Roadha Mihaaru
ސާލިމް ރުޅި:މިހާރު އެދެނީ ބިދޭސީ ތަރުޖަމާނެއް ހޯދަން

ހައި ކޯޓުގައި ސާލިމްގެ ރުޅި: އެދެނީ ތަރުޖަމާނަކަށް ބަންގްލަދޭޝްގެ މީހަކު ހޯދަން

10 ޖެނުއަރީ 2023

އދ. ދަނގެތީގެ ވިޔަފާރިވެރިއެއް ކަމަށްވާ މަހްމޫދު އަބޫބަކުރު މަރާލި މައްސަލާގައި މަރަން ހުކުމްކޮށްފައިވާ ޝާހް އަލޮމް މިއާ (ސާލިމް) އޭނާގެ ތަރުޖަމާނާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް އަދި ދައުލަތުގެ ހަރަދުގައި ވަކީލަކު ހޯދަން ހައި ކޯޓުގައި މިއަދު އެދިއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އދ. ދަނގެތީގެ ވިޔަފާރިވެރިއެއް ކަމަށްވާ މަހްމޫދު އަބޫބަކުރު މަރާލި މައްސަލާގައި މަރަން ހުކުމްކޮށްފައިވާ ޝާހް އަލޮމް މިއާ (ސާލިމް) އޭނާގެ ތަރުޖަމާނާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް އަދި ދައުލަތުގެ ހަރަދުގައި ވަކީލަކު ހޯދަން ހައި ކޯޓުގައި މިއަދު އެދިއްޖެ އެވެ.

އޮކްޓޫބަރު 2021 ގައި ދަނގެތީގެ ވިޔަފާރިވެރިއެއް ކަމަށްވާ މަހްމޫދު އަނިޔާވެރި ގޮތަކަށް މަރާލުމަށް ފަހު އެ ރަށުގެ ފަޅު ގޯއްޗެއްގެ ތެރޭގައި ހުރި ވަޅަކަށް ވައްޓާލި މައްސަލާގައި ބަންގަލްދޭޝްގެ މީހެއް ކަމަށްވާ ސާލިމް މެރުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ އަހަރު އެވެ.

އެ ހުކުމުގެ ސައްހަކަން ކަށަވަރު ކުރަން ދައުލަތަށް ހުށަހެޅީ އެ ހުކުމް ސާލިމްގެ ފަރާތުން އިސްތިއުނާފް ނުކުރާތީ އެވެ.

ހައި ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި، ވަކީލަކު ބޭނުންވޭތޯ ސުވާލު ކުރުމުން އޭނާ ބުނީ އެ ފުރުސަތު ބޭނުންވާނެ ކަމަށެވެ. އަމިއްލައަށް ވަކީލަކު ހޯދޭ ފަދަ ތަނަވަސްކަމެއް ނެތް ކަމަށް ބުނެ ދިވެހި ބަހުންނާއި ބަންގަލްދޭޝްގެ ބަހުން ރުޅިވެރިކަމާ އެކު އޭނާ ވާހަކަ ދެއްކި އެވެ.

ސާލިމް ބުނީ ތަރުޖަމާނާ މެދު އޭނާ ހިތްހަމަނުޖެހޭ ކަމަށާއި މިހާރު ބޭނުންވަނީ ބަންގްލަދޭޝްގެ މީހަކު ތަރުޖަމާނަކަށް ހަމަޖައްސަން ކަމަށެވެ. ސަބަބެއްގެ ގޮތުގައި ސާލިމް ބުނީ ތަހުގީގުގައި މަރުހަލާގައި ކުށަށް އިއުތިރާފްވެއްޖެ ނަމަ ގައުމަށް ފޮނުވާލާނެ ކަމަށް ތަރުޖަމާނު އޭނާ ގާތު ބުނެފައިވާތީ ކަމަށް ބުނެ އެވެ.

"އެކަމަކު އަޅުގަނޑު އެގޮތަށް ބުނެފައެއް ނުވާނެ އިއްޒަތްތެރި ފަނޑިޔާރު،" ދަށު ކޯޓުގައި ވެސް ސާލިމްގެ ތަރުޖަމާނަކަށް އުޅުނު ދިވެހި މީހާ ބުންޏެވެ.

ދައުލަތުން ބުނިގޮތުގައި ތަހުގީގު މަރުހަލާގައި ދަނގެތީ ކޯޓުގައި ސާލިމްގެ ތަރުޖަމާނަކަށް އުޅުނީ އެހެން މީހެކެވެ. އެހެންވެ، ސާލިމް އެ އިޝާރާތް ކުރީ ކޮން ތަރުޖަމާނަކަށް ކަމެއް ސާފެއް ނުވެ އެވެ.

ސާލިމް މިއަދުގެ އަޑުއެހުމުގައި

ސާލިމް މިއަދުގެ އަޑުއެހުމުގައި

ޝަރުތު ހަމަވާ ނަމަ، ބަންގްލަދޭޝްގެ މީހަކު ތަރުޖަމާނަކަށް ހަމަޖައްސަން ދެކޮޅު ނަހަދާ ކަމަށާއި އަދި އެކަމާ މެދު ކޯޓުން ގޮތެއް ނިންމައިދޭން އެދޭ ކަމަށް ދައުލަތުން ބުންޏެވެ. ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ އެކަމާ މެދު ފަހުން ގޮތެއް ނިންމަވާނެ ކަމަށެވެ.

ސާލިމް ބުނިގޮތުގައި އޭނާ ބޭނުންވަނީ ދައުލަތުގެ ޚަރަދުގައި ވަކީލަކު ހޯދާށެވެ.

"ރަށުގައި ތިބި ތިމަންނަގެ މަންމަ އާއި ބައްޕަ ތިބީ ނުކައި، ނުބޮއެއޭ. ތިމަންނަ ބޭނުންވަނީ ދައުލަތުގެ ޚަރަދުގައި ވަކީލަކު ހަމަޖައްސާށޭ،" ސާލިމްގެ ވާހަކަ ތަރުޖަމާނު ތަރުޖަމާކޮށް ދިނެވެ.

އެހެންވެ، ދައުލަތުގެ ހަރަދުގައި ވަކީލުން ހަމަޖައްސަން އަމަލުކުރަންޖެހޭ ގޮތް އޭނާއަށް ސާފުކޮށް ދިނެވެ.

އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު ހަސަން ޝަފީއު އާއި މުހައްމަދު ނިޔާޒްގެ އިތުރުން ފަނޑިޔާރު ފާތިމަތު ފަރުހީޒާ އެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ޝަފީއު އެވެ.

މަރުގެ އަދަބު ތަންފީޒު ކުރެވެނީ ސުޕްރީމް ކޯޓުން މައްސަލަ ނިމިގެންނެވެ. ސުޕްރީމް ކޯޓުން މަރުގެ ހުކުމް ދަމަހައްޓާފައިވާ ތިން މީހަކު މިހާރު ވެސް އެބަ ތިއްބެވެ. އެކަމަކު ރާއްޖޭގައި މަރުގެ އަދަބެއް އެންމެ ފަހުން ތަންފީޒުކުރީ 1953 ވަނަ އަހަރު އެވެ.