Roadha Mihaaru
މަޓިޕް މައްސަލަ ބޯމަތީގައި، ލިވަޕޫލް މުހިއްމު މެޗަކަށް

މަޓިޕް މައްސަލަ ބޯމަތީގައި، ލިވަޕޫލް މުހިއްމު މެޗަކަށް

18 ޖެނުއަރީ 2017

ލިވަޕޫލް (ޖެނުއަރީ 18) - އިނގިރޭސި އެފްއޭ ކަޕުގެ ތިން ވަނަ ބުރުގެ ރި-ޕްލޭ މެޗުގައި މިރޭ ޕްލިމައުތު އާގައިލްއާ ދެކޮޅަށް ލިވަޕޫލް ނުކުންނައިރު، އެ ޓީމަށް ކުޅޭ ކެމަރޫން ޑިފެންޑަރު ޖޮއެލް މަޓިޕްގެ މައްސަލައިގައި ފީފާއިން އަންނަ ހުކުރު ދުވަހު ގޮތެއް ނިންމާނެ ކަމަށް ބެލެވިއްޖެ އެެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލިވަޕޫލް (ޖެނުއަރީ 18) - އިނގިރޭސި އެފްއޭ ކަޕުގެ ތިން ވަނަ ބުރުގެ ރި-ޕްލޭ މެޗުގައި މިރޭ ޕްލިމައުތު އާގައިލްއާ ދެކޮޅަށް ލިވަޕޫލް ނުކުންނައިރު، އެ ޓީމަށް ކުޅޭ ކެމަރޫން ޑިފެންޑަރު ޖޮއެލް މަޓިޕްގެ މައްސަލައިގައި ފީފާއިން އަންނަ ހުކުރު ދުވަހު ގޮތެއް ނިންމާނެ ކަމަށް ބެލެވިއްޖެ އެެވެ.

ކެމަރޫން ގައުމީ ޓީމުން 2015 ވަަނަ އަހަރު މަޓިޕް ރިޓަޔަކޮށްފައިވަނިކޮށް މިހާރު ކުރިޔަށްދާ އެފްރިކަން ކަޕަށް ކެމަރޫން ޓީމުން ނެގި ސްކޮޑަށް މަޓިޕް ނެގި އެވެ. އެހެން ނަމަވެސް އޭނާ ވަނީ ކުޅެން އިންކާރުކޮށްފަ އެވެ. މި މައްސަލައިގައި ހައްލެއް ހޯދުމަށް ލިވަޕޫލާއި ކެމަރޫން އެފްއޭ އިން ވަނީ ފީފާ އަށް ހުށަހަޅައިފަ އެވެ.

އެފްއޭ ކަޕް ހަތަރު ވަނަ ބުރުން ޖާގަ ހޯދަން މޮޅުވުން މަޖުބޫރު މެޗަކަށް މިރޭ ލިވަޕޫލް ނުކުންނައިރު، އެ ޓީމުގެ ކޯޗު ޔާގަން ކްލޮޕް ބުނީ މަޓިޕް މައްސަލައިގައި ކަންތައް ކުރަންވީ ގޮތެއް ނިންމާނީ ފީފާގެ ނިންމުމަށް ފަހު ކަމަށެވެ.

"މި ވަގުތު ކަންތައް ކުރަންވީ ގޮތެއް ނޭނގޭ. ފީފާގެ ނިންމުމަކަށް އަހަރެމެން އިހުތިރާމް ކުރާނަން. ސަޕޯޓަރުންނަށް ޔަގީންކަންދެން މިކަމުގައި ލިވަޕޫލާއި މަޓިޕް ވެސް އެއްވެސް ގޯހެއް ހަދާފައިނުވާނެ،" ކްލޮޕް ބުންޏެވެ.

މަޓިޕް މައްސަލައިގައި ފީފާއިން ނިންމާ ގޮތެއް އަންނަ ހުކުރު ދުވަހު އިއުލާން ކުރާނެ ކަމަށް އެ ފެޑެރޭޝަނާ ހަވާލާދީ ރިޕޯޓްތައް ބުނެ އެވެ. ބެލެވޭ ގޮތުގައި ފީފާއިން ނިންމާނީ އެފްރިކަން ކަޕް ނިމެންދެން މަޓިޕަށް ލިވަޕޫލް މެޗެއްގައި ބައިވެރިނުވެވޭ ގޮތަށެވެ.

އެފްއޭ ކަޕް ހަތަރު ވަނަ ބުރުން ޖާގަ ލިބޭނީ މިރޭގެ މެޗުން މޮޅުވާ ޓީމަކަށެވެ. އިނގިރޭސި ހަތަރު ވަނަ ޑިވިޝަންގައި އޮތް ޕްލިމައުތު ވަނީ ލިވަޕޫލް ދަނޑުގައި ލަނޑެއް ނުޖެހި އެއްވަރުކޮށްފަ އެވެ.

މިރޭގެ މެޗަށް ލިވަޕޫލުން ނެރޭނީ ވަރުގަދަ ޓީމެއް ކަމަށް ކްލޮޕް ވަނީ ބުނެފަ އެވެ. ޕްލިމައުތާ ދެކޮޅަށް ކުރިން މެޗުގައި ލިވަޕޫލުން ނެރުނީ އެ ކްލަބްގެ ތާރީހުގައި ރަސްމީ މެޗަކަށް ނެރުނު އެންމެ ޒުވާން ފުރަތަމަ އެގާރަ އެވެ.

ޕްލިމައުތު ދަނޑުގައި ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗު އޮންނާނީ މިރޭ ރާއްޖެ ގަޑިން 00:45 ގަ އެވެ. މި މެޗުން މޮޅުވާ ޓީމެއް ހަތަރު ވަނަ ބުރުގައި އަމިއްލަ ދަނޑުގައި ކުޅޭނީ ވުލްވްސްއާ އެވެ.