Roadha Mihaaru

ސުޕްރީމް ކޯޓު "ހުއްޓިފައި" އޮތް ކަމަށް ވިދާޅުވެ، އިބުރާ ހުށަހެޅި ދުސްތޫރީ މައްސަލަ އެ ކޯޓުން ވެސް ބަލައެއްނުގަތް

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑު ކުރުމަކީ އެ ކޯޓު ހިންގުން ހުއްޓުވާލުން ކަމަށް ވިދާޅުވެ، އެ ކޯޓު ހިންގޭނެ ގޮތެއް ހަދައިދިނުމަށް އެދި ކުރީގެ މަޖިލިސް މެމްބަރު އިބްރާހިމް އިސްމާއިލް (އިބުރާ) ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުން މިއަދު ނިންމައިފި އެވެ.

އިބުރާ ހުށަހެޅި ދުސްތޫރީ މައްސަލަ ސުޕްރީމްކޯޓުން ނުބެލި
ނާޒިމް ހަސަން
ނާޒިމް ހަސަން

08 މެއި 2025

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑު ކުރުމަކީ އެ ކޯޓު ހިންގުން ހުއްޓުވާލުން ކަމަށް ވިދާޅުވެ، އެ ކޯޓު ހިންގޭނެ ގޮތެއް ހަދައިދިނުމަށް އެދި ކުރީގެ މަޖިލިސް މެމްބަރު އިބްރާހިމް އިސްމާއިލް (އިބުރާ) ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުން މިއަދު ނިންމައިފި އެވެ.

މިދިޔަ އާދިއްތަ ދުވަހު އިބުރާގެ ފަރާތުން ސުޕްރީމް ކޯޓަށް އެ މައްސަލަ ހުށަހެޅީ ސުޕްރީމް ކޯޓަކީ އަބަދުމެ، ހިނގަހިނގާ އޮންނަން ޖެހޭނެ ތަނެއް ކަމަށް ގާނޫނުއަސާސީ ތަސައްވުރު ކުރާއިރު، ފަނޑިޔާރުންގެ ސަސްޕެންޝަނާ އެކު ކޯޓުގެ ބައެއް މަސައްކަތްތައް ހުއްޓިފައި އޮންނާތީ އެވެ.

އެ މައްސަލަ ހުށަހެޅީ ޖުޑީޝަލް ސާވިސް ކޮމިޝަންއާ ދެކޮޅަށެވެ.

އިބުރާ "މިހާރު" އަށް ވިދާޅުވީ ދުސްތޫރީ ނިޒާމަކީ އެއްކޮށް ގެތިފައި އޮންނަ އެއްޗެއް ކަމެއް ކަމަށާއި އޭގެ ތެރެއިން އެންމެ ނިޒާމެއްގެ މަސައްކަތް ހުއްޓުނަސް މުޅި ނިޒާމް ރޫޅިގެންދާނެ ކަމަށެވެ. އަދި މިހާރު ދުސްތޫރީ ނިޒާމް އޮތީ އެ ހާލަތުގައި ކަމަށާއި މިއީ ހައްލުކުރަން ޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ފެށި މައްސަލައަކާ ގުޅިގެން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑް ކުރިއިރު، އޭގެ ތެރެއިން ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އަދި ފަނޑިޔާޜު މަހާޒު އަލީ ޒާހިރާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އަދިވެސް ތިއްބެވީ ސަސްޕެންޝަންގަ އެވެ. އަދި ކޯޓުގައި މި ވަގުތު ތިއްބެވީ ފަސް ފަނޑިޔާރުންނެވެ.

އިބުރާ ވިދާޅުވީ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ތެރޭގައި ފަނޑިޔާރުންގެ ސަސްޕެންޝަން ނިމުމަކަށް ގެންނަން ވެސް އެދިފައިވާނެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެއީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިޖުރާއަތްތަކާ ހިލާފަށް ކޮށްފައިވާ ސަސްޕެންޝަނެއް ކަމަށާއި އެކަމުގެ ވަށައިގެން ވަނީ މުޅިން ވެސް ގޯސް ކަމަށް އޭނާ ވިދާޅުވި އެވެ.

މިހާރު އަމަލުކުރާ ގާނޫނުއަސާސީ އެކުލަވާލި ޑްރާފްޓިން ކޮމިޓީގެ މުގައްރިރުކަން ކުރެއްވި އިބްރާ ހުށަހެޅުއްވި މައްސަލަ ބަލައިނުގަތުމަށް މިއަދު ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ވަނީ ނިންމައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ރަޖިސްޓްރާ އެ މައްސަލަ ބަލައިނުގަތުމަށް ނިންމާފައިވަނީ އެކަމުގައި ދުސްތޫރީ މައްސަލައެއް ނެތް ކަމަށް ބުނެ އެވެ. ނަމަވެސް، އެގޮތަށް ނިންމި ސަބަބެއް ސާފުނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އިބުރާގެ ފަރާތުން އެ މައްސަލަ މީގެކުރިން ހައި ކޯޓަށް ވެސް ހުށަހެޅި އެވެ. ނަމަވެސް، އެ ކޯޓުން ވެސް ނިންމީ އެ މައްސަލަ ބަލައިނުގަތުމަށެވެ.