Roadha Mihaaru
ރާނީގެ އާ ފިލްމުން ރޮއްވާލާނެ!

ރާނީގެ އާ ފިލްމުން ރޮއްވާލާނެ!

26 ފެބުރުއަރީ 2023

ބޮލީވުޑްގެ ބަތަލާ، ރާނީ މުކަރްޖީ ސިނަމާގެ ސްކްރީނަށް އެނބުރި އަންނަ ފިލްމަކީ، ގިނަ ބަޔަކު ރޮއްވާލާނެ ފިލްމަކަށް ވާނެ ކަމަށް ގިނަ ބަޔަކު ބުނަން ފަށައިފި އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

ބޮލީވުޑްގެ ބަތަލާ، ރާނީ މުކަރްޖީ ސިނަމާގެ ސްކްރީނަށް އެނބުރި އަންނަ ފިލްމަކީ، ގިނަ ބަޔަކު ރޮއްވާލާނެ ފިލްމަކަށް ވާނެ ކަމަށް ގިނަ ބަޔަކު ބުނަން ފަށައިފި އެވެ.

ރާނީގެ އާ ފިލްމު "މިސަސް ޗެޓަޖީ ވާސަސް ނޯވޭ" ފިލްމުގެ ޓްރެއިލާ މިހާރު ވަނީ ނެރެފަ އެވެ. އެ ފިލްމަކީ، 2011 ވަނަ އަހަރު ނޯވޭގައި ދިރިއުޅުނު އިންޑިއާގެ ދެމަފިރިއަކަށް ދިމާވި ހަގީގީ ހާދިސާއަކަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. އެ ހާދިސާއަކީ، އޭރު މުޅި ދުނިޔެ ސިއްސުވާލި ހިތާމަވެރި ހާދިސާއެކެވެ.

އެ ފިލްމުގައި ކިޔައިދެނީ ނޯވޭ އަށް ދިރިއުޅުން ބަދަލުކުރި އެ ދެމަފިރިންގެ އެއް އަހަރުގެ ކުއްޖަކާ ތިން އަހަރުގެ ކުއްޖާ، އުޅޭ މާހައުލާއި، މައިންބަފައިން އެ ކުދިންނާ މެދު ކަންކުރާ ގޮތް ގޯސް ކަމަށް ބުނެ ނޯވޭގެ ސަރުކާރުގެ ބެލުމުގެ ދަށަށް ގެންދާ ހިސާބުން، ދަރިންތައް ހޯދުމަށް އެ ދެމަފިރިން ކުރާ މަސައްކަތުގެ ވާހަކަ އެވެ.

"މިސަސް ޗެޓަޖީ ވާސަސް ނޯވޭ" ފިލްމު ޓްރެއިލާގެ މަންޒަރެއް

"މިސަސް ޗެޓަޖީ ވާސަސް ނޯވޭ" ފިލްމު ޓްރެއިލާގެ މަންޒަރެއް

ނޯވޭ ސަރުކާރުން އޭރު ގަބޫލުކުރީ، މަންމަ ދަރިފުޅަށް އަތުން ކާންދޭތީ، އެއީ ގަދަ ކަމުން ކާން ދެނީ ކަމަށެވެ. އަދި ބައްޕައާ އެކު އެއް އެނދެއްގައި ދަރިފުޅު ނިންދަވާތީ އެ މައްސަލަ ވެސް ނެގި އެވެ.

އެ ދެ ދަރިން ހޯދަން ކޯޓުގައި ނޯވޭ ސަރުކާރާއި، ފޯސްޓަ ކެއާއާ ދެކޮޅަށް ދައުވާ ކުރާ، ހިތް ފަޅައިގެން ގޮސްފައިވާ މަންމަގެ ރޯލު، ރާނީ ގެނެސްދެނީ ވަރަށް ފުރިހަމައަށެވެ. ފިލްމުގެ ޓްރެއިލާ ބަލާފައިވާ ގިނަ ބަޔަކު ބުނަނީ އެވަރުން ވެސް ހިތްތައް ފަޅައިގެން ދާވަރުވާ ކަމަށެވެ.

"މިސަސް ޗެޓަޖީ ވާސަސް ނޯވޭ" ފިލްމު ޓްރެއިލާގެ މަންޒަރެއް؛

"މިސަސް ޗެޓަޖީ ވާސަސް ނޯވޭ" ފިލްމު ޓްރެއިލާގެ މަންޒަރެއް؛

މަޝްހޫރު އެކްޓްރެސް، އާލިއާ ބަޓް ބުނި ގޮތުގައި، އެ ޓްރެއިލާ ވަރަށް އަސަރުގަދަ އެވެ.

ބޮލީވުޑްގެ ބަތަލާ، ސޯނަމް ކަޕޫރު ވެސް ޓްރެއިލާ ބެލުމަށް ފަހު ރާނީ އަށް އަންނަނީ ހުއްޓުމެއް ނެތް ތައުރީފް ކުރަމުންނެވެ.

"އެކަކުވެސް، ހަމަ އެކަކުވެސް ރާނީ މުކަރްޖީ އަށް ވުރެއް މޮޅެއް ނޫން،" ސޯނަމްގެ އިންސްޓަގްރާމް ސްޓޯރީގައި ބުނެފައިވެ އެވެ.

އޭގެ އިތުރުން، ބޮލީވުޑްގެ ފާހަގަކޮށްލެވޭ ގިނަ ފަންނާނުން އަންނަނީ، ޓްރެއިލާ ޝެއާކޮށް، ރާނީގެ އެކްޓިން އާއި، އެ ވާހަކައިގެ ރީތިކަން ބަޔާންކޮށް، ފިލްމު ބަލާލަން ކެތްމަދުވެފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ޕޯސްޓުކުރަމުންނެވެ.

ޒީ ސްޓޫޑިއޯސް، އަދި އެމޭ އެންޓަޓައިންމެންޓްސް ގުޅިގެން އުފައްދާ، އާޝިމާ ޗިއްބަރް ޑައިރެކްޓުކޮށްފައިވާ އެ ފިލްމު، ސިނަމާތަކުގައި އަޅުވަން ހަމަޖެހިފައިވަނީ އަންނަ މަހުގެ 17 ވަނަ ދުވަހު އެވެ.