Roadha Mihaaru
ނައިބު ރައީސްގެ ނިންމެވުމާ މެދު ޖޭޕީ ހިތްހަމަނުޖެހިއްޖެ

ނައިބު ރައީސްގެ ނިންމެވުމާ މެދު ޖުމްހޫރީ ޕާޓީން ހިތްހަމަނުޖެހިއްޖެ

14 ފެބުރުއަރީ 2023

މި އަހަރުގެ ރިޔާސީ އިންތިހާބުގައި ތާއީދު ކުރައްވާނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކަން ނައިބު ރައީސް ފައިސަލް ނަސީމް އިއުލާން ކުރެއްވުމުން ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން މިއަދު ހިތްހަމަނުޖެހިއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މި އަހަރުގެ ރިޔާސީ އިންތިހާބުގައި ތާއީދު ކުރައްވާނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކަން ނައިބު ރައީސް ފައިސަލް ނަސީމް އިއުލާން ކުރެއްވުމުން ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން މިއަދު ހިތްހަމަނުޖެހިއްޖެ އެވެ.

ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބަށް ޖޭޕީގެ ނިންމުން އިއުލާން ނުކުރަނީސް ނައިބު ރައީސް "މިހާރު" އަށް ދެއްވި ހާއްސަ އިންޓަވިއުގައި ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެ ވަނަ ދައުރެއް ދޭން ޖެހޭ ކަމަށެވެ. އެއީ ގައުމުގެ ހަމަޖެހުމާއި ކުރިއެރުމަށް މުހިންމު ކަމަކަށް ވާތީ އެ މަނިކުފާނުގެ "ޗޮއިސްއަކީ" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށް ވިދާޅުވި އެވެ.

ފައިސަލްގެ އެ ނިންމެވުން އިއުލާން ކުރައްވާފައިވާއިރު، ޖުމްހޫރީ ޕާޓީގައި ހުންނެވި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކުރައްވައި ދައްކަވާ ވާހަކަތަކަށް އިޝާރާތް ކުރައްވައި، އެ ޕާޓީގެ މިއަދުގެ ނިއުސް ކޮންފަރެންސްގައި ނޫސްވެރިއަކު ސުވާލުކުރުމުން ގާސިމްގެ އެޑްވައިޒަރު، އިލްހާމް އަހްމަދު ވިދާޅުވީ އެ ޕާޓީގެ އިސް މަގާމެއްގައި ތިއްބެވި އެ ދެ ބޭފުޅުން ދައްކަވާ އެ ނަމޫނާ ބަލައެއް ނުގަނެވޭ ކަމަށެވެ. ޖޭޕީން ގޮތެއް ނުނިންމަނީސް އެހެން ކެންޑިޑޭޓަކަށް ތާއީދު ކުރައްވާ ނަމަ އެންމެ ރަނގަޅު ގޮތަކީ ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގަތުން ކަމަށް ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ނައިބު ރައީސްކަމަށް ވަޑައިގަތް ފައިސަލަކީ އެ ޕާޓީގެ ކައުންސިލް މެމްބަރެކެވެ. އާޒިމަކީ އެޑްވައިޒަރެކެވެ.

ގާސިމްގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނޭ އިލްހާމް ވިދާޅުވީ، ނައިބު ރައީސް ފައިސަލާއި އެ ޕާޓީގެ ލީޑަރުގެ އެޑްވައިޒަރު އާޒިމް ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ދެ ވަނަ ދައުރަކަށް ތާއީދު ކުރައްވާކަން ނޫސްތަކުގައި ހާމަކުރައްވަމުން ގެންދަވާ ކަަމަށެވެ. އެކަމަކު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަށް އެ ބޭފުޅުންގެ ތާއީދު އޮތް ކަން ހާމަކުރައްވަމުން ގެންދަވަނީ ޖުމްހޫރީ ޕާޓީން އިސްތިއުފާ ނުދެއްވައި ކަަމަށް ވިދާޅުވި އެވެ.

އިލްހާމް ވިދާޅުވި ގޮތުގައި އެ ދެ ބޭފުޅުން ވެސް އެ ވިސްނެވުމުގައި ކުރިއަށް ވަޑައިގަންނަވާ ނަމަ އެންމެ ރަނގަޅު ގޮތަކީ ޖުމްހޫރީ ޕާޓީ ދޫކޮށްލެއްވުމެވެ.

"ސީރިއަސް ކަމެއް އޮތިއްޔާ އަޅުގަނޑު ގަބޫލުކުރާ ހިތް އޮތީ އިސްތިއުފާ ދެއްވަން ޖެހޭނެ، އިސްތިއުފާ ދެއްވާފައި އެކަން ކުރިއްޔާތާ ދެއްތޯ ރީތި ގޮތަކީ. އާއްމު އުސޫލަކީ،" އިލްހާމް ވިދާޅުވި އެވެ.

ރައީސް އާއި ނައިބު ރައީސް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއާ އެކު: ޖޭޕީން ވަކިނުވެ އެހެން ރިޔާސީ ކެންޑިޑޭޓަކަށް ތާއީދުކުރެއްވުމަކީ ނައިބު ރައީސް އަމަލުކުރައްވައިގެން ވާނެ ގޮތެއް ނޫން ކަމަށް އެ ޕާޓީން ބުނޭ.

ރައީސް އާއި ނައިބު ރައީސް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއާ އެކު: ޖޭޕީން ވަކިނުވެ އެހެން ރިޔާސީ ކެންޑިޑޭޓަކަށް ތާއީދުކުރެއްވުމަކީ ނައިބު ރައީސް އަމަލުކުރައްވައިގެން ވާނެ ގޮތެއް ނޫން ކަމަށް އެ ޕާޓީން ބުނޭ.

ނައިބު ރައީސް ފައިސަލް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަރަށް އިތުބާ ރުކުރައްވާ ކަމަށާއި އެ މަނިކުފާނު އެންމެ އިސްކުރައްވާނީ ގައުމު ކަމާއި ރައްޔިތުން ބޭނުންވާ ކަންތައްތައް ކަމާ މެދު ޝައްކު ނުކުރައްވާ ކަމަށެވެ.

"ޖުމްހޫރީ ޕާޓީން ވަކި ކެންޑިޑޭޓަކު ނުކުންނާނެ ކަން އަދި އިއުލާންކޮށްފައެއް ނެތް. އެކަމަކު ރައީސް އެބަ ވާދަކުރައްވާ. އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެން ފަށައި ކުރިއަށް ގެންދާ ކަންކަން އިތުރަށް ރަނގަޅުކޮށް އެކަން ދަމަހައްޓަން އިތުރަށް ފުރުސަތު އޮންނަން ޖެހޭ،" ނައިބު ރައީސް ވިދާޅުވި އެވެ.

ޖޭޕީން މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި އެ ޕާޓީގެ ލީޑަޝިޕްގެ ބައެއް ބޭފުޅުން. (ކވ) ރިޔާޒް ރަޝީދު، އިލްހާމް އަހުމަދު، އަލީ އާރިފް އަދި އަހުމަދު ނިހާން.

ޖޭޕީން މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި އެ ޕާޓީގެ ލީޑަޝިޕްގެ ބައެއް ބޭފުޅުން. (ކވ) ރިޔާޒް ރަޝީދު، އިލްހާމް އަހުމަދު، އަލީ އާރިފް އަދި އަހުމަދު ނިހާން.

"ފަސް އަހަރަކަށް ނޫން, މި ކޯލިޝަން އެކުގައި މަސައްކަތްކޮށް އެބަޖެހޭ ގައުމު ކުރިއަށް ގެންދަން. ހަމަޖެހުން ގާއިމްކޮށްފައި ބާއްވަން, ރައްޔިތުންނަށް ކުރިއެރުމާއި ތަރައްގީ ހޯދައިދޭން. ދެ ވަނަ ދައުރެއްގައި އަދި މާ ގިނަ ކަންކަން ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް.

ނައިބު ރައީސްކަމާ ހަވާލުވެވަޑައިގަތް ފަހުން ޖޭޕީގެ ހަރަކާތްތަކުގައި އަމަލީ ގޮތުން ނޫޅުއްވުނީ، ނައިބު ރައީސް ވިދާޅުވި ގޮތުގައި، ހަވާލުކުރެއްވި ޒިންމާގައި ކުރިއަށް ވަޑައިގަތުމުންނެވެ.

"އަޅުގަނޑު ގަބޫލުކުރަނީ ސަރުކާރުގެ ވައުދުތައް ފުއްދަން ޖެހޭތީ އެ މަގަށް ރައީސުލްޖުމްހޫރިއްޔާގެ މަސައްކަތްތައް ގެންދެވޭނެ ގޮތަށް ހުރިހާ ކަމެއް ފަހިކޮށްދޭން ޖެހެއޭ. އެކަމަށް މަގު ފަހިކުރަން އަޅުގަނޑު ކުރަން ޖެހޭ އެއްވެސް ކަމަކީ ވަކި ގަވާއިދަކާ, އަދި އުސޫލަކާ ހިލާފުވުމެއް ނޫން،" ފައިސަލް ވިދާޅުވި އެވެ. "ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާ އަޅުގަނޑާ ދިމާނުވާނެ އެއްވެސް މައްސަލައެއް. އިހަށް ދުވަހަކު ނޫން އޮނަރަބްލް ގާސިމް އަޅުގަނޑާ އެއްކޮށް މަސައްކަތްކުރަން ފެށީ،" ގާސިމްގެ މުވައްޒަފެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން އުޅުއްވި ފައިސަލް ވިދާޅުވި އެވެ.