައިވަނީ ޖެހިގެން އަންނަ ދުވަހުގެ ހެނދުނު 10:00 ގަ އެވެ.

ހައްޖަށް ގެންދަން އަމިއްލަ ކުންފުނިތަކަށް ހުޅުވާލިއިރު، މި އަހަރު ރާއްޖެއިން ހައްޖަށް ގެންދަން ސައުދީން ދީފައިވަނީ 1،000 މީހުންގެ ކޯޓާ އެކެވެ. ނަމަވެސް، އެ އަދަދު އިތުރުކުރަން މަޝްވަރާކުރަމުން އަންނަ ކަމަށް މިނިސްޓްރީން ބުންޏެވެ.

މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމުގެ ކަންތައް ކުރިއަށް ގެންދަން ހަމަޖައްސާފައިވަނީ، ކޮވިޑް-19 ގެ ބަލިމަޑުކަން ފެށުމުގެ ކުރިން އޮތް އާންމު އުސޫލުންނެވެ.

ހައްޖުގެ އަޅުކަމުގައި މިދިޔަ އަހަރު ޖުމްލަ 899،533 މީހުން ބައިވެރިވި އެވެ. ރާއްޖެއަށް ލިބުނީ 453 ކޯޓާ އެވެ. އެ ހުރިހާ ޖާގައެއް ވެސް އެ ފަހަރު ދިނީ ހައްޖު ކޯޕަރޭޝަނަށެވެ.