Roadha Mihaaru
"ހީޓް"އާ އެކު އޭޑީކޭގެ ޖިމް ހުޅުވައިފި

"ހީޓް"އާ އެކު އޭޑީކޭގެ ޖިމް ހުޅުވައިފި

07 ފެބުރުއަރީ 2023

އޭޑީކޭ ހޮސްޕިޓަލްގެ ވަށާ ޖެހޭ ސިއްހީ ހިދުމަތެއް ފޯރުކޮށްދިނުމަށް ގެންގުޅޭ ސިޔާސަތުގެ ދަށުން "ދަ ވެލްނަސް ކްލަބް"ގެ ނަމުގައި ޖިމެއް ހުޅުވައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

އޭޑީކޭ ހޮސްޕިޓަލްގެ ވަށާ ޖެހޭ ސިއްހީ ހިދުމަތެއް ފޯރުކޮށްދިނުމަށް ގެންގުޅޭ ސިޔާސަތުގެ ދަށުން "ދަ ވެލްނަސް ކްލަބް"ގެ ނަމުގައި ޖިމެއް ހުޅުވައިފި އެވެ.

ރޭ އެ ޖިމްގައި އޮތް ރަސްމިއްޔާތެއްގައި ޖިމް ހުޅުވާ ދެއްވީ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފެވެ. އެ ޖިމް ހުޅުވާ ދެއްވައި، މިނިސްޓަރު ވިދާޅުވީ ވަށާ ޖެހޭ ހިދުމަތްތަކެއް ސިއްހީ ދާއިރާއިން އަމިއްލަ ފަރާތަކުން ފޯރުކޮށްދިނުމަކީ އެ ދާއިރާ އަށް ލިބުނު ކުރިއެރުމެއް ކަމަށެވެ. އަދި އެ ޖިމާ ގުޅިގެން ކުޅިވަރުގެ ދާއިރާ އިތުރަށް ތަރައްގީކުރުމަށް ކުރެވެން ހުރި ކަންތައްތަކާ ބެހޭގޮތުން މެނޭޖްމަންޓާ މަޝްވަރާ ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ދަ ވެލްނަސް ކްލަބް" ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު އަހުމަދު މަހުލޫފް ވާހަކަ ދައްކަވަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

"ދަ ވެލްނަސް ކްލަބް" ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު އަހުމަދު މަހުލޫފް ވާހަކަ ދައްކަވަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އޭޑީކޭގެ ޖިމަކީ ކުރިން މާލޭގައި ހުރި "ހީޓް" ހެލްތު އެންޑް ފިޓްނަސް ޖިމް އާ އެކު ހެދި ޕާޓްނާޝިޕެއްގެ ދަށުން ހުޅުވި ޖިމެކެވެ. މީގެ ފަހުން "ހީޓް" އޮޕަރޭޓު ކުރާނީ އަލަށް ހުޅުވި "ދަ ވެލްނަސް ކްލަބް"ގެ ގޮތުގަ އެވެ.

"ދަ ވެލްނަސް ކްލަބް" އަކީ ޖާގައިގެ ގޮތުން ތަނަވަސް، ގިނަ ބަޔަކަށް އެއްފަހަރާ ބޭނުން ކުރެވޭނެ ތަނެކެވެ. އެ ތަން ހުޅުވާފައި ވަނީ އޭޑީކޭއިން އަލަށް ހެދި "ޑީ ބްލޮކް" އިމާރާތުގެ އަށް ވަނަ ފްލޯ އާއި ނުވަ ވަނަ ފްލޯ އެވެ.

"ދަ ވެލްނަސް ކްލަބް"ގެ އިންސްޓްރަކްޓަރުން އެ ތަނުގެ ކްލާސްތަކުގެ ޕްރިވިއުއެއް ދެނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

"ދަ ވެލްނަސް ކްލަބް"ގެ އިންސްޓްރަކްޓަރުން އެ ތަނުގެ ކްލާސްތަކުގެ ޕްރިވިއުއެއް ދެނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އެ ތަނުގެ އަށް ވަނަ ފްލޯ އަކީ އެކި ކަހަލަ ގްރޫޕް ކްލާސްތައް ކުރިއަށް ގެންދިއުމަށް ހަދާފައިވާ ސްޓޫޑިއޯ ޖިމެކެވެ. "ހީޓް"އިން ހިންގަމުން ދިޔަ "ލެސްމިލް"ގެ ވޯކްއައުޓް ގްރޫޕް ކްލާސްތަކާއި ޒުމްބާ ކްލާސްތައް އެ ތަނުގައި ފެށުމަށް ވަނީ ހަމަޖެހިފަ އެވެ. ނުވަ ވަނަ ފްލޯގައި ހަދާފައި ވަނީ އިކުއިޕްމަންޓާ އެކު ވޯކްއައުޓް ކުރެވޭނެ ޖިމެކެވެ.

"ދަ ވެލްނަސް ކްލަބް" ހުޅުވާފައި ވަނީ ސިއްހަތަށް ފައިދާ ހުރި ކާބޯތަކެތި ލިބޭނެ ކެފޭއަކާ އެކު އެވެ. އެ ކެފޭއިން ކަސްރަތު ކުރުމަށް ފަހު ބޭނުންވާ ޕްރޮޓީން އާއި ހަށިގަނޑަށް ފައިދާ ހުރި އެހެނިހެން ތަކެތި ހިމެނޭ ކާބޯތަކެތި ލިބޭނެ އެވެ.

"ދަ ވެލްނަސް ކްލަބް" ހުޅުވުމުގެ ރަސްމިއްޔާތުގައި އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވާހަކަ ދައްކަވަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

"ދަ ވެލްނަސް ކްލަބް" ހުޅުވުމުގެ ރަސްމިއްޔާތުގައި އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވާހަކަ ދައްކަވަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވި ގޮތުގައި އެ ތަނަކީ ފަރުވާ އާއި ރިހެބިލިޓޭޝަނަށް ފަހު ޕޭޝަންޓުންނަށް ބޭނުންވާ ފިޓްނަސްގެ ހިދުމަތްތައް ފޯރުކޮށްދިނުމަށް ހުޅުވި ތަނެކެވެ. އަދި އެ ތަނަކީ ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ހިތްވަރުދީ އެ ކަން ޕްރޮމޯޓު ކުރުމަށް ހުޅުވި ތަނެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭޑީކޭގެ "ދަ ވެލްނަސް ކްލަބުން" ޖިމް ޔޫސްގެ ހިދުމަތާއި، ޕާސަނަލް ޓްރެއިނާގެ ހިދުމަތުގެ އިތުރުން ކަސްރަތު ކްލާސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ އެވެ. އެ ޖިމަކީ ދެ ޖިންސުގެ މީހުންނަށް ބޭނުން ކުރެވޭނެ ޖިމެކެވެ.

ޖިމްގެ މެމްބާޝިޕް ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ.