Roadha Mihaaru
ޖިމީ ކާޓަރު ފަރުވާ ހޯއްދަވާނީ އަމިއްލަ ގެކޮޅުގައި

ޖިމީ ކާޓަރު ފަރުވާ ހޯއްދަވާނީ އަމިއްލަ ގެކޮޅުގައި

20 ފެބުރުއަރީ 2023

އެމެރިކާގެ ކުރީގެ ރައީސް ޖިމީ ކާޓަރު، ހޮސްޕިޓަލުގައި ފަރުވާ ހޯއްދެވުން ހުއްޓަވާލައްވައި މީގެ ފަހުން ބޭނުންވާ ފަރުވާއެއް ހޯއްދަވާނީ، ޖޯޖިއާގައި ހުންނަ އަމިއްލަ ގެކޮޅުގައި ކަމަށް، އޭނާގެ ކާޓާ ސެންޓަރުން އިއްޔެ ބުނެފި އެވެ.

އެމެރިކާގެ ކުރީގެ ރައީސް ޖިމީ ކާޓަރު، ހޮސްޕިޓަލުގައި ފަރުވާ ހޯއްދެވުން ހުއްޓަވާލައްވައި މީގެ ފަހުން ބޭނުންވާ ފަރުވާއެއް ހޯއްދަވާނީ، ޖޯޖިއާގައި ހުންނަ އަމިއްލަ ގެކޮޅުގައި ކަމަށް، އޭނާގެ ކާޓާ ސެންޓަރުން އިއްޔެ ބުނެފި އެވެ.

ހޮސްޕިޓަލުގައި ފަރުވާ ހޯއްދެވުން ހުއްޓަވާލައްވައި، އުމުރުގެ ބާކީ އޮތް ބައި ދެން ހޭދަ ކުރައްވާނީ އަމިއްލަ ގެކޮޅުގައި ކަމަށް، ރައީސް ކާޓަރު މި ނިންމެވީ ކީއްވެގެން ކަމެއް އެ ސެންޓަރުން ނުބުނެ އެވެ. ނަމަވެސް ތަފާތު ސިއްހީ މައްސަލަތަކާ ގުޅިގެން ދޭތެރެ ދޭތެރެއިން ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވާތާ އަހަރުތަކެއް ވެއްޖެ އެވެ.

"ރައީސް ކާޓަރަށް އޭނާގެ އާއިލާ އާއި ސިއްހީ އެހީތެރިންގެ ޓީމުގެ ފުރިހަމަ އެހީތެރިކަން އަންނަނީ ލިބެމުން. މި ދުވަސްކޮޅުގައި ކާޓަރުގެ އާއިލާ އިން އެދެނީ ވަރަށް ފުރިހަމަ ޒާތީ މިނިވަންކަން. އަދި ކާޓަރަށް ހެޔޮ އެދޭ ބޭފުޅުން ފޮނުވާ ހެޔޮއެދުންތަކަށް އޭނާ ވަރަށް ބޮޑަށް ޝުކުރުވެރިވެވަޑައިގަންނަވާ،" ކާޓަރު ސެންޓަރުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ދިގު މުއްދަތަށް ބޭސްކުރަންޖެހޭ ފަދަ ބަލިތައް ތަހައްމަލުކުރާ މީހުން ހޮސްޕިޓަލުގެ ފަރުވާ ދޫކޮށްލައި، އުމުރުގެ ފަހު ދުވަސްތައް އަމިއްލަ ގޭގައި ހޭދަކުރަން ނިންމުމަކީ އެމެރިކާ ފަދަ ގައުމުތަކުގައި އާންމުކޮށް ކޮށް އުޅޭ ކަމެކެވެ. އެއީ ބަލި ހާލަތުގެ ގޮތުން އިތުރު ބޭސްފަރުވާ ކުރަން ބޭނުން ނުވުމުގެ އިތުރުން، އުމުރުގެ ފަހު ދުވަސްކޮޅު ތަންކޮޅެއް ހަމަޖެހިލައިގެން އާއިލާއާ އެކުގައި ހޭދަކޮށްލަން ބޭނުންވާތީ އެވެ.

އެމެރިކާގެ ޖޯޖިއާ އަށް 1924ގައި އުފަންވި ޖިމީ ކާޓަރު އެ ސްޓޭޓްގެ ސެނެޓް މެމްބަރެއްގެ ގޮތުގައި ސިޔާސީ ދާއިރާ އަށް ވަދެވަޑައިގަތީ 1960ގެ އަހަރުތަކުގަ އެވެ. އޭގެ ފަހުން 1971 ވަނަ އަހަރު އެ ސްޓޭޓްގެ ގަވަރުނަރުގެ މަގާމަށް އިންތިޚާބުވި އެވެ.

އެ މަގާމުގައި ފަސް އަހަރު ހޭދަކުރެއްވުމަށް ފަހު، 1976 ވަނަ އަހަރު އޮތް ރިއާސީ އިންތިޚާބުގައި އޭރުގެ ރައީސް ގެރަލްޑް ފޯޑް ބަލިކުރައްވައި، 1977 ވަނަ އަހަރު އެމެރިކާގެ 39 ވަނަ ރައީސްގެ ހައިސިއްޔަތުން އެ ގައުމުގެ ވެރިކަމާ ހަވާލުވެވަޑައިގަތެވެ. ނަމަވެސް ދެ ވަނަ ދައުރަކަށް ވާދަކުރައްވައިގެން، ރޮނަލްޑް ރޭގަންގެ މައްޗަށް ކުރި ނުހޯއްދެވުމުން، އެއް ދައުރު ފުރިހަމަ ކުރެއްވުމަށް ފަހު 1981 ގައި މަގާމުން ވަކިވެވަޑައިގަންނަވަން ޖެހިވަޑައިގަތެވެ.

އުމުރުން 91 އަހަރުގައި، 2015 ވަނަ އަހަރު ޖިމީ ކާޓަރު ވަނީ އޭނާ އަށް ހަމުގެ ކެންސަރު ޖެހިވަޑައިގެންފައިވާ ކަން އިއުލާން ކުރައްވައިފަ އެވެ. ނަމަވެސް ހޮސްޕިޓަލުގައި ފަރުވާ ހޯއްދެވުމަށް ފަހު، ހަށިކޮޅުން ކެންސަރުގެ އަސަރު ފިލާފައިވާކަމަށް، އެ އަހަރުގެ ޑިސެމްބަރު މަހު އިއުލާން ކުރެއްވި އެވެ.

މިވަގުތު ވަކި ބައްޔަކަށް ފަރުވާ ނުހޯއްދެވި ނަމަވެސް 2019 ވަނަ އަހަރުގެ ތެރޭގައި ގޭ ތެރެއަށް ތިން ފަހަރެއްގެ މަތިން ވެއްޓުމުގެ ސަބަބުން ލިބިވަޑައިގެންނެވި އެކި ޒަޚަމްތަކަށް ހޮސްޕިޓަލުގައި ވަނީ ފަރުވާ ހޯއްދަވައިފަ އެވެ.

ރައީސް ކާޓަރަކީ މިވަގުތު އެމެރިކާގައި ތިބި ކުރީގެ ރައީސުންގެ ތެރެއިން އުމުރުން އެންމެ ދުވަސްވީ ބޭފުޅާ އެވެ. އެމެރިކާގެ ހަފުތާ މަޖައްލާއެއް ކަމަށްވާ ޕީޕަލް އަށް 2019 ވަނަ އަހަރު ދެއްވި އިންޓަވިއުއްގައި ކާޓަރު ވިދާޅުވީ އުމުރުން 90 އަހަރު ވަންދެން ދިރިހުރުމަކީ ވަރަށް ގިނަ އުނދަގޫތައް ކުރިމަތިވާ ކަމެއް ކަމަށެވެ. އެހާ ދިގު އުމުރަކަށް ދިރި ހުންނާނެ ކަމަށް އުންމީދު ނުކުރައްވާ ކަމަށާއި، ނަމަވެސް ދިގު އުމުރަކަށް ދުނިޔޭގައި ހުރުމުގެ ސިއްރަކީ ކާމިޔާބު ޒަވާޖީ ހަޔާތެއް ކަމަށް ރައީސް ކާޓަރު ވިދާޅުވި އެވެ.