Roadha Mihaaru
ނައިޓް ކްލަބަށް ހަމަލާ ދިން މީހާ އަތުލައިގެންފި

ނައިޓް ކްލަބަށް ހަމަލާ ދިން އައިއެސްގެ އޭޖެންޓު އަތުލައިގެންފި

18 ޖެނުއަރީ 2017

މި އަހަރު ފެށުނު ރޭ ތުރުކީ ވިލާތުގެ ނައިޓް ކްލަބަކަށް ވަދެ ބަޑި ޖަހައި ބަޔަކު މަރައިލި މީހާ އެކަން ކުރީ އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ފަރާތުން ކަމަށް ތުރުކީ ވިލާތުން ބުނެފި އެވެ.

މި އަހަރު ފެށުނު ރޭ ތުރުކީ ވިލާތުގެ ނައިޓް ކްލަބަކަށް ވަދެ ބަޑި ޖަހައި ބަޔަކު މަރައިލި މީހާ އެކަން ކުރީ އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ފަރާތުން ކަމަށް ތުރުކީ ވިލާތުން ބުނެފި އެވެ.

ތުރުކީ ސަރުކާރުން ބުނާ ގޮތުގައި އެ ހަމަލާ ދިނީ އުޒްބެކިސްތާނަށް އުފަން މީހެކެވެ. އޭނާ ވަނީ އަފްޣާނިސްތާނުގައި ހަނގުރާމައިގެ ތަމްރީނުތައް ހަދައިފަ އެވެ. އަބްދުލްގާދިރު މަޝަރިޕޯފް ނަމަކަށް ކިޔާ އެ މީހާ ދެ ހަފުތާ ފަހުން މި އަތުލައިގަތީ، ތުރުކީ ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި މިދިޔަ ހޯމަ ދުވަހު ވެރިރަށް އިސްތަންބޫލްގެ ރަށްބޭރުގައިވާ ގެއެއްގެ ތެރެއިންނެވެ.

އިސްތަންބޫލްގެ ގަވަރުނަރު ވަސިޕް ސާހީން ވިދާޅުވި ގޮތުގައި މަޝަރިޕޯފްއާ އެކު އިތުރު ހަތަރު މީހަކު ވެސް ވަނީ އަތުލައިގެންފަ އެވެ. އަދި މަޝަރިޕޯފްގެ އަނގިލީގެ ނިޝާނާއި ނައިޓް ކްލަބްގެ ތެރެއިން ހޯދާފައިވާ އިނގިލީގެ ނިޝާން ދިމަވާ ކަމަށާއި، އެ ހަމަލާ ދިނީ އޭނާ ކަމަށް މަޝަރިޕޯފް އެއްބަސްވެ ކުށަށް އިއުތިރާފް ވެފައިވާ ކަމަށް ވެސް ގަވަރުނަރު ވިދާޅުވި އެވެ.

ގަވަރުނަރު ވިދާޅުވީ ހަމަލާ ދިން މީހާ ތުރުކީ އަށް އެތެރެވެފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ތުރުކީ ވިލާތުގެ އިރުމަތީ ސަރަހައްދީ ރޮނގު ހުރަސްކޮށް ގަވާއިދާ ޚިލާފަށް ކަމަށެވެ.

ޖުމްލަ 39 މީހުން މަރުވި އެ ހަމަލާ ދިންތާ އެއް ދުވަސް ފަހުން އައިއެސް ޖަމާއަތުން ވަނީ އެ ހަމަލާގެ ޒިންމާ އުފުލައިފަ އެވެ. އައިއެސް އިން ބުނި ގޮތުގައި އެ ހަމަލާ ދިނީ ސީރިޔާގައި ތުރުކީ ސިފައިން ހިންގާ އަސްކަރީ ހަރަކާތްތަކަށް ބަދަލު ހިފުމުގެ ގޮތުންނެވެ.

މަޝަރިޕޯފްއާ އެކު އަތުލައިގަތީ އިރާގު މީހަކާއި މިސްރުގެ އަންހެނަކާއި އެފްރިކާ ގައުމެއްގެ އިތުރު ދެ އަންހެނެކެވެ. އެ މީހުންގެ އަތުން ދެ ފިސްތޯލަ އާއި މޯބައިލް ފޯނާއި ސިމްކާޑާއި މަތިން ވީޑިއޯ އާއި ފޮޓޯ ނަގަން ބޭނުންކުރާ ދެ ޑްރޯން އާއި 197،000 ޑޮލަރު ވެސް އަތުލައިގަނެވުނު ކަމަށް ތުރުކީ ސަރުކާރުން ބުނެ އެވެ.

ނައިޓް ކްލަބްގެ ހަމަލާއާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަންގައި މިހާތަނަށް 152 އިމާރާތެއް ބަލައި ފާސްކޮށް 50 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އަދި 2000 ތަނަކުން ނަގާފައިވާ 7،200 ގަޑިއިރުގެ ވީޑިއޯ ފުޓޭޖް ފުލުހުން ވަނީ ތަހުގީގު ކޮށްފަ އެވެ.