Roadha Mihaaru
ރޮނާލްޑޯގެ ފުރަތަމަ މެޗުން ނަސްރަށް ހަނިމޮޅެއް

ރޮނާލްޑޯގެ ފުރަތަމަ މެޗުން ނަސްރަށް ހަނިމޮޅެއް

23 ޖެނުއަރީ 2023

ރިޔާދު (ޖެނުއަރީ 23) - ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ރެކޯޑް އަގަކަށް ސައުދީ އަރަބިއްޔާގެ އަލް ނަސްރު ފުޓްބޯޅަ ކުލަބަށް ބަދަލުވެ ކުޅުނު ފުރަތަމަ މެޗުގައި 1-0 ގެ ނަތީޖާއިން އަލް އިއްތިފާގު ބަލިކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ރިޔާދު (ޖެނުއަރީ 23) - ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ރެކޯޑް އަގަކަށް ސައުދީ އަރަބިއްޔާގެ އަލް ނަސްރު ފުޓްބޯޅަ ކުލަބަށް ބަދަލުވެ ކުޅުނު ފުރަތަމަ މެޗުގައި 1-0 ގެ ނަތީޖާއިން އަލް އިއްތިފާގު ބަލިކޮށްފި އެވެ.

އަލް ނަސްރުން، އިއްތިފާގާ ދެކޮޅަށް ކުޅުނު މެޗުގައި ޖެހި ހަމައެކަނި ގޯލު، 31 ވަނަ މިނިޓުގައި އަބްދުލްމަޖީދު އަލް ސުލައިހީމްގެ އެހީތެރިކަމާ އެކު ޖަހައިދިނީ އެޓީމުގެ ބްރެޒިލް މިޑްފީލްޑަރު ޓަލިސްކާ އެވެ. މިއީ ޓަލިސްކާ ލީގުގައި މިހާތަނަށް ޖަހައިދިން 12 ވަނަ ގޯލެވެ. އަދި ސައުދީ ޕްރޮފެޝަނަލް ލީގުގެ ލަނޑު ލިސްޓުގެ އެއްވަނައިގައި ވެސް އޮތީ އޭނާ އެވެ.

ރޮނާލްޑޯ ނަސްރަށް ބަދަލު ވުމުގެ ކުރިން އެޓީމުގެ ކެޕްޓަނަކީ ޑިފެންޑަރު އަބްދުﷲ މަދޫ އެވެ. އެކަމަކު މަދޫ ވެސް ފުލް ކޮށް ކުޅުނު މި މެޗުގައި ނަސްރުގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނީ ރޮނާލްޑޯ އެވެ.

އިއްތިފާގާ ދެކޮޅަށް ކުޅލުނު މެޗުގައި ރޮނާލްޑޯ ހަމަލާއެއް ފޮނުވާލަނީ.-- ފޮޓޯ: އޭއެފްޕީ

އިއްތިފާގާ ދެކޮޅަށް ކުޅލުނު މެޗުގައި ރޮނާލްޑޯ ހަމަލާއެއް ފޮނުވާލަނީ.-- ފޮޓޯ: އޭއެފްޕީ

މިރޭގެ ނަތީޖާއާ އެކު އަލް ނަސްރު ލީގުގެ އެއްވަނައިގައި އޮތީ 14 މެޗުން 33 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތީ އެއް މެޗު އިތުރަށް ކުޅެގެން 32 ޕޮއިންޓް ހޯދާފައިވާ ވާދަވެރި އަލް ހިލާލް އެވެ. ތިންވަނައިގައި އޮތީ 14 މެޗުން 31 ޕޮއިންޓް ހޯދާފައިވާ އަލް އިއްތިހާދެވެ.

ކުރިއަށް އޮތް 2023/2024 ސީޒަނުގައި އޭޝިއާގެ އެންމެ މަތީ ކުލަބް ފުޓުބޯޅަ މުބާރާތް ކަމަށްވާ އޭއެފްސީ ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދަން އަލް ނަސްރަށް ޖެހޭނީ ލީގު ނުވަތަ ސައުދީ ކިންގް ކަޕް ކާމިޔާބު ކުރާށެވެ. ކިންގް ކަޕް ގައި ނަސްރު ވަނީ ކުއާޓާ ފައިނަލްގެ ޖާގައެއް ހޯދައިފަ އެވެ.

ރޮނާލްޑޯ ނަސްރަށް ބަދަލު ވުމަށް ފަހު ފުރަތަމަ ދެ މެޗުގައި އޭނާ އަށް ނުކުޅެވުނީ، ސަސްޕެންޝަނެއްގައި ހުރުމުގެ ސަބަބުންނެވެ.

ނަސްރަށް ދެން އޮތީ ސައުދީ ސުޕަ ކަޕްގެ މެޗެކެވެ. ސުޕަ ކަޕްގެ ސެމީ ފައިނަލް ގައި ބުރާސްފަތި ދުވަހުގެ ރޭ ރާއްޖެ ގަޑިން 11 ޖަހާއިރު ނަސްރު ވާދަކުރަން ޖެހޭނީ މިދިޔަ ސީޒަންގައި ލީގުގެ ދެވަނަ ހޯދި އިއްތިހާދާ ދެކޮޅަށެވެ.