Roadha Mihaaru
ކޮވިޑަށް ޓެސްޓްކުރާ މެޝިނެއް މާފަރު އެއާޕޯޓަށް ގެނެސްފި

ކޮވިޑް-19 އަށް ޓެސްޓް ކުރެވޭ މެޝިނެއް މާފަރު އެއާޕޯޓަށް ގެނެސްފި

19 ޖޫން 2020

ކޮވިޑް-19 އަށް ޓެސްޓް ކުރެވޭ މެޝިނެއް މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް ގެނެސްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކޮވިޑް-19 އަށް ޓެސްޓް ކުރެވޭ މެޝިނެއް މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް ގެނެސްފި އެވެ.

މާފަރު އެއާޕޯޓުގައި ކޮވިޑް-19 އަށް ޓެސްޓް ކުރެވޭ ލެބޯޓްރީއެއް ގާއިމް ކުރަން ނިންމައި، އެ މަސައްކަތް ކުރަމުންދާ އެ އެއާޕޯޓް ހިންގާ އައިލެންޑް އޭވިއޭޝަން ކުންފުނިން އޮތީ ކުރިން ބުނެފަ އެވެ. އެ ލެބޯޓްރީ ގާއިމްކޮށް، ވަސީލަތްތައް ގެންނަނީ ރާއްޖޭގައި ރިސޯޓް ހިންގާ ސޮނެވާ ގްރޫޕުންނެވެ.

މާފަރު އެއާޕޯޓުގައި ގާއިމްކުރާ ލެބޯޓްރީއަށް ބޭނުންވާ ކޮވިޑް-19 އަށް ޓެސްޓް ކުރެވޭ މެޝިން މިއަދު ރާއްޖެ ގެނައީ މެޑިކަލް ސާމާނު ރާއްޖެ އެތެރެކުރާ އޭޑީކޭ ޓްރޭޑިން މެދުވެރިކޮށެވެ.

އޭޑީކޭގެ ޓްވީޓް

އައިލެންޑް އޭވިއޭޝަނުން ކުރިން ބުނެފައިވާ ގޮތުގައި މާފަރު އެއާޕޯޓުގައި އެ ލެބޯޓްރީ ގާއިމް ކުރުމާއި އެތަނަށް ބޭނުންވާ ހުއްދަތައް ވެސް ހޯދާނީ ސޮނެވާ ގްރޫޕުންނެވެ. އަދި އެތަނުގެ މަސައްކަތްތައް މިމަހުގެ ފަހުކޮޅަށް ނިމޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖެ ލޮކްޑައުން ކުރުމަށް ފަހު އަލުން ޓޫރިސްޓުންނަށް ހުޅުވާލާއިރު، މާފަރު އެއާޕޯޓުު ވެސް އިންޓަނޭޝަނަލް ދަތުރުތަކަށް ހުޅުވާލަން އަންނަނީ ތައްޔާރުވަމުންނެވެ. އަދި އެކަމަށްޓަކައި އެއާޕޯޓަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ވެސް މިހާރު ދަނީ ކުރަމުންނެވެ.

މިހާރު ރާއްޖޭގައި ކޮވިޑް-19 އަށް ޓެސްޓް ކުރެވެނީ މާލެ އާއި އައްޑޫ ސިޓީގަ އެވެ. މާލޭގައި އޭޑީކޭ ހޮސްޕިޓަލުން ވެސް އެ ބައްޔަށް ޓެސްޓް ކުރެވެ އެވެ.