Roadha Mihaaru
ޑިއުޓީއަށް ދާން ނުކުތް އާސިރަށް ވީގޮތެއް ނޭނގުނު!

އާސިރު ނުކުތީ ޑިއުޓީއަށް ހުޅުމާލެ ދާން، ހަފުތާއެއްވި އިރު ވެސް ވީގޮތެއް ނޭނގުނު!

09 ފެބުރުއަރީ 2023

މިދިޔަ ހޮނިހިރުދުވަހުން ފެށިގެން ގެއްލިގެން ހޯދަމުން އަންނަ ސ. މަރަދޫފޭދޫ، ގަސްކަރަ، މުހައްމަދު އާސިރު އިސްމާއިލްއަށް ވީ ގޮތެއް އަދިވެސް ނޭނގޭ ކަމަށާއި އޭނާ ގެއިން ނުކުތީ ޑިއުޓިއަށް ހުޅުމާލެއަށް ދާން ކަމަށް އާއިލާ އިން މިއަދު ބުނެފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މިދިޔަ ހޮނިހިރުދުވަހުން ފެށިގެން ގެއްލިގެން ހޯދަމުން އަންނަ ސ. މަރަދޫފޭދޫ، ގަސްކަރަ، މުހައްމަދު އާސިރު އިސްމާއިލްއަށް ވީ ގޮތެއް އަދިވެސް ނޭނގޭ ކަމަށާއި އޭނާ ގެއިން ނުކުތީ ޑިއުޓިއަށް ހުޅުމާލެއަށް ދާން ކަމަށް އާއިލާ އިން މިއަދު ބުނެފި އެވެ.

އޭނާ ގެއްލިގެން އާއިލާ އިން ފުލުހުންނަށް ރިޕޯޓްކުރީ ފޯނު ނުނަގާތީ އާއި ޖެހިގެން އައި ދުވަހު ވެސް ހަބަރެއް ނުވުމުންނެވެ.

އާސިރުގެ އާއިލާ އިން ވާހަކަ ދެއްކި މީހަކު މިއަދު ބުނި ގޮތުގައި އޭނާ މަސައްކަތް ކުރަނީ ހުޅުމާލޭގައި އެ އާއިލާ މީހަކު ހިންގާ ފިހާރައެއްގަ އެވެ. އެންމެ ފަހުން ގެއިން ނުކުތީ ޑިއުޓީއަށް ދާން ކަމަށް ބުނެ އެވެ.

ރޭގަނޑު އަށެއް ޖަހާއިރު ހުޅުވާ އެ ފިހާރައަށް ދާން ހޮނިހިރުދުވަހުގެ ރޭ އޭނާ ގެއިން ނުކުތީ 7:30 ހާއިރެވެ.

"އާސިރު ދިރިއުޅެނީ މާލޭގައި، ހުޅުމާލެ އެންމެ ފަހުން ދިޔައީ ޑިއުޓީއަށް،" އާއިލާ އިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

"އަބަދުވެސް ޑިއުޓީއަށް ދަނީ ސައިކަލުގައި. އެކަމު އެ ދުވަހު އޭނަ ނުކުމެގެން ދިޔައިރު ސައިކަލު ތަޅުގަނޑި އެބައޮތް ކޮޓަރީގަ ބާއްވާފައި. އެހެން ނޫނީ ނުވާކަމެއް އެއީ،" އޭނާ ބުންޏެވެ.

އާއިލާ އިން ބުނި ގޮތުގައި އާސިރަކީ ގެއިން ބޭރަށްދާ މީހެއް ނޫނެވެ. ފިހާރަައަށް ދާން ނުކުތަސް އެރޭ އޭނާ ފިހާރައިން ނުފެންނަ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އާއިލާ އިން ބުންޏެވެ.

"ގެއިން ނުކުމެގެންދާތަން ފެނޭ އެ ގޭގެ ކުރިމަތީގަ ހުންނަ ފިހާރާއެއްގެ ކެމެރާއިން. އެއިން ވެސް ފެންނަނީ ވަކި ހިސާބަކަށް. އެއީ ރޯޝަނީ މަގުގެ ވަކި ހިސާބަކަށް. އޭގެން ވެސް ވަކި ކަމެއް ފާހަގައެއް ނުކުރެވޭ. ހަމަ ހިނގާލާފައި ދާތަން ފެންނަނީ. އެ ފަހުން ދެން ނުފެނޭ،" އޭނާ ބުންޏެވެ.

އާސިރުގެ އާއިލާއިން ބުނީ އޭނާ އަކީ ރަނގަޅު ދިރިއުޅުމެއް އުޅެމުން އަންނަ މީހެއް ކަމަށެވެ. މަސްތުވާތަކެތީގެ އެއްވެސް ރެކޯޑެއް މިހާތަނަށް އޭނާގެ ނެތް ކަމަށެވެ.

ސިކުނޑީގެ ބައްޔަކަށް ބޭސްކުރަމުން އަޔަސް އެކަމުގައި މާބޮޑެތި އުނދަގޫތަކެއްގައި އުޅެމުންދާ ކަން ފާހަގަނުވާ ކަމަށް އާއިލާ އިން ބުންޏެވެ.

"ނޯމަލް މީހެއްގެ ދިރިއުޅުމެއް ނޫން އުޅެނީކީ. ކޮންމެވެސް ވަރެއްގެ ކަމެއް ހުރޭ. ސިކުނޑީގެ އުނި ކަމެއް ހުންނާތީ ފަރުވާ ވެސް ކުރޭ. ބޭސް ވެސް ކައި،" އާއިލާ އިން ވާހަކަ ދެއްކި މީހާ ކިޔައިދިނެވެ.

އާސިރު ޑިއުޓީއަށް ދާން އެރޭ ގެއިން ނުކުތްއިރު ލައިގެން ހުރީ ކަޅުކުލައިގެ ގަމީހަކާއި ނޫ ކުލައިގެ ޖިންސެކެވެ.

ފުލުހުން އެދެނީ އާސިރުއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ފުލުހުންގެ ހޮޓްލައިން 332211 އަށް އަންގައިދިނުމަށެވެ.