Roadha Mihaaru
"އާސިރު ހޯދަން 150 ގަޑިއިރުގެ ފުޓޭޖް ބަލައިފި"

އާސިރު ހޯދަން 150 ގަޑިއިރުގެ ސީސީޓީވީ ފުޓޭޖް ބަލައިފި، އަދިވެސް ނުފެނޭ: ފުލުހުން

16 ފެބުރުއަރީ 2023

މާލެ އިން ގެއްލިގެން ހޯދަމުން އަންނަ މުހައްމަދު އާސިރު އިސްމާއިލް ހޯދަން 150 ގަޑިއިރުގެ ސީސީޓީވީ ފުޓޭޖު މިހާތަނަށް ބަލާފައިވާ ކަމަށާއި އެކަމަކު އަދިވެސް އޭނާ ނުފެންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

މާލެ އިން ގެއްލިގެން ހޯދަމުން އަންނަ މުހައްމަދު އާސިރު އިސްމާއިލް ހޯދަން 150 ގަޑިއިރުގެ ސީސީޓީވީ ފުޓޭޖު މިހާތަނަށް ބަލާފައިވާ ކަމަށާއި އެކަމަކު އަދިވެސް އޭނާ ނުފެންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ސ. މަރަދޫފޭދޫ، ގަސްކަރަ، މުހައްމަދު އާސިރު އިސްމާއިލް، 31 އެންމެ ފަހުން ފެނިފައި ވަނީ މި މަހުގެ ހަތަރު ވަނަ ދުވަހު އެވެ. އޭނާ ގެއްލިގެން އާއިލާ އިން ފުލުހުންނަށް ރިޕޯޓު ކުރީ ފޯނު ނުނަގާތީ އާއި ޖެހިގެން އައި ދުވަހު ވެސް ޚަބަރެއް ނުވުމުންނެވެ.

އެކަމާ ގުޅޭ ގޮތުން ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ވެސް ބުނީ، އާސިރު އެންމެ ފަހުން ފެނުނީ ހުޅުމާލޭގެ ފެރީ ޓާމިނަލް ކައިރިން ހުދު ކުލައިގެ ކާރަކަށް އަރައިގެން ގޮސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ޓާމިނަލަށް ވަދެގެން ދާ މަންޒަރު ކަމަށެވެ.

އޭނާ ހޯދަން މާލޭގެ އެކި ސަރަހައްދުތަކާއި ވީއައިއޭގެ ޓީއެމްއޭގެ ކެމެރާތައް އަދި އެއާޕޯޓް ފެރީ ހުންނަ ސަރަހައްދުގައި ހުރި ހުރިހާ ކެމެރާތަކުން 150 ގަޑިއިރުގެ ފުޓޭޖް މިހާތަނަށް ބަލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އޭނާ އެއާޕޯޓަށް ވަތް ފުޓޭޖް ލިބުން ނަަމަވެސް އެއާޕޯޓަށް ވަންނަ ސަރަހައްދުގައި އިތުރު ކެމެރާއެއް ނެތުމުން ދެން ދިޔަ ހިސާބެއް ދަނެގަނެވިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

ބަޔާނުގައިވާ ގޮތުން އެއާޕޯޓުގެ ފަޅުގައި ހުރި ހުރިހާ ދޯނިތަކާއި ލޯންޗުތައް ބަލައި އެ ސަރަހައްދުގައި އާންމުކޮށް އުޅޭ މީހުންނަށް އާސިރުގެ ފޮޓޯ ދައްކައިގެން ވެސް ފެނުނުތޯ ބަލަން ފުލުހުން ސުވާލުކުރި އެވެ.

އޭނާ މާލެ އިން އެރި ޓެކްސީ ހޯދައި ޑްރައިވަރާ ސުވާލު ކޮށްފައިވާ ކަމަށާއި މާލެ-ހުޅުމާލެ އާއި ވިލިމާލެ އަދި މާފުއްޓާއި އަތޮޅު ތެރޭގެ ގެސްޓް ހައުސްތަކުން ވެސް އޭނާ ހިދުމަތް ހޯދާފައިވޭތޯ ބަލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ނަމަވެސް މިހާތަނަށް ކުރި އެ މަސައްކަތްތައް ނާކާމިޔާބުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

"އާސިރު ނުފެނި ފާއިތުވާ ކޮންމެ ދުވަހަކީ ދިވެހި ފުލުހުންގެ ހިދުމަތުން ނުހަނު ކަންބޮޑުވާ ދުވަހެއް. އާސިރު ހޯދުމުގެ މަސައްކަތް ހުއްޓުމެއް ނެތި ދަނީ ކުރަމުން،" ފުލުހުންގެ ބަޔާނުގައި ވެ އެވެ.

އާއިލާ އިން ކުރިން ބުނެފައިވާ ގޮތުގައި ހުޅުމާލޭގައި މަސައްކަތްކުރާ ފިހާރަ އަށް ޑިއުޓީ އަށް ދާން އާސިރު މި މަހުގެ ހަތަރުވަނަ ދުވަހުގެ ރޭ ގެ އިން ނުކުތީ 7:30 ހާއިރެވެ. އޭނާ އަބަދުވެސް ޑިއުޓީ އަށް ދަނީ ސައިކަލުގައި ކަމަށް ވިޔަސް އެ ރޭ ގެއިން ނައްޓާލީ ސައިކަލްގެ ތަޅުދަނޑި ބާއްވާފައި ކަމަށާއި އެއީ ދުވަހަކު ވީ ކަމެއް ނޫން ކަަމަށް އާއިލާ އިން ބުންޏެވެ.

ސިކުނޑީގެ އުނިކަމެއް ހުންނާތީ އާސިރު ބޭސް ބޭނުންކުރި ނަމަވެސް އުޅެނީ "ނޯމަލް" މީހެއްގެ ގޮތުގައި ކަމަށް އާއިލާ އިން ބުންޏެވެ.

އާސިރު ޑިއުޓީ އަށް ދާން އެރޭ ގެއިން ނުކުތްއިރު ލައިގެން ހުރީ ކަޅުކުލައިގެ ގަމީހަކާއި ނޫ ކުލައިގެ ޖިންސެކެވެ.