Roadha Mihaaru
ޖެއްސުމަށް ވެސް ޖޭއެސްސީން ސުވާލުކުރޭ: ސުއޫދު

ޖެއްސުމަށް ވެސް ޖޭއެސްސީން ސުވާލުކުރޭ: ސުއޫދު

11 ފެބުރުއަރީ 2023

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފަނޑިޔާރުންގެ މައްސަލަތައް ބަލާއިރު ޖެއްސުމަށް ވެސް ސުވާލުކުރާ ކަމަށް ވިދާޅުވެ ފަނޑިޔާރުންގެ ޖަމިއްޔާގެ ރައީސް އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފަނޑިޔާރުންގެ މައްސަލަތައް ބަލާއިރު ޖެއްސުމަށް ވެސް ސުވާލުކުރާ ކަމަށް ވިދާޅުވެ ފަނޑިޔާރުންގެ ޖަމިއްޔާގެ ރައީސް އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ފަނޑިޔާރުންގެ ޖަމިއްޔާގެ އަހަރީ ޖަލްސާގައި ރޭ ވާހަކަ ދައްކަވަމުން ސުއޫދު ވިދާޅުވީ ޖޭއެސްސީން ފަނޑިޔާރުންގެ މައްސަލަތައް ބަލާއިރު ވަކި އުސޫލުތަކެއް ހިފަހައްޓަންޖެހޭނެ ކަމަށެވެ. އެކަމަކު މިހާރު ބައެއް މީހުންނާ ސުވާލު ކުރުމުގައި ޖެއްސުންކުރާ ރާގަށް ސުވާލުތައް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސުލޫކީ މައްސަލައެއް ބަލަން ބަޔަކު ގެންގޮސްފައި، އެ ފަނޑިޔާރުންގެ މުވައްޒަފު ކައިރީގައި ބުނީ ކަލޭމެންނަށް ބާކީވި އެތިކޮޅު ވެސް ނުދީ ހެއްޔޭ ކާލީ. އެ ދުވަހު ކީއްވެހެއްޔޭ ކުކުޅު ނުގެނައީ؟ ކީއްވެ ހެެއްޔޭ ބީފް ނުގެނައީ،" ސުއޫދު ވިދާޅުވި އެވެ.

"މިއީ ޖެއްސުމަށް ސުވާލު ކުރުން. އެހެންވީމާ އަޅުގަނޑުމެންނަށް މަލާމާތްކުރާ ގޮތަކަށް، ޖެއްސުން ކުރާ ގޮތަކަށް ފުރައްސާރަކުރާ ގޮތަކަށް ސުވާލު ކުރެވިގެން ނުވާނެ." ކުރިން ބަންޑާރަ ނައިބު ކަމާއި ޖޭއެސްސީގެ މެމްބަރުކަން ވެސް ކުރެއްވި ސުއޫދު ވިދާޅުވި އެވެ.

ސުއޫދު އެ އިޝާރާތް ކުރެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރާ ގުޅޭގޮތުން އެ ކޮމިޝަނުން ބަލާ މައްސަލައަށެވެ. އޭނާއާ ގުޅޭގޮތުން ބަލަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރަން ސުޕްރީމް ކޯޓުގައި އޭނާ ރިޔާސަތު ބެލެހެއްޓެވި ބެންޗަކުން ހުކުމްކުރި ދުވަހުގެ މެންދުރު ފަރިއްކުޅުވަން ގެނައި ތަކެއްޗަކީ ޔާމީން މިނިވަންވުމުގެ އުފަލުގައި ބޭއްވި ފަރިއްކޮޅެއް ކަމަށް ތުހުމަތުކޮށްފަ އެވެ.

ސުއޫދު ވިދާޅުވި ގޮތުގައި ކޯޓުތަކުގެ ހުކުމްތަކާ މެދު ޖޭއެސްސީއަށް ބަސް ބުނެވިގެންނެއް ނުވާނެ އެވެ. އެކަމަކު ވެރިކަން ބަދަލުވުމާ އެކު ސުލޫކީ މައްސަލަ ބަލަން ފެށުމާއި ވަޒީފާ ގެއްލުން ފަދަ އެތައް ކަމެއް ފަނޑިޔާރުންނަށް ކުރިމަތިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ދައުރު ބަދަލުވާއިރަށް ވަޒީފާ އެބަ ގެއްލޭ. ސުލޫކީ މައްސަލައެއް ބަލަން ފަށާފާނެ. ކޮން އިރަކު ކަމެއް ނޭނގެ ކަނޑާލާނީއެއް. އެއީ ވަރަށް ދެރަ ކަމެއް." ސުއޫދު ވިދާޅުވި އެވެ.

މީގެ އިތުރުން ފަނޑިޔާރުންނާ ގުޅޭ ގޮތުން މައްސަލައެއް ހުށަހެޅުމުން އެ މައްސަލަ ބަލަން ފަށައި އެ މައްސަލައިގެ ހަގީގަތް ރަނގަޅަށް ނޭނގި އޮއްވައި މީޑިއާގައި އެ ވާހަކަ އާންމު ކުރުމުން ވެސް ނޭދެވޭ އަސަރުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

ފަނޑިޔާރުންގެ ޖަމިއްޔާ އިން މިއަދުގެ ނިޔަލަށް ކުރިއަށް ގެންދާ ބައްދަލުވުންތަކުގައި އަންނަނީ ފަނޑިޔާރުންނަށް ދިމާވާ އެކި މައްސަލަތަކާ ބެހޭ ގޮތުން މަޝްވަރާކޮށް އެ ކަންކަން ހައްލު ކުރުމަށް ކުރެވިދާނެ ކަންކަމާ ބެހޭ ގޮތުން ވާހަކަ ދައްކަމުންނެވެ. މި ބައްދަލުވުންތަކުގައި ރާއްޖޭގެ ހުރިހާ ހިސާބަކުން ވެސް ފަނޑިޔާރުން ބައިވެރިވެ އެވެ.