Roadha Mihaaru
އެމެރިކާގެ ޚާރިޖީ ވަޒީރު މެދު އިރުމައްޗަށް

އިޒްރޭލުގެ ހަމަލާތައް ވަރުގަދަ ކުރުމާއެކު، އެމެރިކާގެ ޚާރިޖީ ވަޒީރު މެދު އިރުމައްޗަށް

30 ޖެނުއަރީ 2023

އިޒްރޭލުގެ އަސްކަރިއްޔާ އިން ފަލަސްތީނުގެ އާންމު ރައްޔިތުންނާ ދެކޮޅަށް ދޭ ހަމަލާތައް ވަރުގަދަކޮށްފައި ވަނިކޮށް، އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓޮނީ ބްލިންކެން، ތިން ދުވަހުގެ ރަސްމީ ދަތުރެއްގައި މިސްރަށް ވަޑައިގެންފި އެވެ.

އިޒްރޭލުގެ އަސްކަރިއްޔާ އިން ފަލަސްތީނުގެ އާންމު ރައްޔިތުންނާ ދެކޮޅަށް ދޭ ހަމަލާތައް ވަރުގަދަކޮށްފައި ވަނިކޮށް، އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓޮނީ ބްލިންކެން، ތިން ދުވަހުގެ ރަސްމީ ދަތުރެއްގައި މިސްރަށް ވަޑައިގެންފި އެވެ.

ބްލިންކެންގެ މި ދަތުރުގައި މިސްރުގައި ދެތިން ގަޑިއިރު މަޑުކޮށްލެއްވުމަށް ފަހު، މިއަދުގެ ވަގުތެއްގައި އިޒްރޭލަށް ވަޑައިގެން އެ ގައުމުގެ ބޮޑުވަޒީރު ބިންޔާމީން ނަތަންޔާހޫއާ މަޝްވަރާ ކުރައްވާނެ އެވެ. އަދި މާދަމާގެ ވަގުތެއްގައި ފަލަސްތީނުގެ ރާމަﷲ އަށް ވަޑައިގެން، އެ ގައުމުގެ ރައީސް މަހްމޫދު އައްބާސްއާ ބައްދަލުކުރައްވާނެ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ބްލިންކެންގެ މިދަތުރަކީ، އިޒްރޭލުގެ ހަރުކަށި ޔަހޫދީ ޕާޓީތަކުގެ ސަރުކާރެއް އެކުލަވާލައި، ފަލަސްތީނާއި އިޒްރޭލުގެ ސުލްހައިގެ ވާހަކަތައް ކުރިއަށް ނުދާނެ ކަމުގެ ބިރު އުފެދުމާ ގުޅިގެން، ބްލިންކެން މެދުއިރުމައްޗަށް ކުރައްވަން ރޭއްވެވި ދަތުރެކެވެ. ނަމަވެސް، ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ޖެނީން ރެފިއުޖީ ފޭލިގެ އަވަށަށް އިޒްރޭލު ސިފައިން އަރައިގަނެ، ފަލަސްތީނުގެ ނުވަ މީހަކު ޝަހީދުކޮށްލައި، އެކަމަށް ބަދަލު ހިފުމުގެ ގޮތުން، ފަލަސްތީނުގެ މުޖާހިދުންގެ ބަޔަކު ޔަހޫދީ ފައްޅިއަކަށް ހަމަލާދީ ހަތް ޔަހޫދީން މަރައިލުމާ ގުޅިގެން، ބްލިންކެންގެ މި ދަތުރު އަވަސްކޮށްލެއްވީ އެވެ.

ބްލިންކެންގެ މިދަތުރުގައި އިޒްރޭލުގެ ވެރިންނާ އެކުގައި ކުރައްވާ މަޝްވަރާތަކުގައި ހިމެނޭނެ އެންމެ މުހިންމު އެއް މައުލޫއަކަށް ވާނީ، އިރުމަތީ ގުދުސްގައި ޔަހޫދީ އާބާދީތައް އިތުރުކުރުމަށް ހަރުކަށި ޔަހޫދީ ޕާޓީތަކުން ގެންގުޅޭ ސިޔާސަތާ މެދު ހުރި ކަންބޮޑުވުންތައް ހިއްސާ ކުރުމެވެ. އޭގެ އިތުރުން، ފަލަސްތީނާއި އިޒްރޭލުގެ މިނިވަން ދެ ދައުލަތް ގާއިމުކުރުމަށް އެމެރިކާ ގެންގުޅޭ ސިޔާސަތާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރައްވާނެ އެވެ.

މީގެ އިތުރުން، ފަލަސްތީނުގެ ރާމަﷲ އަށް ވަޑައިގެން ރައީސް މަހްމޫދު އައްބާސްއާ އެކުގައި ބާއްވާ ބައްދަލުވުމުގައި، އިޒްރޭލާއި ފަލަސްތީނުގެ މަސްރަހު ފިނިކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެ އެވެ.

އިޒްރޭލުގެ އާ ސަރުކާރުގެ ހަރުކަށި ސިޔާސަތުތައް ހުރި ގޮތަށް ބަލާއިރު، ބްލިންކެންގެ މިދަތުރުން އެއްވެސް ނަތީޖާއެއް ހާސިލުކުރެވޭނެ ކަމަކަށް ނުބެލެވެ އެވެ. އެހެން ނަމަވެސް، މެއި 2021 ގައި 11 ދުވަސް ވަންދެން އިޒްރޭލާއި ހަމާސް ޖަމާއަތާ ދެމެދު ހިނގި ފަދަ ހަނގުރާމައެއް ތަކުރާރުވިޔަ ނުދިނުމަށް، މިދަތުރުން މަގުފަހިވާނެ ކަމަށް ބެލެވެ އެވެ.