Roadha Mihaaru
އެފްއޭކަޕް ސެމީގައި ލިވަޕޫލާއި ސިޓީގެ ކުރިމަތިލުން މިރޭ

ލިވަޕޫލާއި ސިޓީގެ ވާދަވެރިކަން ކުރިއަށް، އެފްއޭ ކަޕް ސެމީ ފައިނަލް މިރޭ

16 އެޕްރީލް 2022

އިނގިރޭސިވިލާތުގައި މިހާރު އެންމެ ވާދަވެރިކަން ބޮޑު ދެ ޓީމު ކަމަށްވާ ލިވަޕޫލާއި މެންޗެސްޓާ ސިޓީ، ވެމްބްލީ ސްޓޭޑިއަމްގައި ކުޅޭ އިނގިރޭސި އެފްއޭ ކަޕްގެ ސެމީ ފައިނަލަށް މިރޭ ނުކުންނާނެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

އިނގިރޭސިވިލާތުގައި މިހާރު އެންމެ ވާދަވެރިކަން ބޮޑު ދެ ޓީމު ކަމަށްވާ ލިވަޕޫލާއި މެންޗެސްޓާ ސިޓީ، ވެމްބްލީ ސްޓޭޑިއަމްގައި ކުޅޭ އިނގިރޭސި އެފްއޭ ކަޕްގެ ސެމީ ފައިނަލަށް މިރޭ ނުކުންނާނެ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ ކުރީގައި ވެސް އޮތީ މި ދެޓީމެވެ. އެއްވަނައިގައި އޮތް މެންޗެސްޓާ ސިޓީ އާއި ދެވަނައިގައި އޮތް ލިވަޕޫލާ ދެމެދު އޮތީ އެންމެ ޕޮއިންޓެއްގެ ތަފާތެވެ. ލީގުގައި ބާކީ ހަތް މެޗު އޮތްއިރު މި ދެޓީމު މިދިޔަ ހަފްތާގައި ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރު ވެގެންނެވެ. ލީގުގައި މި ދެޓީމު ކުޅުނު ފުރަތަމަ މެޗުވެސް ނިމުނީ ހަމަ މި ނަތީޖާއިންނެވެ.

އެފްއޭ ކަޕް ސެމީ ފައިނަލަށް ނުކުތުމުގެ ކުރިން ދެ ޓީމު ވެސް ވަނީ ނިމުނު ހަފްތާގައި ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ވާދަވެރި ކުޅުމަކަށް ފަހު މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފަ އެވެ. މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ވެސް ކުޅުނު ސިޓީ މި އަހަރުގެ ސެމީ ފައިނަލުގައި ކުޅޭނީ މުބާރާތުގެ އެންމެ ކާމިޔާބު ޓީމު، ރެއަލް މެޑްރިޑާ ދެކޮޅަށެވެ. އަނެއް ކޮޅުން ލިވަޕޫލް ކުޅޭނީ ވަރުގަދަ ބެޔާން މިއުނިކް ކަޓުވާލި ސްޕެއިންގެ ވިޔަރެއާލާ ދެކޮޅަށެވެ.

ކޯޗު ޕެޕް ގާޑިއޯލާ ވަނީ ސިޓީއާ އެކު 2019 ވަނަ އަހަރު އެފްއޭ ކަޕް ކާމިޔާބު ކޮށްފަ އެވެ. ނަމަވެސް ކޯޗު ޖާގަން ކްލޮޕް އަށް ލިވަޕޫލާ އެކު އިނގިރޭސި އެންމެ ދުވަސްވީ މުބާރާތުގެ ތަށި އުފުލާލެވިފައެއް ނުވެ އެވެ. އެންމެ ދުރަށް ވެސް މީގެ ކުރިން ދެވުނީ ފަސްވަނަ ބުރަށެވެ. ހަތަރު ސީޒަނެއްގައި ހަތަރު ވަނަ ބުރުން ކެޓިއިރު އެއް ސީޒަނުގައި ކެޓީ ތިންވަނަ ބުރުންނެވެ.

ލިވަޕޫލްގެ ކޯޗު ކްލޮޕް (ވ) އާއި ސިޓީގެ ކޯޗު ގާޑިއޯލާ އެކުގައި.-- ފޮޓޯ: ގެޓީ އިމޭޖަސް

ލިވަޕޫލްގެ ކޯޗު ކްލޮޕް (ވ) އާއި ސިޓީގެ ކޯޗު ގާޑިއޯލާ އެކުގައި.-- ފޮޓޯ: ގެޓީ އިމޭޖަސް

ކުރީ ސީޒަންތަކުތައި ކަޕް މުބާރާތްތަކުގައި ލިވަޕޫލްގައި ކްލޮޕް ގިނައިން ބޭނުންކުރީ ޒުވާން ކުޅުންތެރިންނެވެ. އޭގެ ސަބަބުން ބައެއް މުބާރާތްތައް ސީރިއަސްކޮށް ނުނަގާކަމަށް ބުނެ ލިވަޕޫލްގެ ކޯޗު ކްލޮޕް އަށް ވަނީ ފާޑު ކިޔުންތައް ވެސް އަމާޒުވެފަ އެވެ. ނަމަވެސް މިހާރު ކްލޮޕް ހުރީ އޭނާގެ ރެކޯޑް ރަނގަޅުކޮށް މުބާރާތް ކާމިޔާބު ކުރުމުގެ އަޒުމުގަ އެވެ.

"އެފްއޭ ކަޕަކީ ބޮޑު މުބާރާތެއް. މީގެ ކުރިން އަހަރެމެންނަށް ސެމީއާ ހަމައަކަށް ނާދެވޭ. މިއީ ފުރަތަމަ ތަޖުރިބާ ވެމްބްލީގައި ކުޅޭ ސެމީ ފައިނަލެއްގެ،" ކްލޮޕް ބުންޏެވެ.

"މިހާރު (ސެމީ އަށް) އާދެވިއްޖެ. އެއީ އަހަރެމެންނަށް ވަރަށް މުހިއްމު ކަމެއް. އުންމީދު ކުރަން ސަޕޯޓަރުންނަށް ވެސް މެޗު ބަލަން އާދެވޭނެ ކަމަށް. ޓްރެއިން ދަތުރުތައް ހުއްޓިފައި އޮތަސް، އުންމީދުކުރަން މެންޗެސްޓާ ސިޓީ އާއި ލިވަޕޫލް ކުޅޭ ސެމީ ފައިނަލެއްގެ ފޯރި ފެންނާނެ ކަމަށް."

ގާޑިއޯލާއާ އެކު ސިޓީ ވަނީ އެންމެ ފަހު ހަ ސީޒަނުގައި ފަސް ފަހަރު ސެމީ ފައިނަލް ކުޅެފަ އެވެ. މިއީ ސިޓީ ގޮވައިގެން ގާޑިއޯލާ އެފްއޭ ކަޕް ސެމީ ފައިނަލަށް ނުކުންނަ ހަވަނަ ފަހަރެވެ. މިދިޔަ ސީޒަނުގެ ސެމީ ފައިނަލުގައި ސިޓީ ބަލިވީ ޗެލްސީ އަތުން 1-0 އިންނެވެ. ނަވަމެސް ގާޑިއޯލާ ހުރީ މިރޭ ނަތީޖާ ރަނގަޅުކުރުމުގެ އުންމީދުގަ އެވެ.

"މިދިޔަ ސީޒަޒނުގައި ވެސް އޮތީ މިހާރު އޮތް ފަދަ ހާލަތެއްގައި ހެން ހީވަނީ. އެކަމަކު އުންމީދު ކުރަނީ މިދިޔަ ސީޒަނުގައި ޗެލްސީއާ ދެކޮޅަށް ދެއްކި ކުޅުމަށް ވުރެ ރަނގަޅު ކުޅުމެއް ކުޅުންތެރއިންގެ ފަރާތުން ފެންނާނެ ކަމަށް،" ގާޑިއޯލާ ބުންޏެވެ.

"އެފްއޭ ކަޕް ފައިނަލަށް ދާން ވެސް ފުރުސަތު އެބަ އޮތް. މިއީ ވަރަށް ޝަރަފްވެރި މުބާރާތެއް. ބައެއް ފަހަރު ޕްރިމިއާ ލީގަށް ވުރެ ވެސް އެފްއޭ ކަޕް އަހަރެންނަށް މުހިއްމު."

އެފްއޭ ކަޕް ކުއާޓާ ފައިނަލް މެޗަށް ފަހު ވޯކާ އާއި ޑިބްރޭނާ.-- ފޮޓޯ: ރޮއިޓާސް

އެފްއޭ ކަޕް ކުއާޓާ ފައިނަލް މެޗަށް ފަހު ވޯކާ އާއި ޑިބްރޭނާ.-- ފޮޓޯ: ރޮއިޓާސް

ސެމީ ފައިނަލަށް ނުކުންނައިރު މެންޗެސްޓާ ސިޓީ އަށް ވަނީ އަނިޔާގެ މައްސަލަތައް ވެސް ކުރިމަތިވެފަ އެވެ. އެޓީމުގެ ޑިފެންޑަރު ކައިލް ވޯކާ އާއި އެންމެ މުހިއްމު އެއް ކުޅުންތެރިޔާ ކެވިން ޑިބްރޭނާ ވެސް ވަނީ އަނިޔާ ވެގެން އެންމެ ފަހުން ޗެމްޕިއަންސް ލީގުގައި އެތުލެޓިކޯ މެޑްރިޑާ އެއްވަރުވި މެޗު ތެރެއިން ބަދަލުކޮށްފަ އެވެ.

އިއްޔެގެ ފަރިތަކުރުންތަކުގައި މި ދެ ކުޅުންތެރިން ވެސް ބައިވެރިވެފައެއް ނުވެ އެވެ.

ދެ ކުޅުންތެރިންނަށް އަނިޔާވި ނަމަވެސް ސިޓީ އަށް ލިބޭނެ ހިތްހަމަ ޖެހުމަކީ އެޓީމުގެ ސެންޓަ ބެކް ރުބެން ޑިއާޒް އަނިޔާއިން ރަނގަޅުވެގެން އައިސް ޓީމާ ގުޅިފައިވުމެވެ. މާޗު މަހު އެފްއޭ ކަޕުގައި ޕީޓަބޮރޯ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުގައި ދިމާވި ހެމްސްޓްރިންގް އިންޖަރީއަކަށް ފަހު އެނބުރި އައިސް އޭނާ ވަނީ މިދިޔަ ހަފްތާގައި އެތުލެތިކޯ މެޑްރިޑާ ވާދަކުރި ސިޓީގެ ޓީމާ އެކު ދަތުރު ކޮށްފަ އެވެ. އަދި އެތުލެޓިކޯ މެޑްރިޑް މެޗުގައި ބޮލަށް އަނިޔާވި ޒުވާން މިޑްފީލްޑަރު ފިލް ފޯޑެން ވެސް ހުރީ މެޗު ކުޅެވޭ ހާލަތުގައި ކަމަށް ގާޑިއޯލާ ބުންޏެވެ.

ލިވަޕޫލްގެ ކޯޗު ކްލޮޕް ބުނީ، ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި މިދިޔަ ހަފްތާގައި ބެންފީކާއާ ދެކޮޅަށް ކުޅުނު މެޗުގައި އަނިޔާވެގެން ދެވަނަ ހާފުގައި ބާލަން ޖެހުނު ލިވަޕޫލްގެ ޑިއޯގޯ ޖޮޓާގެ އިންޖަރީ މާ ސީރިއަސް ނޫން ކަމަށެވެ. ހަމަ އެއާ އެކު ބެންފީކާ މެޗުގެ ކުރީކޮޅު ރެސްޓު ކުރި ފޯވާޑް މުހައްމަދު ސަލާހު ވެސް މިރޭގެ ފުރަތަމަ 11 ގައި ފެނުމުގެ ފުރުސަތު ބޮޑެވެ.

"ޑިއޯގޯ (ޖޮޓާ) އަށް މާ ބޮޑު އަނިޔާއެއް ނުވޭ. އޭނާ މުޅިން ފިޓު ވާނެ ކަމަށް އުންމީދު ކުރަނީ،" ސިޓީއާ ދެކޮޅަށް މިދިޔަ ހަފްތާގައި ލީގުގައި ލަނޑު ޖެހި ޑިއޯގޯ ޖޮޓާ އަށް ލިބުނު އަނިޔާއާ ގުޅިގެން ކްލޮޕް ބުންޏެވެ.

"ސަލާހު އެންމެ ފަހު މެޗުގައި (ލީގުގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް) ހަތަރު ލަނޑު ޖެހި ނަމަވެސް (ބެންފީކާ މެޗުގައި) އޭނާ ސްޓާޓު ނުކުރާނެ. އެއީ އެކަން އޮންނާނެ ގޮތަކީ. ޖެނުއަރީ އާއި ފެބްރުއަރީ މަހު އޭނާ ކުޅުނު 120 މިނިޓުގެ ހަ މެޗު. އިންސާނެއް ވިއްޔާ އޭނާ އަށް ވެސް އަރާމު ބޭނުންވާނެ."

ލިވަޕޫލް އާއި މެންޗެސްޓާ ސިޓީ ކުޅޭ އެފްއޭ ކަޕް ސެމީ ފައިނަލް މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 7:30 ގަ އެވެ.