Roadha Mihaaru
މާލެ އައި މީހަކު ގެއްލިގެން ހޯދާތާ ދެ ހަފުތާ!

މާލެ އައި މީހަކު ގެއްލިގެން ހޯދާތާ ދެ ހަފުތާ، ޚަބަރެއް ނުވާތާ ތިން މަސް!

02 މާޗް 2023

އައްޑޫން މާލެ އައި މީހަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

އައްޑޫން މާލެ އައި މީހަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

ގެއްލިގެން ހޯދަނީ ސ. ހުޅުދޫ، ސަަނީ ލޮޖް، އަލީ އާރިފް 31 އެވެ.

އޭނާގެ ބޭބެ މުހައްމަދު ޝަކީލް "މިހާރު" އަށް މިއަދު ބުނީ، ކަންނެލި ދޯންޏެއްގައި މަސައްކަތް ކުރާ އާރިފް އެންމެ ފަހުން އާއިލާ އަށް ގުޅީ މާލޭގައި ހުރެ، މިދިޔަ އަހަރުގެ ނޮވެމްބަރު 20 ގައި ކަމަށެވެ.

އޭގެ ފަހުން ޝަކީލްގެ ޚަބަރެއް ނުވާ ކަމަށާއި އުޅޭ ތަނެއް ވެސް ނޭނގޭ ކަމަށް ބޭބެ ބުންޏެވެ. އެކަމަކު އޭނާ ގެއްލިގެން ފުލުހުންނަށް ހުށަހެޅީ މީގެ ދެ ހަފުތާ ކުރިންނެވެ.

"އަބަދުވެސް އުޅޭނީ ކަންނެލި ދޯންޏެއްގައި. އެއް ދޯނިން އަނެއް ދޯންޏަށް ވަރަށް އަވަސް އަަވަަހަށް އެހެން ބަދަލުވާނެ. އެކަމަކު އަބަދުވެސް އާއިލާ އަށް ޚަބަރު ވާނެ. ގުޅާނެ،" ޝަކީލް ބުންޏެވެ.

އޭނާ ބުނިގޮތުގައި، އާރީފް މީގެ ކުރިން، މިހާ ގިނަ ދުވަސް ވަންދެން އާއިލާ އަށް ނުގުޅައެއް ނުހުރެ އެވެ.

"މަސްތުވާތަކެތި ބޭނުންކުރާނެ. އަޅުގަނޑަށް ގުޅާނެ ރުފިޔާއެއް ބޭނުން ވެއްޖިއްޔާ. އާންމު ގޮތެއްގައި ގުޅާނެ ހަފްތާއަކު އެއްފަހަރު ކަހަލަ ގޮތަކަށް،" ޝަކީލް ބުންޏެވެ.

ޝަކީލް ބުނީ، އާރިފް މަސައްކަތް ކުރި ކަންނެލި ދޯންޏަށް ގުޅުމަށް ވެސް މަސައްކަތް ކުރި ކަމަށެވެ. އެކަމަކު، އާރިފަކީ އަކީ އެއް ދޯނިން އަނެއް ދޯންޏަށް ވަރަށް އަވަސް އަވަހަަށް ބަދަލުވާ މީހަކަށް ވާތީ އެންމެ ފަހުން އުޅުނީ ކޮން ދޯންޏެއްގައިކަން ނޭނގޭތީ އެކަން ކާމިޔާބު ނުވި ކަމަށެވެ.

"އެއް ދޯނީގައި މަސް ދުވަސް އުޅެލާފައި މުސާރަ ލިބުނީމާ މާލެ އިން ކުއްޔަށް ތަނެއް ހިފައިގެން އުޅެލާފައި، އަނެއްކާ އެހެން ދޯންޏަކަށް އަރާނެ. އެހެން އުޅޭނީ،" އާރިފްގެ ބޭބެ ބުންޏެވެ.

އެ މައްސަލައިގައި ފުލުހުންގެ ބަހެއް ނުލިބެ އެވެ.