Roadha Mihaaru
2021 ގެ އެންމެ ރަނގަޅު ކައުންސިލްތައް ހޮވައިފި

2021 ވަނަ އަހަރުގެ އެންމެ ރަނގަޅު ކައުންސިލްތައް ހޮވައިފި

13 ފެބުރުއަރީ 2023

މިދިޔަ 2021 ވަނަ އަހަރުގެ ލޯކަލް ކައުންސިލް ޕާފޯމަންސް އިންޑެކްސްގެ ނަތީޖާތަކަށް ބަލައި އެންމެ ރަނގަޅު މކައުންސިލްތައް ހޮވައި "ކަންގަތި" އެވޯޑު ދީފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މިދިޔަ 2021 ވަނަ އަހަރުގެ ލޯކަލް ކައުންސިލް ޕާފޯމަންސް އިންޑެކްސްގެ ނަތީޖާތަކަށް ބަލައި އެންމެ ރަނގަޅު މކައުންސިލްތައް ހޮވައި "ކަންގަތި" އެވޯޑު ދީފި އެވެ.

މި އެވޯޑަކީ ކައުންސިލްތަކުން ކުރާ މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ލޯކަލް ގަވަމެންޓު އޮތޯރިޓީ (އެލްޖީއޭ) އިން ދޭ އެވޯޑެކެވެ. ނަތީޖާ އިއުލާންކޮށްފައި ވަނީ މިއަދު އެލްޖީއޭ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.

ކަންގަތި އެވޯޑް ދެނީ ކައުންސިލްތަކުގެ މަސައްކަތްތަކާ ބެހޭގޮތުން ކައުންސިލްތަކުން ހުށަހެޅި ހެކިތަކުގެ މައްޗަށް ބިނާކޮށެވެ. މި އެވޯޑް ދިނުމަށް ކައުންސިލްތައް ހަތަރު ބަޔަކަށް ރޭންކް ކޮށްފައިވެ އެވެ. އެއީ އަތޮޅު ކައުންސިލްތަކުގެ ނަތީޖާތަކަށް ބަލައި ދެވޭ ގަދަހަމާންތި ދަރަޖަ އާއި ރަށު ކައުންސިލްތަކުގެ ނަތީޖާތަކަށް ބަލައި ދެވޭ ރަނަހަމާންތި ދަރަޖަ އާއި ސަބް އިންޑެކްތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ރަށް އަދި އަތޮޅު ކައުންސިލަށްދޭ އމާރަދަ ހަނދާނީ ފިލާގެ އިތުރުން ފާއިތުވެދިޔަ އަހަރުގެ ނަތީޖާއާ އަޅާ ބަލާއިރު، އެންމެ ބޮޑު ކުރިއެރުން ހޯދި އަތޮޅު އަދި ރަށު ކައުންސިލަށްދޭ ކާންނަ ހަނދާނީ ފިލާ އެވެ.

އެގޮތުން 2021 ވަނަ އަހަރު ގަދަހަމާންތި ދަރަޖަ ހޯދާފައިވާ އަތޮޅު ކައުންސިލްތަކަކީ:

1- ށ. އަތޮޅު ކައުންސިލް

2- ފ. އަތޮޅު ކައުންސިލް

3- ލ. އަތޮޅު ކައުންސިލް

ރަނަހަމާންތި ދަރަޖަ ހޯދާފައިވާ ރަށު ކައުންސިލްތަކަކީ:

1- ބޮޑުފުޅަދޫ ކައުންސިލް

2- ފެހެންދޫ ކައުންސިލް

3- ތުރާކުނު ކައުންސިލް

ސަބް އިންޑެކްސްގެ ބައި ޖުމްލަ ފަސް ބަޔަކަށް ބެހެ އެވެ. އެއީ އިފެކްޓިވް އިންޑެކްސް އާއި ޕާޓިސިޕޭޝަން އިންޑެކްސް އާއި ސެކިއުރިޓީ އިންޑެކްސް އެވެ.

ސަބް އިންޑެކްސްގެ ބައިން އެންމެ މަތީ ދަރަޖަ ހާސިލްކޮށްފައިވާ އަތޮޅު ކައުންސިލް ލިބިފައި ވަނީ ތިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލަށެވެ. އެ ބައިން އެންމެ ރަނގަޅު ރަށަކަށް ހޮވިފައި ވަނީ ކުރެންދޫ ކައުންސިލެވެ.

އިފެކްޓިވް އިންޑެކްސްގެ ބައިން އެންމެ މަތީ ދަރަޖަ ހޯދާފައި ވަނީ ވެސް މިލަދުންމަޑުލު އުތުރުބުރީ ކައުންސިލެވެ. އެބައިން އެންމެ މަތި ހޯދާފައި ވަނީ ފެހެންދޫ ކައުންސިލެވެ. ޕާޓިސިޕޭޝަން އިންޑެކްސްގެ ބައިން އެންމެ މަތީ ދަރަޖަ ހޯދާފައި ވަނީ ނިލަންދި އަތޮޅު އުތުރުބުރީ ކައުންސިލެވެ. އަދި އެ ބައިން އެންމެ މަތި ހޯދާފައިވާ ރަށު ކައުންސިލަކީ ބޮޑުފޮޅުދޫ އެވެ.

ސެކިއުރިޓީ އިންޑެކްސްގެ ބައިން އެންމެ މަތި ހޯދާފައިވާ އަތޮޅަކީ މިލަދުންމަޑުލު ދެކުނުބުރީ ކައުންސިލެވެ. ރަށަކީ ހުޅުދުއްފާރު ކައުންސިލެވެ.

ކުޜިއަހަރުގެ ނާތީޖާއާ އަޅާ ބަލާއިރު އެންމެ ބޮޑު ކުރިއެރުމެއް ހޯދައިގެން ކާންނާ ހަނދާނީ ފިލާ ހާސިލްކޮށްފައިވާ އަތޮޅު ކައުންސިލަކީ މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލެވެ. އަދި މިބައިން ހޮވިފައިވާ ރަށަކީ ކަމަދޫ ކައުންސިލެވެ.

މިއަދު އެ އެވޯޑު ލިބޭ ރަށްތަކާއި އަތޮޅު ކައުންސިލްތައް އިއުލާން ކޮށްފައިވާއިރު އެވޯޑް ދިނުމުގެ ހަފްލާ ބާއްވާނެ ދުވަހެއް ފަހުން އިއުލާން ކުރާނެ ކަމަށް އެލްޖީއޭން ބުންޏެވެ.